ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެފްޕީއައިޑީގެ 380 މިލިއަން ޑޮލަރުގެ ޚިޔާނާތުގެ މައްސަލައިގައި، މިނިސްޓަރު މާރިއާ އާއި، އެ ކަމަނާގެ ދަރިފުޅަށް ބޮޑެތި ތުހުމަތުތަކެއް

ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ 29 އަހަރު ކުރިން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހިންގި ފިޝަރީޒް ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް (އެފްޕީއައިޑީ) ގެ ހިޔާނާތުގެ މައްސަލަ ބައްލަވައިދިނުމަށް އެދި އަމިއްލަ ފަރާތަކުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.

މި ގޮތުން މި ކަން ބައްލަވައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާއަށް، ގދ.ބަގުފަޑިއްގޭ، އިބްރާހިމް އަބީދު އުބައިދު ފޮނުވި ސިޓީގައި ވަނީ، ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިނގައިދިޔަ އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަކަމުގައިވާ، 1990 ވަނަ އަހަރު ހިންގި އެފްޕީއައިޑީގެ މައްސަލަ ބައްލަވައިދިނުމަށް އެދޭކަމަށް ބުނެފައެވެ.

މީގެ އިތުރުން، އެފްޕީއައިޑީގެ ޚިޔާނާތުގައި، ރައްޔިތުންގެ ފައިސާއިން 380 މިލިއަން ޑޮލަރުގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަމަށާއި، މިއަދުގެ ފައިސާއިން އަގުކުރާނަމަ އެއީ 1 ބިލިއަން ޑޮލަރުކަމަށް ވެސް ސިޓީގައި ފާހަގަކޮށްފައިވެއެވެ. އަދި މި މައްސަލަ ރައްޔިތުންގެ މަޖިލީހުން ވެސް ކުރިން ބަލާފައިވާކަމަށާއި، ފާއިތުވި ސަރުކާރުން ވެސް ރިޔާސީ ކޮމިޝަނެއް ހަދައިގެން މި މައްސަލަ ބަލާފައިވާކަމަށާއި، ނަމަވެސް ވެރިކަން ބަދަލުވިއިރު ތަޙުޤީޤު ނިމިފައިނުވާކަމަށާއި، މައްސަލަ ބެލުން ވެސް ހުއްޓިފައިވާކަމަށް ވެސް ސިޓިގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ސިޓީގައި ވަނީ، މި ޚިޔާނާތުގައި ބައިވެރިވި ފަރާތްތަކުން މިހާރުވެސް ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވަމުންދާކަމަށާއި، މި ކަންތައްތައް މިހެން ހުރުމަކީ މިފަދަ ކޮރަޕްޝަންގެ ޢަމަލު ހިންގުމަށް ލިބޭނެ ހިތްވަރެއްކަމަށް ވެސް ބުނެފައެވެ.

ސިޓީ ފޮނުވި ފަރާތުން ވަނީ މި މައްސަލައިގެ މައުލޫމާތު އެނގޭން ފަރާތްތަކެއްގެ ނަން ވެސް ސިޓީގައި ހިމަނާފައެވެ. މި ގޮތުން، އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފާއި، ކުރީގެ ހޯމް މިނިސްޓަރު އަޙްމަދު އަޒްލީންގެ ނަން ހިމަނާފައިވާއިރު، ޝަރީފަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި މި މައްސަލަ ބެލިއިރު، މައްސަލަ ތަޙުޤީޤު ކުރެއްވުމުގައި އެންމެ އިސްކޮށް ހުންނެވި ފަރާތްކަން ފާހަގަކޮށްލެވެއެވެ. ހަމައެއާއެކު ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަކީ ރައީސް ޢަބްދުﷲ ޔާމިނު ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި އެ މައްސަލަ ތަޙުޤީޤުކުރި ރިޔާސީ ކޮމިޝަންގެ މެންބަރެކެވެ.

އެފްޕީއައިޑީގެ މި ބޮޑު ޚިޔާނާތުގެ މަންފާވިކަމަށް ބުނެ، ސިޓީގައި ވަނީ ބައެއް ފަރާތްތަކަށް ތުހުމަތުކޮށްފައެވެ. މި ގޮތުން، ސިޓީ ހުށަހެޅި ފަރާތުން ވަނީ، ޑިފެންސް މިނިސްޓަރު މާރިއާ އަޙްމަދުދީދީގެ ކުރީގެ ފިރިކަލުން ޢަބްދުއްސައްތާރު (ސަޓޯ) އާއި، ރައީސް މައުމޫނު ޢަބްދުލްޤައްޔޫމްގެ ޅިޔަނު އަދި އޭރުގެ ޓްރޭޑް މިނިސްޓަރު އަދި އެސްޓީއޯއާއި އެފްޕީއައިޑީ ހިންގެވުމުގައި އިސްކޮށް ހުންނެވި އިލްޔާސް އިބްރާހިމް އަށް، ޚިޔާނާތުގެ މަންފާ ލިބިވަޑައިގެންފައިވާކަމަށް ބުނެފައެވެ.

ޚިޔާނާތުގެ މުގުލުގައި ހުންނެވިކަމަށް ބުނާ ކުރީގެ މިނިސްޓަރު އިލްޔާސް އިބްރާހިމް ރައީސް ނަޝީދުއާއެކު. ފޮޓޯ: ވަގުތު

މީގެ އިތުރުން، ޢަބްދުއްސައްތާރު(ސަޓޯ) ގެ ކުރީގެ އަނބިކަނބަލުން މިނިސްޓަރު މާރިއާ އަޙްމަދުދީދީއާއި، އެ ދެބޭފުޅުންގެ ދަރިފުޅު ޢައްފާން ސައްތާރަށް ވެސް ޚިޔާނާތުގެ ފައިސާއިން މަންފާ ލިބިވަޑައިގެންފައިވާކަމަށް ބުނެފައެވެ. އަދި ޢަބްދުއްސައްތާރުގެ ކޮއްކޮ، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު، މުޙައްމަދު ފަލާޙަށް ވެސް، ޚިޔާނާތުގެ ފައިސާއިން މަންފާ ލިބިލައްވާފައިވާކަމަށް ތުހުމަތުކޮށްފައިވެއެވެ.

ޚިޔާނާތުގެ ފައިސާއިން މަންފާލިބުނުކަމަށް ބުނާ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާޙު. ފޮޓޯ: ވޮއިސް

ސިޓި ހުށަހެޅި ފަރާތުން ވަނީ، ޚިޔާނާތުގެ މައްސަލައިގައި ޝާމިލްވާ މީހުންނާއި، މައްސަލައިގެ މަޢުލޫމާތު ހުރި ފަރާތްތައް ކޮމިޝަނަށް ހާޒިރުކޮށް މަޢުލޫމާތު ހޯދާ އިންސާފުވެރި ތަޙުޤީޤެއް ހިންގުމަށް ގޮވާލާފައެވެ.

އެފްޕީއައިޑީގެ ޚިޔާނާތުގެ މައްސަލަ ބައްލަވައިދިނުމަށް އެދި ޢާންމު ފަރާތަކުން ސިޓީ ފޮނުވާފައިވާއިރު، ރައީސް ޔާމިނުގެ ދައުރުގައި ހިންގި އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ، އޭސީސީން ވަނީ ތަޙުޤީޤުކުރަން ފަށާފައެވެ. އަދި ރައީސް މައުމޫންގެ ވެރިކަމުގައި ހިނގި ކަމަށް ބުނާ800 މިލިއަން ޑޮލަރުގެ ތެލުގެ ވަގުވިޔަފާރީގެ މައްސަލަ ވެސް މަޖިލީހުންނާއި އޭސީސީން މިހާރު ދަނީ ތަހުޤީޤުކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: