މާލެއަކީ ދަންތުރައެއް ކަމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިކްރާމް ހަސަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ތަފާސްހިސާބުގެ ބިލުގެ ބަހުސް ކުރައްވަމުން ބޮންޑޭ ވިދާޅުވީ މާލެ އަށް މީހުން ޖަމާކުރަމުން ދާއިރު ރާއްޖޭގެ ސަރަހައްދުތަކުގައި ވަސީލަތްތައް އެބަހުރި ކަމަށެވެ.
ބޮންޑެ ވިދާޅުވީ މާލޭގެ މަގުތަކުގައި ދުއްވާ އެއްޗެހި ގިނަކަމުން ގިނަ ގޯޅިތަކަށް ވީލްޗެއާއެއްވެސް ވައްދާނުލެވޭ ކަމަށާއި ބައެއް ގޯޅިތަކުން ސަންދޯކެއް ވެސް ނުނެރޭވެނެ ކަމަށެވެ.
މާލޭގެ އިމާރާތްތައް ހުންނަ ގޮތަށް އިޝާރާތް ކުރައްވާ ބޮންޑޭ ވިދާޅުވީ ގެތަކުން މަގުމައްޗަށް ފެން ފައިބާ ގޮތަށް އެއާކޯންތައް ހަރުކޮށްފައިވާ ކަމަށެވެ. އަދި ފާހާނާތަކުގެ ފެން ވެސް މަގުތަކަށް ފައިބަމުންދާ ކަމަށް ވިދާޅުވިއެވެ.
އުމުރުން ދުވަސްވެފައިވާ މައިންބަފައިން ގޮނޑީގައި ގެއިން ނުނެރެވި ކެރޭން ބޭނުންކޮށްގެން ބާލަން ޖެހޭ ހިސާބަށް ގޮސްފައިވާ ކަމަށް ބޮންޑޭ ވިދާޅުވި އެވެ.
”ތަފާސްހިސާބަށް ބަލާއިރު މިއީ ދަންތުރައެއް އިއްޒަތްތެރި ރައީސް. މާލެއަކީ ޓްރެޕެއް. މާލެއަކީ ދަންތުރައެއް. މަގުން ހިނގައިދާއިރު ބޮލަށް ފެންތިކި ތަޅާނެ. ފާހާނާގެ ފެންތިކި ބޮލަށް ތަޅާނެ“ ބޮންޑޭ ވިދާޅުވިއެވެ.
މީގެ އިތުރުން ބޮންޑެ ވިދާޅުވީ ރާއްޖެ ލާމަރުކަޒީ ކުރުމަށް އެހެން ސަރަހައްދުތައް ތަރައްގީ ކުރަން ޖެހޭ ކަމަށެވެ.
ރާއްޖޭގައި ވަސީލަތްތައް އެބަ ހުރި ކަމަށާއި ފަޅުރަށްތަކާއި މަސައްކަތް ކުރެވޭނެ ވަސީލަތްތައް ހުއްޓާ މާލެ ތޮއްޖެއްސުމުގެ ސިޔާސަތެއް ގެންގުޅުމުގެ ބޭނުމެއް ނެތް ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

