މި އަހަރުގެ ފުރަތަމަ 06 މަސް ދުވަހުގައި، 427 ކަމަކާއި ގުޅޭގޮތުން ޤާނޫނީ ލަފާދީފައިވާކަމަށް އެޓާރނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
އެޓާރނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް، ދަޢުލަތުގެ މުޢައްސަސާތަކުން 440 ކަމަކާ ގުޅޭގޮތުން ޤާނޫނީ ލަފަޔަށް އެދިފައިވާކަމަށެވެ. ނަމަވެސް، އެ މުއްދަތުގެތެރޭގައި ލަފާދީފައިވާނީ، 427 ކަމަކާ ގުޅޭގޮތުންކަމަށް ވެސް އެޓާރނީ ޖެނެރަލްގެ އޮފީހުން ބުނެއެވެ.
މި ގޮތުން އެޓާރނީ ޖެނެރަލް އޮފީހުން ދިން ލަފާގެ ތަފާސް ހިސާބުގައިވާ ގޮތުން، 4 ބިލެއް ތަޞްދީޤުކުރުމާބެހޭ ގޮތުން ލަފާދީފައިވާކަމަށް އެޓާރނީ ޖެނެރަލްގެ އޮފީހުން ބުނެއެވެ. މީގެ އިތުރުން، 156 އެއްބަސްވުމަކާ ބެހޭގޮތުން ލަފާދީފައިވާނެކަމަށާއި، 55 ޤަވާއިދަކާއި ބެހޭގޮތުން ލަފާދީފައިވާކަމަށް ވެސް އެޓާރނީ ޖެނެރަލްގެ އޮފީހުން ދިން ލަފާގެ ތަފާސްހިސާބުގައި ބުނެފައިވެއެވެ. އަދި އުސޫލުތަކާއި ގުޅޭގޮތުން ދިން 55 ލަފާގެ އިތުރުން، 06 މުއާޙަދާއަކާ ގުޅޭގޮތުން ލަފާދީފައިވާކަމަށް ވެސް ތަފާސް ހިސާބުގައި ބަޔާންކޮށްފައިވެއެވެ.
މި ލަފާތަކުގެ އިތުރުން އެހެނިހެން ކަންކަމާއި ބެހޭގޮތުން، 176 ލަފައެއްދީފައިވާކަމަށް ވެސް އެޓާރނީ ޖެނެރަލް އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އެޓާރނީ ޖެނެރަލް އޮފީހުން ދިން ލަފާގެ ތަފާސް ހިސާބު ޢާންމުކޮށްފައިވާއިރު، އެންމެ ފަހުން އެ އޮފީހުން ހުސްވި މަހުގެ 30 ވަނަ ދުވަހުވަނީ، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލު ދިރާސާކުރައްވާ މަޖިލީހުގެ ސަބް ކޮމިޓީއަށް ލަފާދެއްވާފައެވެ. މީގެ އިތުރުން، މި ހުސްވި މަހުގެ 29 ވަނަ ދުވަހުވަނީ ފުލުހުންގެ ބިލު އިތުރަށް ފުރިހަމަކުރުމަށް ލަފާދީ އިސްލަހުތަކެއް ހުށަހަޅާފައެވެ.

