ހިޔާ މަޝްރޫގެ ފްލެޓްތަކަށް އެދި ފޯމު ލާފައިވާ މީހުންގެ ތެރެއިން ހާލަތު ބަލަން ނުގުޅޭ މީހުންގެ ލިސްޓު ރައީސް އޮފީހުން މިއަދު އާންމުކޮށްފި އެވެ.
ހިޔާ ފްލެޓުތަކަށް ވަދެވޭނެ ސީދާ ދުވަހެއް އަދިވެސް ޔަގީން ވެފައިނުވާއިރު އިއްޔެ ހައުސިން މިނިސްޓްރީން ބޭއްވި ޕްރެސްކޮންފަރެންސްގައި މިނިސްޓްރީން ބުނެފައިވަނީ ފޯމުތައް އިވެލިއުއޭޓުކޮށް އޮކްޓޯބަރުގެ ކުރިން ނަންތައް އިއުލާނުކޮށް ނިމޭނެ ކަމަށެވެ. އެހެން ނަމަވެސް ފްލެޓުތަކަށް ވަދެވޭވަރު ވަނީ އަށް މަސް ފަހުން ކަމަށް ވަނީ ބުނެފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ގާއިމްކޮށްފައިވާ ހިޔާ ފްލެޓުތައް ދޫކުރުމުގެ ކުރިން އެ ފްލެޓުތަކަށް އެދި ހުށަހަޅާފައިވާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ މަސައްކަތް މިހާރު ދަނީ ކުރިޔަށެވެ.
ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި އެ މަސައްކަތްތަކަށް ހުއްޓުމެއް އައުމާއި ގުޅިގެންނާއި، އަދި ދިމާވި ބައެއް ހާލަތްތަކުގެ ސަބަބުން ފްލެޓުތަކަށް ޝަރުތުރު ހަމަވާ މީހުންގެ ގެތަކަށް ގޮސް ދިރިއުޅުމުގެ ހާލަތު ބަލައެވެ. ނަމަވެސް، ބައެއް ފަރާތްތަކާއި ގުޅިފައި ނުވާތީ އެ މީހުންގެ ނަންނަތައް ކޮމެޓީން ވަނީ އާއްމުކޮށްފައެވެ.
މި ލިސްޓްގައި ހިމެނޭ ފަރާތްތަކަކީ، ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓަށް އެދިH4 ،H5 ،H6 ، H8 އަދި H10 މި ކެޓެގަރީތަކުގެ ދަށުން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން، ނުގުޅުނު ފަރާތްތަކެވެ. މީގެ އިތުރުން H7 އަދި H9 ކެޓަގަރީގެ ”ދިރިއުޅުމުގެ ހާލަތު“ ދެނެގަތުމުގެ މަސައްކަތް އަދި މުޅީން ނިމިފައިނުވާތީ، އެ މަސައްކަތް ނިމުމުން އެ ދެ ކެޓަގަރީއިން ނުގުޅޭ ފަރާތްތަކުގެ ލިސްޓްތައްވެސް ޢާންމުކުރުމަށް ހަމަޖެހިފައިވެއެވެ. އަދި، މިއީ ފްލެޓް ލިބިވަޑައިގަންނަވާ ބޭފުޅުންގެ ފައިނަލް ލިސްޓުތައް ނޫން ކަމަށްވެސް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ވަނީ ބުނެފައެވެ.
ހިޔާ ފްލެޓުތަކުގެ މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައި ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމްކޮށް މިހާރު ނިމިފައި ހުރި ފްލެޓުތަކަށް ވަދެވޭވަރު ވާނީ އަދި އަށް މަސް ދުވަސް ފަހުން ކަމަށެވެ. ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ނިންމަން ވަގުތުނަގާނެކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ގާއިމްކުރި އެ ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ކޮންޓްރެކްޓުގައި ހިމަނާފައި ނުވަތަ އެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ހިމަނާފައި ވެސް ނެތް ކަމަށެވެ.
ހިއްކައިގެން މަސައްކަތް ފެށި އެ ސަރަހައްދަށް ކަރަންޓާއި ފެނުގެ ހިދުމަތް ގުޅުމަށް ވަގުތު ބޭނުންވާ ކަމަށް ވިދާޅުވެ، ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ އިމާރާތްތަކުގައި އިންޓީރިއާ އާއި އެޕާޓްމެންޓުތަކުގައި ޓައިލްސް އަދި ލައިޓު ވެސް ހަރު ކުރުމަށް ކޮންޓްރެކްޓު އެއްބަސްވުމުގައި ހިމަނާފައި ނެތްކަން ފާހަގަ ކުރައްވާފައެވެ.
އަސްލަމް ވިދާޅުވީ، ފްލެޓުތައް ލިބޭ ފަރާތްތައް އިއުލާނު ކުރުމުގެ ކުރިން ފޯމު ހުށަހެޅި ފަރާތްތަކުގެ ގެތަކަށް ޒިޔާރަތްކޮށް ދިރިއުޅުމުގެ ހާލަތު ބަލަން ޖެހުނު ނަމަވެސް އެ މަސައްކަތުގެ ބޮޑު ބައި ކުރިޔަށް ގެންދެވިފައި ނެތް ކަމަށެވެ. ކޮވިޑުގެ ސަބަބުން ބައެއް ގެތަކަށް ގޮސް ދިރިއުޅުމުގެ ހާލަތު ބެލުން މަޑުޖެހިފައިވާއިރު މިހާތަނަށް ދެވިފައިވަނީ 40 އިންސައްތަ މީހުންގެ ގެތަކަށެވެ.
ކުރީ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަންފެށި ހިޔާ މަޝްރޫއުގެ ދަށުން 7،000 ހައުސިން ޔުނިޓުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީ) އިންނެވެ. މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އަޅާފައިވެއެވެ.
ދާދިފަހުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، އެ ފްލެޓުތަކަކީ ކުރީގެ ސަރުކާރުން ކުރި ބޭކާރު ބޮޑު އިސްރާފެއް ކަމަށެވެ. އަދި އެތަނަށް ވަންނަން ގިނަ ރައްޔިތުން ބޭނުމެއް ނުވާނެ ކަމަށާއި، އެއީ ދިރިއުޅެން ވެސް އެކަށީގެންވާ ތަނެއް ނޫން ކަމަށެވެ.
ހިޔާ ފްލެޓުތަކުގެ ތެރެއިން، ފްލެޓަކަށް އޭގެ ޖެހިގެން އައި ދުވަހު ނޫސްވެރިން ވެސް ގެންދިޔައެވެ.

