މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަދި، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މުޤައްރަރު މުޙައްމަދު ފަލާޙް ވަނީ ޤާނޫނީ ޒިންމާއަށް ހުރަސްއަޅައި، އިމްތިޔާޒުތަކަށް އަރައިގަނެފައިކަމަށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް، ޖާބިރު މިހެން ވިދާޅުވީ، ފިޝަރީޒް މިނިސްޓަރު ޒަޙާ ވަޙީދު އެ ކަމަނާގެ މިނިސްޓްރީގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރައްވަމުން ނުގެންދަވާކަމަށް ވިދާޅުވެ، އެ މިނިސްޓަރު ޒަޙާއާއި ސުވާލުކުރެއްވުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރުކުރެއްވުމުގެ އިންތިޒާމު ހަމަޖައްސައިދެއްވުމަށް އެދި މި މަހުގެ 01 ވަނަ ދުވަހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ފޮނުއްވެވި ސިޓީއަކާއި ގުޅިގެންނެވެ. މި ގޮތުން ޖާބިރު ވަނީ މިކަމާއި ގުޅިގެން ދިމާވި ކަންތައްތަކުގެ ވާހަކަ ބަޔާންކުރައްވައި، މަޖިލީހުގެ ރައީސް ނަޝީދަށް މިއަދު އިތުރު ސިޓީއެއް ފޮނުއްްވަވައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ރައީސް ނަޝީދަށް އެޑްރެސް ކުރައްވައި ޖާބިރު މިއަދު ފޮނުއްވެވި ސިޓީގައި ވިދާޅުވީ، މިއަދު ބޭއްވުނު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި، ކޮމިޓީގެ މުޤައްރަރު މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާޙް، އެކަމާ ބެހޭ ގޮތުން މިނިސްޓަރު ޒަޙާއާއި ވާހަކަދެއްކެވިކަމަށް ވިދާޅުވެފައިވާކަމަށެވެ. އަދި މިނިސްޓަރާއި ވާހަކަދެއްކުމުން، ޖާބިރު އުޅުއްވަނީ އެ ކަމަނާއާއި ޒާތީވެގެންކަމަށް، އެކަމަނާ ވިދާޅުވިކަމަށް ބުނެ މެންބަރު ފަލާޙުވަނީ، ކޮމިޓީއަށް މިނިސްޓަރު ޒަޙާ ހާޒިރުކުރައްވަން ނުފެންނަކަމަށް ދޭހަވާގޮތަށް ވާހަކަދައްކަވައި ޤާނޫނީ ޒިންމާއަށް ހުރަސްއަޅައި، އިމްތިޔާޒުތަކަށް އަރައިގަނެފައިވާކަމަށް ވެސް ޖާބިރގެ ސިޓީގައި ވަނީ ބަޔާންކުރައްވާފައެވެ.
މި ގޮތުން ޖާބިރުވަނީ މި މައްސަލަ ބައްލަވައިދިނުމަށާއި، މިފަދަ ކަންކަން ތަކުރާރުނުވާނެ ގޮތަށް ކަންކަން ތަރުތީބުކޮށްދެއްވުމަށްއެދި ރައީސް ނަޝީދުއަށް ދަންނަވާފައެވެ.
ސަރުކާރުގެ މަސްއޫލިއްޔަތުި ކޮމިޓީގައި މިއަދު ދިމާވި މައްސަލަ ފާހަގަކުރައްވައި ރައީސް ނަޝީދުއަށް ސިޓީ ފޮނުވާފައިވާއިރު ޖާބިރު ވަނީ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މިނިސްޓަރު ޒަޙާ ހާޒިރުކުރެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް އެދި ރައީސް ނަޝީދަށް އިތުރު ސިޓީއެއް ވެސް ފޮނުވާފައެވެ. އެ ސިޓީގައި ޖާބިރުވަނީ މިނިސްޓަރު ޒަޙާއާއި ކުރައްވަން ބޭނުންވާ ސުވާލުތައްް ވެސް ބަޔާންކުރައްވާފައެވެ.
https://twitter.com/drpmaldives/status/1280414269020856320?s=20
މި ގޮތުން މަސްވެރިކަމާބެހޭ ޤާނޫނާއި ގުޅިގެން ހަދަންޖެހޭ ގަވާއިދުތައް ހަދަންޖެހޭ މުއްދަތުގައި ހެދިފައި ނުވަނީ ކީއްވެތޯއާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެތެރެއިން ރައްޔިތުންނަށްވެފައިވާ ވަޢުދުތައް ފުއްދުމަށްޓަކައި މިއަދާއި ހަމައަށް ކުރެވުނުކަމަކީ ކޮބައިތޯ ސުވާލުކުރައްވާފައިވެއެވެ. މީގެ އިތުރުން މިނިސްޓްރީގެ ދަށުގައިވާ ފަޅުރަށްތަކާއި ގޮއިފާލައްޕަތަކުން ދަޢުލަތަށް އާމްދަނީއެއް ހޯދުމަށް ކުރެވުނީ ކޮންމަސައްކަތެއްތޯއާއި، މިހާރު ލިބޭ އާމްދަނީއަކީ ކޮބައިތޯ ވެސް ސުވާލުކުރައްވާފައިވެއެވެ. ހަމައެހެންމެ ދަނޑުވެރިން ހައްދާ ދަނޑުގޮވާން މާކެޓްކޮށް ވިއްކުމަށް ކުރެވުނީ ކޮން މަސައްކަތެއްތޯއާއި، ލޭނުގެ މަސްވެރިކަން ހުޅުވައިލުމަށް ހުރަސްއެޅުނީ ކީއްވެގެންތޯއާއި، އަދި ލީނު އެޅުމަށް ހުޅުވާލާނީ ކޮންއިރަކުތޯ ސުވާލުކުރައްވާފައިވެއެވެ. ހަމައެއާއެކު ޖާބިރު ވަނީ ކޮވިޑް-19 އާއި ގުޅިގެން މަސްވެރިކަމާއި ދަނޑުވެރިކަން އިތުރަށް ރޭވިފައިވަނީ ކޮންކަމެއްތޯއާއި، އަދި އެ ކަމުގެ ޢަމަލީ ސިފަ ފެންނާނީ ކޮންއިރަކުތޯ ވެސް ސުވާލުކުރައްވާފައެވެ. އޭގެ އިތުރުން ޖާބިރު ވަނީ، ޗައިނާ މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމަންޓުގައި މަސްވެރކަމުގެ ދާއިރާއަށް އޮތީ ކޮން ފުރުސަތުތަކެއްތޯއާއި، އެ ފުރުސަތުތައް އަވަސްކުރުމަށް ފިޝަރީޒް މިނިސްޓްރީން ކުރަނީ ކޮންކަމެއްތޯ ވެސް ސުވާލުކުރައްވާފައެވެ.

