ކީރިތި ޤުރުޢާނާއި ބެހޭ މަރުކަޒަށް މުވައްޒަފަކު ނެގުމުގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ ކަންތައްތަކެއް ހިނގާފައިވާތީ އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެމަރުކަޒަށް އަންގައިފިއެވެ.
އެސީސީގެ ރައީސް މަރިޔަމް ޝިއުނާ ސޮއިކުރައްވާ ޤުރުޢާނާއި ބެހޭ މަރުކަޒުގެ ރައީސް އަލްއުސްތާޒް އިބްރާހީމް ރަޝީދު މޫސާއަށް ފޮނުއްވާފައިވާ ސިޓީއެއްގައި ވިދާޅުވެފައިވަނީ، އެމަރުކަޒަށް އެއް އަހަރު ދުވަހުގެ މުއްދަތައް، ވަގުތީ ޑިރެކްޓަރެއް ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހި ކަންތައްތަކެއް އެކޮމިޝަނުން ހެދި ޕްރިލިމިނަރީ އިވެލުއޭޝަންގައި ފާހަގަވެފައިވާ ކަމަށެވެ.
އެގޮތުން އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލަ ބެލިބެލުމުން ޤުރުޢާނާއި ބެހޭ މަރުކަޒުގެ އެކަޑަމިކް ސެކްޝަނުގެ ޑިރެކްޓަރގެ މަޤާމަކީ ސިވިލް ސާވިސްގެ އޮނިގަނޑުގައި ހިމެނިފައިނުވާ، އަލަށް އުފެއްދި މަޤާމެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ޖޫން 29 ވަނަ ދުވަހު ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެކަޑަމިކް ސެކްޝަނުގެ ޑިރެކްޓަރގެ މަޤާމަކީ ސިވިލް ސާވިސްގެ ދާއިމީ އޮނިގަނޑު ފާސްވުމުން އެ މަޤާމު ސިވިލް ސާވިސްގެ ދާއިމީ އޮނިގަނޑުގައި ހިމެނޭނެ ކަމަށާއި އެ މަޤާމަށް މުސާރައާއި އިނާޔަތްތައް ދިނުމަށް ހަމަޖެހިފައިވަނީ 12 ސެޕްޓެމްބަރު 2019 ގައި އިސްލާމިކް މިނިސްޓްރީން ފާސްކޮށްފައިވާ ”ޒަކާތު ފަންޑުން މުސާރަދެމުން ގެންދާ ވަގުތީ މުވައްޒަފުންގެ އޮނިގަނޑު“ އާއި އެއްގޮތަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވާކަށެވެ.
ޤުރުޢާނާއި ބެހޭ މަރުކަޒުގެ ޑިރެކްޓަރ އެކަޑިމިން ސެކްޝަނުގެ މަޤާމަށް މީހަކު ހޯދުމަށް އިއުލާންކުރުމުން އެ މަޤާމަށް ތިން ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް އޭސީސީން ވަނީ ފާހަގަކޮށްފައެވެ. އަދި ވަޒީފާއަށް ކުރިމަތިލި މީހުންގެ ތެރެއިން އެކަކު އިންޓަވިއުއަށް ހާޒިރު ނުވާ ކަމަށް، ”ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް“ (A2 ފޯމް) ގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އަނެއް ދެ މީހުންގެ ތެރެއިން ވަޒީފާއަށް ހޮވުނީ، އެ ފަރާތަށް ދެވެނު ޕްރެކްޓިކަލް އިމްތިޙާނުންނާއި އިންޓަވިއު އިން އެންމެ މަތިން މާކްސް ލިބުނު ފަރާތްކަން އޭސީސީން ފާހަގަކޮށްފައިވެއެވެ. އަދި ވަޒީފާއާ ގުޅޭ މަސައްކަތުގެ ތަޖުރިބާއިން އެ ދެފަރާތަށްވެސް މާކްސް ލިބިފައިވަނީ އެއްވަރަށްކަންވެސް އޭސީސީން ފާހަގަކޮށްފައިވެއެވެ.
އޭސީސީން ފާހަގަކޮށްފައިވާ ގޮތުގައި ތައުލީމާއި ވަޒީފާގެ ތަޖުރިބާގެ ބައިން ޕޮއިންޓްދީފައިވާ ގޮތުގައި މައްސަލައެއް ނެތް ނަމަވެސް ދެވުނު ޕްރެކްޓިކަލް އިމްތިހާން ކަރުދާހުގައި ޕޮއިންޓްދީފައިވާ މިންގަނޑު ސާފެއް ނޫނެވެ. އަދި އެކަން ސާފުކުރެވޭނީ ޕޮއިންޓް ދިން މުވައްޒަފާ ސުވާލު ކުރެވިގެން ކަމަށް އޭސީސީގެ ސިޓީގައި ބުނެފައިވެއެވެ.
މުވައްޒަފުން ނެގުމަށް ކުރެވުނު އިންޓަވިއުގެ ޕެނަލްގައި ހިމެނި ވަޑައިގަންނަވާ އިސްލާމިކް މިނިސްޓްރީ ޕާމަނަންޓް ސެކްރެޓަރީ އަބްދުލް ޙަސީބު އިބްރާހިމް، ވަޒީފާއަށް ކުރިމަތިލި ދެ މީހުންގެ ތެރެއިން އެކަކަށް ޕޮއިންޓްދީފައިވާ ގޮތް އޭސީސީން ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން އެކަކަށް 98 ޕޮއިންޓް ދީފައިވާއިރު އަނެކަކަށް ދީފައިވަނީ 57 ޕޮއިންޓް ކަމަށް ފާހަގަކޮށްފައިވެއެވެ. ނަމަވެސް އަބްދުލް ޙަސީބް 57 ޕޮއިންޓްދިން ފަރާތަށް އިންޓަވިއުގެ ޕެނަލްގެ އަނެއް ދެމެމްބަރުން 96 ޕޮއިންޓްދީފައިވާކަންވެސް އޭސީސީން ވަނީ ފާހަގަކޮށްފައެވެ.
ޕްރިލިމިނަރީ އިވެލުއޭޝަނަށް ފަހު އޭސީސީން ބުނެފައިވަނީ ޤުރުޢާނާއި ބެހޭ މަރުކަޒުގެ އެކަޑަމިކް ސެކްޝަނުގެ ޑިރެކްޓަރގެ މަޤާމަށް މީހަކު ނެގުމަށް ކުރި އިންޓަވިއު އާއި ޕްރެކްޓިކަލް ޓެސްޓް ބާތިލްކޮށް އަބްދުލް ޙަސީބު އިބްރާހިމް ނުހިމަނައި އިންޓަވިއު ޕެނަލެއް އެކުލަވާލައިގެން އިންޓަވިއު އާއި ޕްރެކްޓިކަލް ޓެސްޓް ކުރިއަށް ގެންދިޔުމަށް އެކޮމިޝަނަށް ފެންނަ ކަމަށެވެ. އަދި އެކަމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންތައްތަކެއް ހުރުމުން އެކަން ތަހުޤީގު ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

