ސަފާރީއެއްގައި ހިނގި ރޭޕް ކޭސްގައި ކުށުގެ ވެށިން ހައްޔަރުކުރި މީހުން ދޫކޮށްލީ ފޯންކޯލްއެއްވިޔަސް، އަދި އެހެން ގޮތަކުން ވިޔަސް ނުފޫޒެއް އައިސްގެންނޫން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީޙުގެ ހިޔުމަން ރައިޓސް އެންޑް ޖެންޑަރ ކޮމިޓީއަށް ފުލުހުން ހާޒިރުކޮށް މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ފުލުހުން ވިދާޅުވީ، އެމީހުންގެ ބަޔާން ނަގައި، ޑޮކްޓަރަށް ދެއްކުމާއި ދޫކޮށްލުމުގެ ކަންކަން ކުރިއަށްދިޔައީ އެވަގުތު ކްރައިމް ސީންއަށް އެޓެންޑްވި ފުލުހަށް ލިބިފައިވާ ތަމްރީނާއި ތަޖްރިބާގެ އަލީގައި އޮފިސަރުންނަށް ފެންނަ ގޮތަށް ކަމަށެެވެ. އަދި މިހާދިސާއާ ގުޅިގެން އެއްވެސް ސްޓޭޝަނަަކަށް އެއްވެސް ކަހަލަ ނުފޫޒެއް ފޯރުވާފައިނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މައްސަލައިގެ އިތުރު ތަފްސީލް ހާމަކުރައެްވަމުން ފުލުހުން ވިދާޅުވީ، މައްސަލަ ފާހަގަކުރެވުނީ ފުލުހުން އެވަގުތު ޕެޓްރޯލް ކުރަމުން ދަނިކޮށް ކަމަށެވެ. އަދި އެސަރަހައްދުން ފެނުނު މީހުންނާއި އެވަގުތު ސުވާލުކުރި ކަމަށާއި އެއަންހެން މީހާ އެވަގުތު ބުނީ ރަހްމަތްތެރިއެއްގެ ދައުވަތަކަށް ޕާޓީއަކަށް އައީ ކަމަށާއި އަދި އެއިން މީހެއް އަތުގައި އަންހެންމީހާގެ ފޯނު އޮތް ކަމަށެވެ. އެހެންނަމަވެސް ކްރައިމް ސީންއިން ފާހަގަވިކަންކަމަށް ބަލައި، ޕޮލިސް ރިކޯޑަށް މައްސަލަ ހުށައެޅުނީ ޖިންސީ ގޯނާގެ މައްސަލައެއްގެ ގޮތުގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ފުލުހުން އެވަގުތު އަމަލުކުރީ އިޖުރާއަތްތަކާއި އެއްގޮތަށް ކަމަށްވެސް ކޮމިޓީގައި ވާހަކަދެއްކެވި ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ އަންހެން މީހާގެ އަތުގައި އެވަގުތު އެއްވެސް ޑޮކިޔުމަންޓެއް ނެތް ކަމަށާއި އެހެންކަމުން ޑޮކްޓަރަށް ދެއްކުމުގެ ކުރިން މާލެ އައިސް ބައެއް ޑޮކިޔުމަންޓްތައް ނަގަން ޖެހުނު ކަމަށެވެ. އަދި ވިކްޓިމް ޑޮކްޓަރަށް ދައްކަން އުޒުރުވެރިވިކަމަށްވެސް ފުލުހުން ބުންޏެވެ. އެހެންނަމަވެސް ވިކްޓިމް ޑޮކްޓަރަށް ދައްކައި މެޑިކަލް ރިޕޯޓްވެސް މިހާރު އެބައޮތް ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ ގާނޫނުގައި ކުށްތައް ތަރުތީބުވެފައި ހުންނަނީ ފުރަތަމަ ރޭޕްގެ މައްސަލަތައް، އެއަށްފަހު ޖިންސީ އަނިޔާއަދި އެއަށްްފަހު ޖިންސީ ގޯނާގެ މައްސަލަތަކުގެ ގޮތުގައި ކަމަށެވެ. އަދި މިމައްސަލަ ބަލަނީ ޖިންސީ ގޯނާގެ މައްސަލައެއްގެ ގޮތުގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެމީހުން ހައްޔަރުކުރިއިރު ތިބީ ކޮން ހާލަތެއްގައިތޯ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ސުވާލުކުރެއްވުމުން ފުލުހުން ވިދާޅުވީ، އެވަގުތު ޑިޔުޓީގައި ތިއްބެވި ފުލުހުންނަށް އެމީހުން ތިބީ މަސްތުގެ ހާލަތުގައިކަމަށް ފާހަގަވެފައިނުވާ ކަމަށާއި އެހެންކަމުން އެކަމާއި ގުޅިގެން އިތުރު ތަހުގީގެއް ކުރެވިފައި ނުވާ ކަމަށެވެ.

