ބޮޑު ފިނޮޅުގެ މައްސަލަ ކަވަރުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މީޑިއާތަކަށް ހަމަހަަމަ އުސޫލެއް ގެންގުޅެފައިނުވާކަމަށް ބުނެ މޯލްޑިވްސް މީޑިއާ ކައުންސިލުން (އެމްއެމްސީ) ކަންބޮޑުވުންފާޅުކޮށްފިއެވެ.
އެމްއެމްސީން މިހެން ގޮވާލާފައި މިވަނީ ބ.އަތޮޅު ބޮޑުފިނޮޅުގައި ބުރާސްފަތި ދުވަހުގެރޭ ހިނގައިދިޔަ ހަމަނުޖެހުންތައް ކަވަރުކުރުމަށް އުސޫލާއި ޚިލާފަށް 2 މީޑިއާއަކަށް ފުލުހުން ފުރުސަތުދީފައިވާ ދަނޑިވަޅެއްގައެވެ.
މި ގޮތުން ބުރާސްފަތި ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި އެމްއެމްސީން ބުނީ ބުރާސްފަތި ދުވަހުގެރޭ ބ.އަތޮޅު ބޮޑުފިނޮޅުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން އެކަމުގެ މަޢުލޫމާތު ކަވަރުކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްއިން މީޑިއާތަކަށް ފުރުސަތު ދިނުމުގައި ހަމަހަމަ އުސޫލެއް ގެންގުޅެފައި ނުވާކަން ހިތާމައާއެކު ފާހަގަކުރާކަމަށެވެ.
އެމްއެމްސީން ބުނީ ފަހަކަށްއައިސް މުޖުތަމަޢުގެ އާންމު މަސްލަހަތާ ގުޅުން ހުރި މިފަދަ ކަންކަމުގައި މީޑިއާތަކަށް އެކަށީގެންވާ މަޢުލޫމާތު ދިނުމުގައި ފުލުހުން ފަސްޖެހޭކަމުގެ ޝަކުވާ ވެސް އެ ކައުންސިލަށް ލިބެމުންދާކަމަށެވެ.
މީގެ އިތުރުން އެމްއެމްސީން ވަނީ ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ހުރިހައި މީޑިއާތަކަށް ވެސް މަޢުލޫމާތު ލިބޭކަން ކަށަވަރުކުރުމަކީ އެ ކައުންސިލްގެ ގާނޫނީ ޒިންމާއެއްކަމަށް ބުނެފައެވެ. މި ގޮތުން ދަޢުލަތުގެ ހުރިހައި މުއައްސަސާތަކަކުންނާއި އެހެނިހެން އިދާރާތަކުން ވެސް މައުލޫމާތު ފެތުރުމުގައި މީޑިއާތަކަށް ހަމަހަމަ ފުރުސަތުދެމުންދޭތޯ އަބަދުވެސް ބަލަމުންދާކަމަށް އެމްއެމްސީން ބުނެފައިވެއެވެ.
އެމްއެމްސީން ވަނީ ޤައުމުގައި ހިނގާ މުހިންމު ކަންތައްތަކުގެ ސައްހަ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން މީޑިއާތަކަށް ހަމަހަމަ ފުރުސަތު ދިނުމަށް ފުލުހުންނަށާއި މުއައްސަސާތަކާއި އިދާރާތަކަށް އިލްތިމާސްކޮށްފައެވެ. އަދި ވީހާވެސް އަވަސްކަމާއެކު މީޑިއާތަކަށް މައުލޫމާތު ދިނުމަށް ވެސް އެމްއެމްސީން ވަނީ އިލްތިމާސްކޮށްފައެވެ.

