ދަރިފުޅަށް ޖިންސީ ގޯނާކޮށް ރޭޕް ކުރުމަށް، ފިރިމީހާ އަދި ކުއްޖާގެ ދޮން ބައްޕައަށް ފުރުސަތު ދީ އެކަން ފޮރުވި ކުއްޖާގެ މަންމަ ކ. މާފުށިން ބޭރު ކުރުމަށް ގޮވާލައި މުޒާހަރާ ކުރަމުން ދަނިކޮށް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އުމުރުން 10 އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކޮށް، އެކި ފަހަރު މަތީން ރޭޕް ކުރި ކަމުގެ ތުހުމަތަށް ކުއްޖާގެ ދޮން ބައްޕަ މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އަދި ކުއްޖާ މިވަގުތު ހުރީ ދައުލަތުގެ ބެލެމުގެ ދަށުގައެވެ.
”ސަންގު“ އާއި އެ ކޭސްއާއި ގުޅިގެން ވާހަކަ ދެއްކި މީހަކު ބުނީ ކުއްޖާގެ މަންމަ އަކީ ތ އަތޮޅު ކިނބިދޫ މީހެއް ކަމަށެވެ. އަދި އޭނާ މާފުށީ މީހަކާއި ކައިވެނިކޮށްގެން ރަށުގައި އުޅޭތާ އަހަރުތަކެއް ވެފައިވާ ކަމަށާއި، އޭނާ މާފުއްޓަށް އައީ ކުއްޖާގެ އުމުރުން 05 ނުވަތަ 06 އަހަރުގައި ކަމަށެވެ.
ކުއްޖާއަށް ޖިންސީ ގޯނާ ކުރާކަން އެނގިގެން ދިޔައީ، ޔޫރިން އިންފެކްޓުވެ ޑޮކްޓަރަށް ދެއްކުމުންނެވެ. އަދި ޑޮކްޓަރަށް ސެކްޝުއަލް ޓްރާންސްމިޓެޑް ޑިޒީސް (އެސްޓީޑީ) އަށް ޝައްކުވާ ކަންތަކެއް ހުރެ ޓެސްޓު ކުރީއެވެ. އެއާއި އެކު ހޮސްޕިޓަލުން ވަނީ ވަގުތުން އެ މައްސަލަ ޖެންޑާރ މިނިސްޓްރީއާއި ފުލުހުންގެ ސަމާލުކަމަށް ގެނެސްފައެވެ. ކުއްޖާއާއި ޑޮކްޓަރު ސުވާލުކުރުމުން، އެ ކުއްޖާ ހުރިހާ ވާހަކައެއް ޑޮކްޓަރަށް ކިޔާދިނެވެ.
https://twitter.com/sangunews/status/1280523119136960516
މާފުށީ ރައްޔިތުން ވަނީ މިރޭ އެ އަންހެން މީހާ ދިރިއުޅޭ ގޭގެ ކުރިމަތީ މުޒާހަރާކޮށް ރަށުން ފޭބުމަށް ގޮވާލާފައެވެ. އަދި ތިމާގެ ދަރިފުޅާއި މެދު އެހާ އިހާނެތިކޮށް ކަންތައް ކުރި މީހެއް ރަށުގައި ހުރުމަކީ އެހެން ކުދިންނަށް ވެސް އޮތް ބިރެއްގެ ގޮތުގައި އާއްމުން ވަނީ ފާހަގަކޮށްފައެވެ.
އުމުރުން 57 އަހަރުގެ އެ ފިރިހެންމީ ދޮން ދަރިފުޅަށް ޖިންސީ ގޯނާ ކުރާތާ އަހަރުތަކެއް ވެފައިވާކަމަށް ތުހުމަތު ކުރެވެއެވެ. އަދި އޭނާ އެ ހުރިހާ އަމަލެއް ހިންގީ ކުއްޖާގެ މަންމައަށް ވެސް އެނގި ހުރެގެން ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ. ރަށުގެ ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި ކުއްޖާއަށް ޖިންސީ ގޯނާ ކުރާކަން ފަޅާއެރުމުން އޭނާ ވަނީ ކުއްޖާ ހަދަނީ ދޮގުކަމަށް ވެސް ބުނެފައެވެ. އަދި އޭނާ އެ އަމަލު ހިންގުމަށް ފުރުސަތު ދިނީ، މުދާތައް ބޭނުންވެގެން ކަމަށް ވާހަކަ ދެކެވެއެވެ.

