ފިޝަރީޒް މިނިސްޓަރު ޒަޙާ ވަޙީދު މަސްޢޫލިއްޔަތު އަދާނުކުރައްވާކަމަށް ވިދާޅުވެ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް އެ ކަމަނާ ހާޒިރުކުރުމަށްއެދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ނާއިބް މުޤައްރިރު ޢަބްދުﷲ ޖާބިރު ރައްޔިތުން މަޖިލީހުގެ ރައީސްއަށް މުޙައްމަދު ނަޝީދަށް ދަންނަވައިފިއެވެ.
މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް، ޖާބިރު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ފިޝަރީޒް މިނިސްޓަރު ޒަޙާ ވަޙީދު އެ ކަމަނާގެ މިނިސްޓްރީގެ މަސްޢޫލިއްޔަތު އަދާކުރައްވަމުން ނުގެންދަވާކަމަށް ފެނިވަޑައި ގަންނަވާކަމަށެވެ. މި ގޮތުން އެ ކަމާބެހޭ ގޮތުން މިނިސްޓަރު ޒަޙާ ވަޙީދާއި ސުވާލުކުރުމަށް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް އެ ކަމަނާ ހާޒިރުކުރެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ޖާބިރުގެ ސިޓީގައިވަނީ އެދިވަޑައިގެންފައެވެ.
ފިޝަރީޒް މިނިސްޓަރު ޒަޙާ ވަޙީދު މަސްޢޫލިއްޔަތު އަދާނުކުރައްވާކަމަށް ވިދާޅުވެ ޖާބިރު ސިޓީ ފޮނުއްވަވާފައިވާއިރު، އެ ކަމަނާ ޤާނޫނާއި ޚިލާފުވެވަޑައިގަންނަވާފައިވާކަމަށް މަޖިލީހުގެ ޤަވާއިދު ކޮމިޓީން މީގެ ކުރިން ވަނީ ނިންމާފައެވެ.
މިނިސްޓަރު ޒަޙާ ވަޙީދު ޤާނޫނާއި ޚިލާފުވެވަޑައިގެންފައިވާކަމަށް ކުރިން ބަޔާންކޮށްފައިވަނީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤާވާއިދުތައް، އެ ޤާނޫނުގެ 86 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ހެދިފައިނުވާތީ، އެ މައްސަލަ ޤާވާއިދު ކޮމިޓީން ނިންމިގޮތުގެ ރިޕޯޓުގައެވެ. އެ ރިޕޯޓުގައިވާގޮތުން 16 ސެޕްޓެމްބަރު 2019 އިގައި އެ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވާއިރު، ޤާވާއިދުތައް އެކުލަވާލެވިފައެއް ނުވެއެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ރ) ގައިވާގޮތުން، އެ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން އެއްއަހަރު ދުވަހުގެތެރޭގައި، އެ ޤާނޫނުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްވެރިކަމުގެ ބާވާތްތަކާ ގުޅޭގޮތުން، އެ ޤާނޫނުގެ 19 ވަނަ މާއްދާގައި ބަޔާންކުރާ މެނޭޖްމަންޓް ޕްލޭނެއް ފިޝަރީޒް މިނިސްޓްރީން އެކުލަވައިލަންވާނެކަމަށް ވެސް ބުނެފައިވެއެވެ.
މިގޮތުން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤާވާއިދުތައް، އެ ޤާނޫނުގެ 86 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ހެދިފައިނުވާތީ، އެ މައްސަލަ އިތުރަށް ދިރާސާކުރުމަށްޓަކައި 11 ފެބްރުއަރީގައި ބޭއްވުނު ކޮމިޓީގެ ބައްދަލުވުމުގައި، މިނިސްޓަރު ޒަޙާ ކޮމިޓީއަށް ހާޒިރުކުރަން ކޮމިޓީގެ މެންބަރުން ނިންމެވިއެވެ. ނަމަވެސް މިނިސްޓަރު ޒަޙާ، ކޮމިޓީއަށް ވަޑައިނުގެންނެވޭނެކަމަށް ވިދާޅުވެ ގަވާއިދު ކޮމިޓީއަށް ސިޓީއެއް ފޮނުއްވުމުން، ގަވާއިދު ކޮމިޓީންވަނީ، މާޗް 10 ގައި ބޭއްވުނު އެ ކޮމިޓީގެ 4 ވަނަ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓްރީގެ ބޭފުޅުންނާއި ބައްދަލުކޮށް މަޝްވަރާކުރައްވާފައެވެ.

