ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭ ސިޓީގެ މިސްކިތްތަކުގައި މާދަމާގެ ހުކުރު ނަމާދު ނުކުރާނެ!

ފޮޓޯ: ޢިލްމުއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާއި ގުޅިގެން، މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި މާދަމާގެ ހުކުރު ނަމާދު ނުކުރާގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ދީނީ ޢިލްމުވެރިންނާއި، ޑޮކްޓަރުންގެ ލަފާގެ މަތިން، މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި މާދަމާގެ ހުކުރު ނަމާދުގެ ޖަމާޢަތް ނުހެދުމަށް ނިންމާފައިވާކަމަށެވެ.

އިސްލާމިކް މިނިސްޓްރީން މި ފިޔަވަޅުއަޅަން ނިންމީ، ހުކުރު ނަމާދުގެ ޖަމާޢަތަކީ، ވަރަށް ގިނަ ބަޔަކު އެއްތަނަކަށް ޖަމާވެ ގިނަ ވަގުތުތަކެއް ހޭދަވާ ޖަމާޢަތަކަށްވުމުންކަމަށާއި، މި ދަނޑިވަޅަކީ މަރުހަލާތަކަކަށް ބަހާލައިގެން ޢާންމު ހާލަތަށް ލުއިތަށްދީ، އެ ލުއިތަކުގެ ސަބަބުން ބަލި ފެތުރޭ ގޮތް ދިރާސާކޮށް ދެނެގަނެ އޭގެ މައްޗަށް ބިނާކޮށް އިތުރު ނިންމުންތަކެއް ނިންމަންޖެހޭ ހާލަތަކަށް ވުމުންކަމަށް ބަޔާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން، ކޮވިޑް ފެތުރިދާނެކަމުގެ ބިރު އޮތްކަމަށް ޑޮކްޓަރުން ލަފާކުރައްވާތީއާއި، މިފަދަ ހާލަތެއްގައި ޢަމަލުކުރުމަށް އިސްލާމުދީނުގައި އައިސްފައިވާ ޝަރުޢީ ޤަވާއިދުތަކަށް ރިޢާޔަތްކުރުމަށްފަހު ޢިލްމުވެރިންގެ ލަފާގެ މަތިންކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ. މި ގޮތުން އިސްލާމްދީން އޭގެ މައްޗަށް ބިނާވެގެންވާ މައިގަނޑު ފަސް އަސްލުގެތެރޭގައި ފުރާނަތަކުގެ މައްޗަށް ރައްކާތެރިވުން ހިމެނޭކަމަށް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ، މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި މާދަމާގެ ހުކުރު ނަމާދު ޖަމާޢަތުގައި ނުކުރަން ނިންމިކަމުގައިވިޔަސް، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ފަރުޟު ފަސް ނަމާދު ޤާއިމުކުރުމުގެ ނިޢުމަތް މިންވަރުކުރައްވާފައިވާތީ، މި ދަނޑިވަޅުގައިވެސް ކަމާބެހޭ ފަަރާތްތަކުންދޭ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުކުރުމަށް ނަސޭހަތްތެރިވެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން، ތިންވަނަ ފިޔަވަހީގައި ދީފައިވާ ލުއިތަކުގެ ދަށުން، ރާއްޖޭގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރަން ފަށާފައިވަނީ ބުދަދުވަހުގެ މަޣުރިބު ނަމާދުން ފެށިގެންނެވެ. ނަމަވެސް ޖަމާޢާތުގައި ނަމާދުކުރާއިރު، އެއްވެސް ނަމާދެއް 7 މިނެޓަށްވުރެ ދިގު ނުކުރުމަށާއި، ބަންގިއަށްފަހު 5 މިނެޓުގެތެރޭގައި ގަމަތްދީ ނަމާދުކުރުމަށް އިމާމުންނަށްވަނީ އަންގާފައެވެ. މީގެ އިތުރުން ވެސް އަންގަވާފައިވެއެވެ. ހުރިހައި ނަމާދެއްގައިވެސް ޟުޙާ ސޫރަތުން ފެށިގެން ތިރީގެ ސޫރަތްތައް ކިޔެވުމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.

މީގެ އިތުރުން ސިޓީ ކައުންސިލުން ސަމާލުކަން ދޭންވީ ކަންކަންމުގެތެރޭގައި، ނަމާދުކުރުމަށް ހުޅުވައިލާ މިސްކިތުގައި ކާޕެޓުއަޅާފައި ނެތުމާއި، ކޮންމެ ނަމާދެއް ފެށުމުގެކުރިން މިސްކިތުގައި މޮޕުލައި ސާފު ކުރުމާއ، ސައިބޯނިލައިގެން އަތްދޮވެވޭނެ އިންތިޒާމު މިސްކިތުގައި ހަމަޖައްސަންވާނެކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ކޮންމެހެން ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީއެއާރކޯން ބޭނުންނުކުރުމަށާއި، އެއާރކޯން ބޭނުންކުރާނަމަ، ދޭތެރެ ދޭތެރެއިން މިސްކިތުގެ ދޮރުތައް ހުޅުވައިލާ ވައި ބަދަލުވާނޭ ގޮތް ހަދަންވާނެކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ހަމައެއާއެކު މިސްކިތްތަކަށް ނަމާދުކުރަންދާ ޢާންމުން ސަމާލުކަން ދޭންވީ ކަންކަމުގެެތެރޭގައި، ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުމާއި، މުސައްލައެއް ގެންދިއުމާއި، އެމީހެއްގެ މުސައްލަމަތީގައި ނޫނީ ނަމާދު ނުކުރުމަށާއި، މާސްކު އެޅުމަށާއި، މިސްކިތައް ވަދެނުކުތުމުގައި ގައިދުރުކަން ބެހެއްޓުމަށް ވެސް ބުނެފައިވެއެވެ. އަދި މިސްކިތުގެ އެކިތަންތަނުގައި ތިބުމުގެ ބަދަލުގައި މިސްކިތަށް ވަންނަގޮތަށް ފުރަތަމަ ސަފުން ފެށިގެން، ފުރަމުން ގެންދިއުމަށާއި، ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި، ރޯގާ ޖެހިފައިވާ މީހުންނާއި، ހުން އައިސްފައިވާ މީހުންނާއި، ކެއްސާ މީހުންނާއި ޢުމުރުން ދުވަސް ވެފައިވާ މީހުން މިސްކިތަށް ނުދިއުމަށް ވެސް އަންގަވާފައިވެއެވެ. އޭގެ އިތުރުން
ނަމާދު ނިމުމަށް ފަހު މިސްކިތުގައި މަޑު ނުކުރުމަށާއި، މިސްކިތާއި، މިސްކިތުން ބޭރުގައި ވެސް، އަތާ އަތް ޖޯޑުކޮށް ސަލާމްކުރުންފަދަ ކަންތައްތައް ކުރުމުން ދުރުހެލިވުމަށާއި، މިސްކިތުގައިވާ ޚަތިމުތައް ބޭނުން ނުކުރުމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: