ނިއުނޯމަލްއާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ނެރުނު އުސޫލުތަކުގައި ހޮޓާ، ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނުގައި، ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށްފައި އޮތް އޮތުން ބާޠިލުކޮށް، ސްމޯކިންގް އޭރިއާތަކުގަ ދުންފަތުގެ އިސްތިއުމާލުކުރެވޭނެކަމަށް ހެލްތު އިމަރޖެންސީ އޮޕްރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ހާމަކޮށްފިއެވެ.
މި ކަން ހާމަކޮށް ޖުލައި ފަސްވަނަ ދުވަހުގެރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ސްޕޯކްސްޕަރސަން ޑރ.ނަޒްލާ ރަފީޤު ވިދާޅުވީ، ހެލްތު ޕްރޮޓެކްޝްން އޭޖެންސީން ނެރުނު ނިއުނޯމަލްގެ ގައިޑްލައިންސްތަކުގެ ތެރެއިން، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ގައިޑްލައިން އަޕްޑޭޓުވެފަވީއިރުގަ ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރާބައި އޭގަ ނުހިމެނޭތީވެ އެއީ ކީއްވެގެންތޯ ބައެއް ފަރާތްތަކުން ސުވާލުކުރިކަމަށެވެ.
އެކި ފަރާތްތަކުން އުފައްދަމުންއައި ސުވާލަށް ޖަވާބުދެއްވަމުން ޑރ.ނަޒްލާ ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކަކީ ކަމާގުޅޭ ދާއިރާތަކުގެ ލަފަޔާއެކު ވަރަށްބޮޑަށް މަޝްވަރާކުރެވިގެން ކުރިއަށްދާ ކަންތައްތަކެއް ކަމަށާއި، ކުރިން ވެސް ދުންފަތް ކޮންޓުރޯލްކުރުންފަދަ ޢާންމު ސިއްހަތާ ގުޅުންހުރި ބޮޑެތި ކަންތައްތަކުގައި، ކަންކަން ނިންމަނީ ވަރަށް ގިނަ ފަރާތްތަކާއެކުގަކުރެވޭ މަޝްވަރާއާއި އެކުގައިކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
މި ގޮތުން ޑރ.ނަޒްލާ ވިދާޅުވީ، ގައިޑްލައިންގެ މަޝްވަރާތައް ފުރަތަމަ ކުރިއަށްދިޔައިރުގައި، އަދި ގައިޑްލައިން ޢާންމުކުރެވުމަށްފަހު ވެސް ކުރެވުނު މަޝްވަރާތަކުގައި، ދުންފަތް ކޮންޓްރޯލްކުރުމަށް ލަފާދޭ ބޯޑުގެ މަޝްވަރާގެމަތިން އެޗްޕީއޭގެ ނެޝަނަލް ޓޮބޭކޯ ކޮންޓްރޯލް ޕްރޮގުރާމާއެކު، ދުންފަތް ކޮންޓްރޯލްކުރުމުގެ ޤާނޫނު ތަންފީޒު ކުރުމަށްޓަކައިދަނީ ޚާއްސަ މަސައްކަތްތަކެއް ކުރެވެމުންކަމަށެވެ.
ޑރ.ނަޒްލާ ވިދާޅުވީ ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަނީ އެކި ފޭސްތަކަށް ބަހާލައިގެންކަމަށެވެ. މި ގޮތުން ހުސްވި އަހަރުގައި ވާނީ ވަކިން ސިނގިރޭޓު ވިއްކުން މަނާކޮށް، ހެލްތު ވާރނިންގ ފޮޓޯ ދުންފަތުގެ ޕެކެޓުތަކުގައި ޖެހުމުގެ ކަންކަން ވެސް ގަވާއިދެއްގެ ދަށުން ފެށިފައިކަމަށެވެ. އަދި ގިނަ ބޭފުޅުންގެ ލަފަޔަކަށްވީ ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ކަންތައްތައް ކޮންޓުރޯލްކުރުމާއި، ދުންފަތުގެ އިސްތިޢުމާލު ކުރާމީހުންނަށް އެކަން ހުއްޓާލުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އިތުރަށް ކުރަންޖެހޭ ކަންތައްތައް ކުރިއަށްގެންދިއުމަށް ކަމަށެވެ. ދެމެހެއްޓެނިވި ގޮތެއްގައި އެ ކަން ކުރެވޭނީ ވެސް ދުންފަތް ކޮންޓްރޯލްކުރުމުގެ ޤާނޫނުގެދަށުން ހެދޭ ގަވާއިދުތަކުގެތެރެއިން މިހާރުވެސް އެކަން ކުރިއަށްދާ ޕްރޮސެސްގެތެރެއިން ކަމަށްވާތީކަމަށް ހުރިހައި ބޭފުޅުން ލަފާ ދެއްވާފައިވާކަމަށް ވެސް ޑރ.ނަޒްލާވަނީ ވިދާޅުވެފައެވެ.
”ސްޓްރެޓެޖިކަލީ އެކި ފޭސްތަކަށް ބަހާލައިގެން އެކި މަސައްކަތްތައް ކުރިއަށްދަނީ. މި މަސައްކަތްތަކުގެތެރެއިން މިދިޔަ އަހަރުވަނީ، ވަކި ސިނގިރޭޓު ވިއްކުމާއި، ވިއްކުން މަނާކުރުމާއި އަދި ގްރެފިކް ހެލްތު ވޯނިންްގ ފޮޓޯ އިންޒާރު ދުންފަތުގެ ޕެކެޓުތަކުގަ ޖެހުމުގެ ކަންތައްތައް ގަވާއިދެއްގެތެރެއިން ފެށިފަ. އެހެންވީމަ ގިނަބޭފުޅުންގެ ލަފައަކަށްވީ ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ކަންތައްތައް ކޮންޓުރޯލްކުރުމާއި، އަދި ދުންފަތުގެ އިސްތިޢުމާލު ކުރާމީހުން އެކަން ހުއްޓާލުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އިތުރަށް އަޅުގަނޑުމެން ކުރަންޖެހޭ ކަންތައްތައް އަދިވެސް ދުންފަތް ކޮންޓްރޯލްކުރުމުގެ ޤާނޫނުގެދަށުން ހެދޭ ގަވާއިދުތަކުގެތެރެއިން މިހާރުވެސް އެކަންދާ ޕްރޮސެސްގެތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި އެކަންކުރެވޭނީ އެ ޕްރޮސެސްގެތެރެއިންކަމަށްވާތީވެ، އެެ ގޮތަށް އެކަން ކުރިއަށް ގެންދިއުމަށް ހުރިހައި ބޭފުޅުންގެ ލަފާވެސް ލިބިފަވާތީވެ. އެއްވެސް ހާލެއްގަ އަޅުގަނޑުމެން ދުންފަތް ކޮންޓުރޯލްކުރުމުގެ މަސައްކަތްތައް ހުއްޓާލީއެއްނޫން. އެހެންވީމަ އެކަންތައްތައް އޮތީ އިރާދަކުރެއްވިއްޔާ ކުރިއަށް. ދެމެހެއްޓެނިވި ގޮތެެއްގައި އެކަންކުރެވޭތޯ އަޅުގަނޑުމެން މަސއްކަތް ކުރަމުންދާނަން.“ ޑރ.ނަޒްލާ
ޑރ.ނަޒްލާ ވިދާޅުވީ، އެޗްޕީއޭއިން އެންމެފަހުން ނެރުނު ގައިޑްލައިންގައި، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ގައިޑްލައިން އަޕްޑޭޓުވެފަވީއިރުގަ ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރާބައި އޭގައި ހިމެނިފައި ނުވިޔަސް، އެފަދަ ތަންތަނުގައި ދުންފަތުގަ އިސްތިއުމާލުކުރެވޭނީ، ހޮޓާ ކެފޭ ރެސްޓްރަންޓްތަކުގަ ދުންފަތުގެ އިސްތިއުމާލުކުރެވޭ އުސޫލުގެ ދަށުން ހުއްދަދެވިފައިވާ ތަންތަނުގެ ސްމޯކިންގް އޭރިއާތަކުގަ އެކަނިކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ.ނަޒްލާ ވަނީ، ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ގެއްލުން ފާހަގަކުރައްވައި، އެކަމުން ދުރުވުމަށް މަސައްކަތްކުރުމަށް ވެސް އިލްތިމާސްކޮށްފައެވެ.
”އަޅުގަނޑުމެންގެ ގައިޑްލައިންގަ މި ގޮތަށް އޮތްކަމުގަވިޔަސް ހުރިހާ ބޭފުޅުންނަށް ވެސް ހަނދުމަފުޅުކޮށް އަރުވަން ބޭނުން މިހާރު ހޮޓާ ކެފޭ ރެސްޓޯރަންޓްތަކުގަ ދުންފަތުގަ އިސްތިއުމާލުކުރެވޭނީ ވެސް މި އޮތް އެކަމާ ގުޅޭގޮތުން ކުރިން ޢާންމުތަންތާގަ ދުންފަތުގެ އިސްތިޢުމާލުކުރުމާބެހޭގޮތުން ނެރެފައިވާ ގަވާއިދުގެތެރެއިން ގަވާއިދުގެދަށުން ހޮޓާ ކެފޭ ރެސްޓްރަންޓްތަކުގަ ދުންފަތުގެ އިސްތިއުމާލުކުރެވޭ އުސޫލުގެ ދަށުން ހުއްދަދެވިފައިވާ ތަންތަނުގެ ހުއްދަދެވިފައިވާ ސްމޯކިންގް އޭރިއާތަކުގަ އެކަނި ދުންފަތުގެ އިސްތިޢުމާލުކުރެވޭނީ.“ ޑރ.ނަޒްލާ

