ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސައްކަތްކުރުމަށް ދިވެހިންގެ ބަދަލުގައި ބިދޭސީން ގެންގުޅެނީ މުސާރަ ނުދީ ގެންގުޅުމަށް؟!

ރަހީނުކޮށްފައި ތިބި މީހުން ސަލާމަތް ކުރުމުގެ ތެރެއިން/ ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމުގެ ތަރައްގީއަށް ދޭސީންނާއި ބިދޭސީންގެ އެއްބާރުލުން ބޭނުންވެއެވެ. އެކަމަކު ދިވެހިރާއްޖޭގައި ބިދޭސީން އުޅެމުންމިދަނީ ނުވަތަ ގެންގުޅެމުންދަނީ ހަމަ ގައުމުގެ ތަރައްގީއަށް މިހާ ގިނަ އަދަދެއްގެ ބިދޭސީން ބޭނުންވާތީބާއޭ ސުވާލު އުފެދެއެވެ. މީގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކީ ހުއްދަ ލިޔެކިޔުންތައްވެސް ނެތި އުޅެމުންދާ މީހުންނެވެ. ގިނަ ބިދޭސީން އެކުރާ މަސައްކަތެއް ފަރިތަކަމާއެކު ކުރަން ދަސްކުރަނީވެސް ރާއްޖެ އައިސް މަސައްކަތުގެ މާހައުލުގެ ތެރެއިން ކަމަކީ ޝައްކެއް އޮތް ކަމެއްނޫނެވެ. ބައެއް މަސައްކަތްތަކީ ދިވެހިން ކުރުމަށް ”ކަޓު“ މަސައްކަތްތަކެއްގެ ގޮތުގައި ލޭބަލްކުރެވި ބައެއް މަސައްކަތަކީ ހަމައެކަނި ބިދޭސީއަކު ލައްވާ ނޫނީ ނުކުރެވޭނެ މަސައްކަތްތަކެއްގެ ގޮތުގައި ވަނީ ކަނޑައެޅިފައެވެ.

ބައެއް ކަހަލަ މަސައްކަތްތައް ކުރުމަށް ދިވެހިންގެ ބަދަލުގައި ބިދޭސީން ގެންނަނީ ދިވެހިން އެފަދަ މަސައްކަތްތައް ނުކުރާނެ ކަމަށް ބުނެއެވެ. އެކަމަކު މީގެ ކުރިންވެސް ހަމަ މިވަރަށް ބިދޭސީން ނެތި ގައުމުގެ ތަރައްގީއަށް ބޮޑެތި މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. މިހާރުވެސް މިހާ ގިނަ އަދަދެއްގެ ބިދޭސީން ގައުމުގައި ގެންގުޅެން ނުޖެހޭނެ ކަމަށާއި ބިދޭސީން ކުރާ މަސައްކަތްތައް ދިވެހިންވެސް ފަސްޖެހުމެއްނެތި ކުރާނެ ކަމަށް ގަބޫލުކުރާ މީހުން މަދެއްނޫނެވެ. ދިވެހިންނަކީ މުރާލި ބައެއް ކަމާއި ކަންކަމުގައި ފަސްޖެހޭ ބައެއްނޫންކަން މީގެ އަހަރުތަކެއް ކުރިއަށް ޖެހިލައި ބަލައިލުމުން އެނގޭނެ ކަމަށާއި ބިދޭސީންނާއި މަސައްކަތްތައް ހަވާލުކުރުުމުގެ ބަދަލުގައި ވަޒީފާ ދޭ މީހުންވެސް އިމާރާތްކުރުމާއި، ފެހުމާއި ފިހާރަ، ކެފޭތަކުގައި ކޭޝިއަރުކަން ނުވަތަ ވެއިޓަރުކަން ކުރުމަށް މުވައްޒަފުން ނަގާއިރު ދިވެހިންނަށް މިވަޒީފާތައް ދިނުމަށް ގޮވާލާ މީހުންވެސް މަދެއްނޫނެވެ.

ވަޒީފާ ދޭނެ ކަމަށް ބުނެ ބިދޭސީން ރާއްޖެ ގެނައުމަށްފަހު އެމީހުންގެ ލިޔެކިޔުންތައް އަތުލުމަށްފަހު، މުސާރަވެސް، އުޅޭނެ ތަނެއްވެސް ދިނުމެއްނެތި މަގުމައްޗަށް ދޫކޮށްލާ ވާހަކައަކީ އާ ވާހަކައެއްނޫނެވެ. 50 މީހުން ނުވަތަ 80 މީހުން ނުވަތަ ބައެއްފަހަރު އެއަށްވުރެވެސް ގިނަ މީހުން ގަޑި ބަހައިގެން ކުދި ކުދި ގޮޅިތަކުގައި ނިދާ ކައިބޮއެ ހަދާ ވާހަަކައަކީ އާ ވާހަކައެއްނޫނެވެ. މިސްކިތްތަކުގެ ފާހަނަތަކުން ނުވަތަ އާންމު ފާހަނަތަކުން ފެންވަރައިގެން މަގުމަތީގައި ނުވަތަ އެނޫންވެސް ތަންތަނުގައި މީހުން ނިދާ މީހުން މަދެއްނޫނެވެ. އިންސާނީ ވަގުފާރީގެ މިފަދަ ކިތަންމެ ވާހަކައެއް މީގެކުރިންވެސް މީޑިޔާތަކުންވެސް ވަނީ ރިޕޯޓްކޮށްފައެވެ. ދޭސީންނަށް ވުރެ ބިދޭސީން މިގައުމުގައި ގިނަވެފައިވާއިރު، އެމީހުންގެ ޒަރޫރީ ބޭނުންތައް ފުއްދޭނެ މިންވަރަށްވެސް އެމީހުންގެ އިންސާނީ ހައްގުތައް ކަށަވަރުކޮށްނުދޭނަމަ، މިކަމުގެ ސަބަބުން ނުރަނގަޅު ނަތީޖާއެއް ނުކުމެދާނެކަމަށް މީގެކުރިންވެސް ގިނަ ބަޔަކު އައީ ބުނަމުންނެވެ. މަދުމަދުން ނަމަވެސް، ކުދި ކުދި އެއްވުންތައް ބާއްވައި އަޑުއުފުލާފައިވާއިރު، މިބުރާސްފަތި ދުވަހު މުޅި ގައުމަށް ގެނުވި ކުއްލި ސިހުމާއެކު މިހިނގާދިޔަ ފަދަ ކަމެއް ހިނގަން އެބައުޅެއޭ ހިތަށް އެރި މީހަކުވެސް ނޫނީ އެމައުލޫމާތު ލިބުނު މީހަކުވެސް ހުރިހެނެއް ނުވެއެވެ.

ރަށަށް އަރާ ބަޔަކަށް ހަމަލާ ދިނުމަށް ތައްޔާރުވެފައި/ ފޮޓޯ: ވަން އޮންލައިން

ބިދޭސީންތަކެއް 15 ވަރަކަށް ދިވެހިން ރަހީނުކޮށްގެން ތިބިއިރު، މުޅި ގައުމު އޮތީ އެކަމަށް ހުސްވެފައެވެ. ކަން ވަމުންދާ ގޮތް މީޑިޔާތައް މެދުވެރިކޮށް ބަލަން ނުނިދާ ހޭލައި ކިތަންމެ ބަޔަކު ތިއްބެވެ. ފުލުހުންނަކީ ކާކީ ސޯޓު ލައްވައި، ދަނޑިބުރި ދީފައި ނެރެންޖެހޭ ބައެއްކަމަށް ބުނެ ފާޑު ކިޔަމުންދިޔަ މީހުންވެސް ތިބީ ރަހީނުކޮށްފައި ތިބި ދިވެހިން ފުލުހުންގެ އެހީތެރިކަމާއެކު އެތަނުން ސަލާމަތްވާނެ ވަގުތަކަށް އިންތިޒާރުކޮށްގެންނެވެ. މީސްމީޑިޔާގައި އެތަނުން ބައެއް ދިވެހިންގެ އިނގިލިތައް ބުރިކުރިކަމަށްވެސް ބުނެ އަޑުތަކެއް ފެތުރުނެވެ. އެކަމަކު ރަހީނުކުރި އެއްވެސް ދިވެއްސަކަަށް އަނިޔާއެއްނުވެ، ބިދޭސީންވެސް މަޝްވަރާކުރަން ތައްޔާރުވެ އެމައްސަަލަ މިހާރު އޮތީ ހައްލުވެފައެވެ.

ބ. ތުޅާދުއާ އެއްފަޅެއްގައި އޮންނަ ބޮޑުފިނޮޅުގައި ރިސޯޓެއް ހެދުމަށް ނަގާފައިވާ ރަށުގައި ބިދޭސީންތަކެއް ވެގެން އެރަށުގައި ދިވެހިން ރަހީނުކުރީ މުސާރަ ނުލިބޭ މައްސަލައިގައެވެ. އެމީހުންގެ މުސާރައިގެ ކަންކަން ކުރަންޖެހެނީ މަޖިލިސް މެމްބަރު އަލި ރިޒާގެ ކުންފުނި ރިޒް ޕްރައިވެޓް ލިމިޓެޑުން ކަމަށް ތުހުމަތު ކުރެވެމުންދާއިރު، ރިޒާ ވިދާޅުވީ ރިޒް ޕްރައިވެޓުން ކުރަނީ ކޮންޓްރެކްޓަރގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތް ކަމަށާއި މުސާރައާއި ކެއިންބުއިމުގެ ކަންކަން ކުރަނީ ސީލް މޯލްޑިވްސްއިން ކަމަށެވެ. އެކަމަކު އެކުންފުނިން އެކަމަށް އިންކާރު ކުރެއެވެ. އެމީހުންނަށް މުސާރަ ދޭންޖެހޭ ބަޔަކު ހޯދަންވެސް ފުރަތަމަ ޖެހެނީ ބޮޑު ތަހުގީގެއް ކުރިއަށްގެންދަންތޯ މިއީ ގިނަ ބަޔަކު އުފައްދާ ސުވާލެކެވެ. މެމްބަރު އަލީ ރިޒާ ވިދާޅުވާ ގޮތުގައި މުސާރަ ނުދެވި ވަނީ ކޮވިޑް-19އާއި ގުޅިގެން ހަތަރު މަސް ދުވަހުކަމަށެވެ. އެހެންނަމަވެސް، އާންމުން ތިބީ މިކަން ގަބޫލުކުރާ ގޮތަކަށް ނޫނެވެ. އެމީހުންނަށް މުސާރަ ނުދޭތާ މަދުވެގެން ހައެއްކަ މަސް ވެފައިވާ ކަމަށާއި ކޮންމެ ކަމެއްގައި މަތިޖެހުމަށް ކޮވިޑް-19 ނުގެންގުޅުމަށް ވަނީ ގޮވާލާފައެވެ.

ދެން އުފެދޭ ސުވާލަކީ މިގޮތަށް މުސާރަ ނުދީ ކިތައް ކިތައް ބިދޭސީ މުވައްޒަފުން އުޅެމުން ދާނެތޯ އުފެދޭ ސުވާލެވެ. އެއިން ކޮންމެ ބަޔަކުވެސް މުސާރަ ހޯދަން މިކަހަލަ އަނިޔާވެރި އަމަލުތައް ހިންގަން ފަށައިފިއްޔާ ދެން ވާނީ ކިހިނެއްތޯ އުފެދޭ ސުވާލެވެ. މިފަހަރުވެސް ރަހީނުކުރި މީހަކަށް އަނިޔާނުވިއެއް ކަމަކު، ސަލާމަތްކރަން ދިޔަ ފުލުހުންނަށް އަނިޔާވިއެވެ. ދެން ފަހަރުން ކަންވާނެ ގޮތެއް ނޭންގެއެވެ. ދޮށީ އުމުރުގެ މީހުން އެބުުނާ ދޭސީންނާއި ބިދޭސީން މިގައުމުގައި ކުރާނެ ހަނގުރާމައިގެ ފެށުމަކީ މިއީ ކަމަށް ވެދާނެކަމަށްވެސް ބައެއް މީހުން އެބަ ބުނެއެވެ.

މައްސަލައިގެ އަސްލު ވަރަށް ސާފެވެ. މުސާރަ ނުދިނުމެވެ. މަސައްކަތް ކުރުވުމަށްފަހު، އެމީހާގެ ގައިން އޮހޮރުނު ދާ ނުހިކެނީސް އެމީހާގެ އުޖޫރަ ދިނުމަށް ރަސޫލާވެސް ހަދީޘް ކުރައްވާފައިވެއެވެ.

ފޮޓޯ: ވަން އޮންލައިން

މިކަން ކުރި ބިދޭސީންނަކީ ޓެރަރިސްޓުންގެ ގޮތުގައި ސިފަ ކުރާ މީހުންވެސް މަދެއް ނޫނެވެ. އެހެންނަމަވެސް، އެކަން ކުރަންޖެހުނީ އިތުރު ގޮތެއް ނެތިގެން ކަމަށާއި އަޅުންގެ ގޮތުގައި ނުގެންގުޅެ މުވައްޒަފުންގެ ގޮތުގައި ގެންގުޅުނުނަމަ މިކަން މިހެން ނުވީސްކަމަށް ގަބޫލުކުރާ މީހުންވެސް މަދެއް ނޫނެވެ. މިކަމަށް އެކަށީގެންވާ އަދަބެއް ނުވަތަ ފިޔަވަޅެއް ނާޅައިފިނަމަ، ކޮންމެވެސް ހިސާބެއްގައި އަނެއްކާވެސް މިފަދަ ކަމެއް ތަކުރާރުވުމަކީ ވެދާނެ ކަމެކެވެ. ގޮތެއް ނިންމާނީ ތަހުގީގީ އިދާރާތަކުންނެވެ. އެކަމަކު މުސާރަ ނުދީ ގެންގުޅުނު ބަޔަކަށް އެކަށީގެންވާ އަދަބެއް ނުދީފިނަމަ، މައްސަލަ އިތުރަށް ގޯސް ވާނެ ކަމަކީ ޔަގީން ކަމެކެވެ.

ދިވެހިންގެ ބަދަލުގައި ބިދޭސީން މިފަދަ މަސައްކަތްތަކަށް ގެންނަނީ މުސާރަ ނުދިނަސް ހެޔޮވާނެ ކަމަށް، ހީވާނަމަ އެއީ ބޮޑު ގޯހެކެވެ. އެމީހުންގެ ހައްގުތައް ކަށަވަރުކޮށްނުދީ އަޅާނުލާ ދޫކޮށްލައިގެން ތިބެވޭނެ ކަމަށް ހީވާނަމަ އެއީ ބޮޑު ގޯހެކެވެ. ދިވެހިންނަށް ދޭ މުސާރައިގެ ދެބައިކުޅަ އެއްބަޔަށްވުރެވެސް ކުޑަކޮށް އަގު ކިޔުމަށްފަހު އެވެސް ނުދީ އުޅޭ މީހުން ގިނައެވެ. ކޮވިޑާއި ގުޅިގެން މުސާރަ ނުލިބޭ ދިވެހިންވެސް އެބަތިއްބެވެ. އެކަމަކު ގިނަ ބިދޭސީންނަށް ކޮވިޑްގެ ކަންތައް ލައިގަތުމުގެ ކުރިންވެސް މުސާރަ ނުލިބޭކަން އެއީ އެންމެނަށް އެނގޭ ކަމެކެވެ. ބިދޭސީންނެއް ކަމަކު އަބަދު މަޑުން ނުތިބޭނެކަން މިހާރު ޔަގީންވާނެއެވެ. މިފަހަރު 15 ދިވެހިން ރަހީނުކޮށް، ގޮތެއް ނުހަދައި ދޫކޮށްލައިފިއެވެ. ދެން މިފަދަ ކަމެއް ހިންގާ ފަހަރު ވާނީ ކިހިނެއްތޯ ވިސްނާލަންވެސް އުނދަގުލެވެ.

އެއްވެސް ހާލެއްގައި މުސާރަ ނުދިނުމުން ރަހީނުކުރުމަކީ ރަނގަޅު ކަމަކަށް ހަދަނީއެއް ނޫނެވެ. އެކަމަކު މިފަދަ ބޮޑު ކަމެއްގައި ގޯހަކުން ފެށުނުއިރު، ދެން އިތުރަށް ގޯސް ނުވެ ރަނގަޅުވެދާނެކަމަށް އުންމީދުކުރާނެ މީހަކު ހުންނާނެތޯ މިއީ އުފެދޭ ސުވާލެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: