ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މައުމޫނާއި، ދެން ތިއްބެވި ރައީސުން އުޑާއި ބިމާހައި ތަފާތުކަން ޤައުމު ޤަބޫލުކުރޭ

ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެ މަނިކުފާނުގެ ތަޢާރަފެއްދެވޭތޯ މި ކުރިމަތިލަނީ ވަރަށް ވެސް ޖެހިލުންވެ ހުރެއެވެ. ސަބަބަކީ ސިއްރަކީ، އެ މަނިކުފާނު މި ޤައުމަށްކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ ގިނަގުނަކަމެވެ. އަޅުގަނޑު މި ދަންނަވާ ވާހަކައާއި ޚިލާފުވާ ބޭފުޅަކު ހުންނެވިނަމަވެސް، މި ދަންނަވަނީ ތެދު ޙަޤީޤަތެއްކަމަށް މި ޤައުމުގެ ހާލުގެ “ދޫ” އެއްބަސްވާނެއެވެ.

އެ މަނިކުފާނުގެ ތަޢާރަފުކުރުމަށްޓަކައި، އަޅުގަނޑު ދަންނަވާނީ އެއީ ހިންގުންތެރި، ޙިކްމަތްތެރި، ޚިދުމަތްތެރި ސިޔާސީ ލީޑަރެއްކަމަށެވެ. އިޖްތިމާޢީ ގޮތުންނާއި، އިޤުތިޞާދީ ގޮތުންނާއި، ޢުމްރާނީގޮތުންނާއި، ދީނީގޮތުން ޚިދުމަތްކުރެއްވި ބަޠަލެއްކަމަށެވެ. އެއީ ކުޅަދާނަ ވާހަކަދެއްކުންތެރިއެއްގެ އިތުރުން، ބިނާކުރުވަނިވި ލިޔުންތައް ލިޔުއްވާފައިވާ ލިޔުންތެރިއެއްކަމަށެވެ. އަދި ކީއްތަ، އަދަބީގޮތުން ވަރަށް ވެސް ފުންނާބުއުސް ބޭފުޅެއްކަމަށެވެ.

އާދެ، އެއީ ތާރީޚީ ފޯކްލޯރގައި ގއ.ވިލިނގިއްޔަށް ލެއްގިކަމަށް ބުނާ ސާލިމްގެ މުޙައްމަދު ޙަބްޝީގެ ނަމުން މަޝްހޫރުވި ބަބުރު ނައިބު ކަލޭފާނުގެ ނަސްލަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. ސާލިމަކީ، އެފްރިކާ ބައްރާއި ވަކިން އޮންނަ ޖަޒީރާ ޤައުމެއްކަމަށްވާ، ޒަންޖިބާރުގެ ކުޑަކުއްޖެއްކަމަށާއި، ޢާއިލާނެތި އެކަނިވެރިވެފައިވަނިކޮށް ޒަންޖިބާރުގެ މުއްސަނދި މީހަކު، ސާލިމު އަޅުވެތިކޮށްގެން ޙަބަޝާއަށް ވިއްކައިލިކަމަށް ދޫދޫމަތިން ކިޔެމުން އާދެއެވެ. މި ގޮތުން އަޅުގަނޑު ތިޔަބޭފުޅުންނަށް މި ތަޢާރަފުކޮށްދޭންއުޅޭ ބޭފުޅަކީ، އިސްވެ މި ދެންނެވި ބަބުރު ނާއިބު ކަލޭފާނުގެ، ކަޅު ޢަލިމަނިކުގެ، ޢުމަރުމަނިކު(ދޮންމަނިކު) ގެ، އިބްރާހިމް މާފަތްތަކުރުފާނުގެ، ޢަބްދުލްޤައްޔޫމް ދޮންސީދީގެ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމެވެ. އެ މަނިކުފާނުގެ މަންމާފުޅަކީ، ބޮއި މޫސާ ކަލޭފާނުގެ، ޚަދީޖާދީދީ(ކަތްދައިދީ) އެވެ.

ދިވެހިރާއްޖޭގެ ތިންވަނަ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމު އުފަންވެވަޑައިގަތީ، މީލާދީން 1937 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 29 ވަނަ ދުވަހުއެވެ. ހިޖުރީ ސަނަތުން ބަލާއިރު އެއީ، 1356 ވަނަ އަހަރުގެ ޝައްވާލުމަހުގެ 25 ވީ ބުދަދުވަހެވެ. ރައީސް މައުމޫން އެންމެ ފުރަތަމަ ތަޢުލީމު ހާސިލުކުރެއްވީ، އެ މަނިކުފާނުގެ ލޭފަވެތި ބައްޕާފުޅު ޢަބްދުލްޤައްޔޫމްގެ އަރިއަހުންނެވެ. އެއަށްފަހު ތަޢުލީމު ހާސިލުކުރައްވަން ވަޑައިގަތީ މަދަރުސަތުއް ސަނިއްޔާއަށެވެ. އޭގެފަހުގައި، ސަރުކާރުގެ ޚަރަދުގައި ސިލޯނަށް ވަޑައިގެން، ސޯސަންވިލާގެ ދަރިވަރެއްގެ ގޮތުގައި ދުވަސްތައް ހޭދަކުރެއްވިއެވެ. ސޯސަންވިލާއިން އެ މަނިކުފާނު ދެން ވަޑައިގަތީ، މިޞްރަށެވެ. މިސްރަށް ވަޑައިގެންނެވީ ޢުމުރުފުޅުން އެންމެ 12 އަހަރުފުޅުގައި ހިޖުރައިން 1950 ވަނަ އަހަރުއެވެ. މިޞްރަށް ވަޑައިގެން، އެ ޤައުުމުގައި ހުންނަ ޖާމިޢުލް އަޒުހަރުން ޢިލްމު އުނގެނިވަޑައިގަތެވެ. އޭގެފަހުން މިޞްރުން ނައިޖީރިއާއަށް ވަޑައިގެން އެ ޤައުމުން ވެސް ރައީސް މައުމޫން ވަނީ ޢިލްމު އުނގެނިވަޑައިގެންފައެވެ. މި ގޮތުން، ތަޢުލީމު ހާސިލުކުރެއްވުމަށްފަހު ޤައުމަށް އެނބުރިވަޑައިގަތީ، މީލާދީ ސަނަތުން 1971 ވަނަ އަހަރުގައެވެ.

ޤައުމަށް އެނބުރި ވަޑައިގެން އެންމެ ފުރަތަމަ އަދާކުރެއްވީ، އަމީނިއްޔާގެ މުދައްރިސެއްގެ މަޤާމެވެ. އެއަށްފަހު ރައީސް މައުމޫން ފުރުއްވަވާފައިވާ މަޤާމުތަކުގެތެރޭގައި، އ.ދ އަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބުކަމާއި، ސްރީލަންކާގައި ހުންނަ ސަފީރުގެ އޮފީހުގެ ވެރިޔާކަމާއި، ރައީސް ނާޞިރުގެ ޒަޢާމަތުގައި، ރައީސް އޮފީހުގެ ޚާއްސަ ވަކީލުކަން ހިމެނެއެވެ. މީގެ އިތުރުން، މީލާދީން 1977 ވަނަ އަހަރުގެ މާރިޗުމަހުގެ 29 ވަނަ ދުވަހުގައި މިނިސްޓަރ އޮފް ޓްރާންސްޕޯޓްކަން ކުރެއްވިއެވެ. އެއަށްފަހު، 11 ނޮވެމްބަރު 1978 އިން ފެށިގެން، 11 ނޮވެމްބަރު 2008 އަށް އެ މަނިކުފާނުވަނީ މި ރާއްޖޭގެ ރައީސްކަންކުރައްވާފައެވެ. އަދި ހަމަ އެ މުއްދަތުގައި ސިފައިންގެ އެންމެ މަތީ ވެރިއަކީ ވެސް، ރައީސް މައުމޫނެވެ. މީގެ އިތުރުން،11 ނޮވެމްބަރު 1993 ގައި، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓެރަޒަރީކަމާއި،1 ޖުލައި 1981 ގައި އެމްއެމްއޭގެ ގަވަރުނަރުކަންވެސް ކުރައްވާފައިވެއެވެ.

ރައީސް މައުމޫންގެ ޒަޢާމަތުގައި ވަނީ ހީވެސްނުކުރާހައި، ގިނަ ކަންތައްތަކެއް މި ޤައުމަށް ކޮށްދެއްވާފައެވެ. މިފަދަ އާޓިކަލްއެއްގައި އެ ހުރިހައި ޚިދުމަތްތަކަކަށް އަލިއަލުވައިލަން އަޅުގަނޑުގެ ގަލަން ޢާޖިޒުވެގެންވެއެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ، އެ މަނިކުފާނުގެ 30 އަހަރުގައި، ކޮށްދެއްވާފައިވާ ޚިދުމަތްތަކަކީ، މި ރާއްޖެއަށްއައި ކުރީގެ ރައީސްއަކަށް ވިޔަސް، އަދި ފަހުގެ ރައީސްއަކަށް ވިޔަސް ކުރެއްވެވޭނެކަމެއް ނޫންކަން އަޅުގަނޑު ޤަބޫލުކުރަމެވެ. ސަބަބަކީ، އެ މަނިކުފާނުގެ ވިސްނުންފުޅާއި، ދެން ތިއްބެވި ރައީސުންގެ ވިސްނުންފުޅާއި އަޅާބަލާއިރު އުޑާއި ބިމާހައި ތަފާތެވެ. މި ގޮތުން އެ މަނިކުފާނު ކޮށްދެއްވި ބައެއް ޚިދުމަތްތަކަށް ބަލައިލާއިރު، މާލޭ ބިންހިއްކުމުގެ މަޝްރޫޢުއާއި، މާލޭ މަގުހެދުމުގެ މަޝްރޫޢުއާއި، ރަށްރަށުގެ ބަނދަރުހެދުމާއި ލަފާފުރުމުގެ ދަތިކަން ހައްލުކޮށްދެއްވުން ހިމެނެއެވެ. އޭގެ އިތުރުން، އިސްލާމީ މަރުކަޒު ބިނާކުރުމާއި، އިލެކްޓްރިކް އަލިން ރާއްޖޭގެ ކަންކޮޅުތައް ދިއްލައިލެއްވުމާއި، ރައީސް އޮފީހާއި ތީމުގެ ޒަމާނީ ފެންވަރަށް ޢިމާރާތްކުރުން ހިމެނެއެވެ. އަދި ހަމައެއާއެކު ހުކުރުމިސްކިތާއި، ޢީދުމިސްކިތާއި، އެ ފަދަ އެހެން މިސްކިތްތައް ދިގުމުއްދަތަކަށް ހުންނާނެގޮތަށް ސައެންޓިފިކް ގޮތުން ރައްކާތެރިކުރުމާއި، ނޫސްވެރިކަން ތަރައްޤީކުރައްވައި ޒަމާނީކުރެއްވުމާއި، އިޖްތިމާޢީ ޚިދުމަތްތެރިންނަށް ހިތްވަރު ދެއްވުމުގެ ގޮތުން ޤައުމީ އިނާމް ތަޢާރުފުކުރެއްވުން ވެސް ހިމެނެއެވެ. އަދި ސިފައިން ތަރައްޤީކުރައްވައި ޒަމާނީކުރައްވައި، ފުލުހުންނަކީ މަދަނީބައެއްގެ ގޮތުގައި ހަމަޖެއްސުމާއި، އަތޮޅުތަކަށް ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް ތަޢާރަފުކުރެއްވުމަށްޓަކައި، ވައިގެ ބަނދަރުތައް ޤާއިމުކުރެއްވުން ވެސް ހިމެނެއެވެ. ހަމަ މި މޭރުމުން ބަލާއިރު، ސިފައިންނާއި ފުލުހުންގެ ޚިދުމަތް އަތޮޅުތަކަށް ފުޅާކުރެއްވުމާއި، ޗާޕުގެ ޚިދުމަތްތައް ތަރައްޤީކުރައްވައި ފުޅާކުރެއްވުމާއި، އިންފޮރމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ރާއްޖެއަށް ތަޢާރަފުކުރެއްވުމާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އުފެއްދެވުން ވެސް އެ މަނިކުފާނުގެ ޚިދުމަތްތަކުގެތެރޭގައި ހިމެނެއެވެ. އޭގެ އިތުރުން، މަލްޓިޕާޓީ ޑިމޮކްރެސީ ތަޢާރަފުކުރައްވައި، ރަށުކޯޓުތައް އުފައްދަވައި، ހައިކޯޓާއި، ސުޕްރީމް ކޯޓް އުފައްދަވާފައިވަނީ ވެސް، އެ މަނިކުފާނުގެ ޒަޢާމަތުގައެވެ.

އިސްވެ މި ދެންނެވި ޚިދުމަތްތަކުގެ އިތުރުން ވެސް، އެ މަނިކުފާނަކީ ނުހަނު ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެ ޚިދުމަތްތަކަށް އިތުރު ފުރުސަތެއްގައި، ތިޔަބޭފުޅުންނާއި ހިއްސާކޮށްލުމުގެ އުންމީދުގައި ކަރުދާހުން ގަލަން ވަކިކޮށްލަމެވެ. ނަމަވެސް އަދިވެސް ދަންނަވަންތޯއެވެ. ކޮންމެ މީހަކީ އެންމެ ފުރިހަމަ މީހެއްނޫނެވެ. ނަމަވެސް މި ދެންނެވި ވާހަކައާއެކުވެސް، އަޅުގަނޑު ދެކޭގޮތުގައި ރައީސް މައުމޫން ކުރެއްވިފަދަ ވެރިކަމެއް، ރައީސް ނަޝީދަކަށް ވެސް، ރައީސް ޔާމިނަކަށް ވެސް، ރައީސް ވަޙީދަކަށް ވެސް ކުރެއްވިފައެއްނެތެވެ. އަދި ކީއްތަ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ވެސް ކުރެއްވޭނެއޭ އަޅުގަނޑު ހިތެއް ނުބުނެއެވެ. ބަޔަކު ކިތަންމެ ވަރަކަށް އެއްޗެހި ގޮވިޔަކަސް، އެ އެއްޗެހި ގޮވާ މީހުންނަށް އެ ހިސާބަށް އާދެވިފައި އެ ތިބީ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް މި ރާއްޖެއަށް ގެންނެވި އިންޤިލާބުގެ ސަބަބުންކަމާމެދަކު ޝައްކެއްނެތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. މިއީ އަސަރު ކުރުވި ލިޔުމެއް. ރައީސް މައުމޫނުގެ ޚިދުމަތާއި އެ މަނިކުފާނުގެ ޢިލްމީ އަދި ސިޔާސީ ޝަޚުޞިއްޔަތަކީ މި ފަހުގެ ޖީލުތައް ނުދެކޭ ފަދަ ކުޅަދާނަ ހަރުދަނާ ޝަޚުޞިއްޔަތެއް! ރައީސް މައުމޫނުގެ، ގުނައި ޢަދަދު ނުކުރެވޭ ޚިދުމަތްތަކުގެ ކާމިޔާބީ “ޔުނީކް” ވާ އެއްކަމަކީ ޙިކްމަތްތެރިކަން! އެއީ ޙިކްމަތްތެރި ކަމާއެކު ޤައުމީ ކަންކަން ރާއްވަވައި ތަންފީޒު ކުރައްވައި، ޙިކްމަތްތެރި ކަމާއެކު ޤައުމީ ނިންމުންތައް ނިންމެވި، “ރައްޔިތުން” ދެކެ “އިންތިހާއަށް ލޯބިވާ”، ލީޑަރެއް! ޤައުމު ދެކެ “އިންތިހާއަށް ލޯބިވާ” މުވާޠިނެއް! އެ “ޙިކްމަތްތެރިކަން” ޤައުމަށް ދިން އިތުބާރަކީ “ކޮލިޓީ”!

  2. ޒަމާންތައް ދިގުލައިގެން ދިޔަޔަސް، ޤައުމުގެ ހިތް އަދިވެސް ބުނަމުން ދަނީ މިބީދައިން،”ތިޔަ ނޫން އެދޭ ޙަބީބަކު، ނުމެ ނެތްމެ ލޯބިވާ، ތިޔަހާ ވަރަށް އަނާ ދެކޭ އަޞްލަށްމެ ލޯބިވާ”

  3. މިއީ ހާދަހާ ހަޤީޤި ޅިޔުމެކޭ. އަތްފުނާ އެޅިޔަސް ރައީސް މައުމޫނު ވަރެއް ނުފެންނާނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: