އިންސާނީ ވަގުފާރީގެ މައްސަލަތައް ބަލާނަމަ، މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާއާ ހަމައިން ނިންމިގެންނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސަ އެގޮތަށް ވިދާޅުވެފައި މިވަނީ ބ. ބޮޑުފިނޮޅުގައި ރިސޯޓު ހެދުމުގެ މަސައްކަތާ ހަވާލުވެފައިވާ އަލީ ރިޒާގެ ރިޒް ކުންފުންޏަށްކުރާ އިންސާނީ ވަގުފާރީގެ މައްސަލަތަކުގެ ތަހުގީގަށް އޭނާ ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
މެމްބަރު ރިޒާ އަކީ ރިޒް ކުންފުނީގެ މެނޭޖިން ޑިރެކްޓަރެވެ.
މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންސާނީ ވަގުފާރީގެ ކަންކަން ބަލާނަމަ އިމިގްރޭޝަން އާއި ސަރުކާރުގެ އެހެން އޮފީސްތަކުގައި ތިބި އެފަދަ ކަންކަން ހިންގި ބަޔަކުވެސް ހޯދަންވާނެ ކަމަށެވެ.
ވޭތުވެދިޔަ 10 އަހަރު ރާއްޖެއަށް އެތެރެވެފައިވާ ބިދޭސީންނަށް ރާއްޖޭގައި ވިސާ ދޫކުރި އަދަދު އިމިގްރޭސަނުން ހާމަކޮށްދޭން ޖެހޭ ކަމަށްވެސް މޫސާ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އަލުން އިގްތިސާދު ރަނގަޅު ވަންދެން ހަމަ މުސާރަ ނުދެވޭނެ ކަމަށްބުނެ ކޮންމެވެސް ވަރެއްގެ ފައިސާ ކޮޅެއްދީފައި ކެއުމާއި ނިދުމާއި ހަމަޖައްސަދޭނަމޭ ބުނި ވަރަށް ގިނަ ކުންފުނިތަށް އެބަހުރި ކަމަށެވެ.
އެގޮތުން ބީދޭސީންނާއި އެއްފަދައިން ދިވެހިންނަށްވެސް އެހެން ދިމާ ވެއްޖެ ކަމަށާއި ކުރިން މިހާލަތުގައި ހަމަ މުސާރަ ނުދެވިދާނެ ކަމަށް ބިދޭސީން ޤަބޫލުކުރި ނަމަވެސް މިހާރު ކަންތައްތައް ވަމުންދާ ގޮތާއިމެދު ސުވާލު އުފެދޭ ކަމަށް މޫސަ ވިދާޅުވިއެވެ.
މުސާރަ ލިބުމާއި ދިރިއުޅުމުގެ އެހެން ކަންކަންވެސް މިދުވަސްވަރު ވަރަށް ދަތި ކަމަށާއި އެކަމަކުގެ އަސަރުކޮށް ދިވެހިންވެސް ތިބީ ވަރަށް ދަތި ޙާލުގައި ކަމަށް މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ އެތައް އަހަރެއް ވަންދެން އަތު ޖެހުނުގޮތަކުން ފައިސާ ހޯދި ބިދޭސީން މިއަދު މުސާރައިގެ ނަމުގައި ތަންތަން ތަޅާ ސުންނާފަތި ކުރަމުން ދިޔުމަކީ ތަރުހީބު ދެވޭނެ ކަމެއް ނޫން ކަމަށާއި އެކަންކަން ހުއްޓުވަންޖެހޭ ކަމަށެވެ.
ބޮޑުފިނޮޅުގައި 200 އަށް ވުރެ ގިނަ ބިދޭސީން، އެ މީހުންނަށް މުސާރަ ނުލިބިގެން މިދިޔަ ބުރާސްފަތި ދުވަހު ހަމަނުޖެހުން ހިންގައި ދިވެހި ބައެއް މުވައްޒަފުން ރަހީނުކޮށް ތަނުގެ މުދަލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ.
މީގެ އިތުރުން މުސާރަ ދީފައިނުވާތީ، ހުޅުމާލޭގައިވެސް ބިދޭސީންތަކެއް މުޒާހަރާ ކޮށްފައިވެއެވެ. ހުޅުމާލޭގައި ފުލުހުންނާއި ސިފައިންގެ ފްލެޓުތައް ހަދަމުންދާ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދޭތާ ހަތް މަސް ވެފައިވާ ކަމަށް އެ މީހުން ބުނެފިއެވެ.

