ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަނދާން ނެތިއްޖެ!

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިން ރައްކާތެރިވުމަށް ސިއްޙީ މާހިރުން ދިޔައީ ކެންޑިނޭޅި އިރުޝާދުތައް ދެމުންނެވެ. އެ އިރުޝާދުތައްކަށް ބޯލަބައި، ކޮވިޑުން ރައްކާވެތިބެން އެންމެން ވެސް އޭރު އެހާ ބޮޑު އިސްކަމެއް ދިނެވެ. ނަމަވެސް އެންމެންގެ ރައްކަލަށް މުޅި ރާއްޖޭ ލޮކްޑައުންއަކަށް ދިޔައެވެ. ލޮކްޑައުންއާ ހެދި ވަމުން އައި ގެއްލުންތަކާ މެދު ވިސްނޭ ވަރަށް ވުރެ ވެސް ބޮޑަށް ސަމާލުކަން އޮތީ ރައްކާތެރިކަމަށެވެ. ނަމަވެސް ދަތިތަކާއި އުނދަގޫތައް ކުރިމަތިވީވެސް އިންތިހާއަށެވެ.

ތިން މަސް ދުވަހަށްފަހު ހާލަތަށް ރިޢާޔަތްކޮށް، ލޮކް ޑައުންނަށް ލުއިތަކެއް ދިނެވެ. އަދި ވަކި ހިސާބަކުން ލޮކްޑައުން އެއްކޮށް އުވާލިއެވެ. ނަމަވެސް ދެވުނު ލުއިތަކާއި ޙާލަތަށް ގެނައި ބަދަލާއެކު އަނެއްކާވެސް ނުބައި ރަނގަބީލެއް އަޅަން ފެށިއެވެ. ދެވަނަ ރާޅެއްގެ އިންޒާރު ދެމުންނެވެ. ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ ލީޑަރު ޑރ. އަލީ ލަތީފް ވިދާޅުވީ ލޮކްޑައުންއަށް ލުއިދިނުމުން މަގުތަކުންނާއި އެހެން ތަންތަނުން ފެންނަ މަންޒަރުތަކުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލުވާ މިންވަރު ބަލާ މިންގަނޑުތަކުން މާލޭގެ ހާލަތު އަދި ރަނގަޅު ކަމަށާއި ނަމަވެސް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ޑރ ލަތީފް ވިދާޅުވިއެވެ. އެކަމަކު މުޅިއަކުން އެހެންވެސް ޤާބޫލުކޮށްލައިގެން ފަރުޖައްސާ ލެވޭކަށް ނެތެވެ. ކުރިން ވިއްޔާ ޕޮޒިޓިވްވާ ގިނަ މީހުންނަކީ ބިދޭސީންނެވެ. އޭގެ ތެރޭގައިވެސް ގިނައީ ތޮއްޖެހިގެން އެއްތަނެއްގައި ދިރިއުޅުނު މީހުންނެވެ. އެމީހުންގެ ނަތީޖާތައް ލިބެމުންދިޔައީ ކަރަންޓީނާއި އައިސޮލޭޝަން ފެސިލީޓީތަކުގައި ތިއްބައެވެ. ނަމަވެސް މިހާރުގެ ހާލަތު ތަފާތެވެ. ލުއި ދިން ފަހުން “އިންޑިވިޖުއަލް ކޭސް” ތައް ފެންނަ މިންވަރު އިތުރެވެ. ގިނައީ ދިވެހިންނެވެ. ކޮންޓެކްސް 70 އަށް އަރައެވެ.

ބަދަލުވަމުންދާ ޙަލަތަށް ބަލާއިރު، މާލޭގެ ޙާލަތު ރަނގަޅު ކަމަކަށް ނުދެންނެވޭނެއެވެ. ލޮކްޑައުން އުވާލި ފުރަތަމަ ދުވަސްކޮޅު ކަމާއިބެހޭ އިދާރާތަކުގެ އިރުޝާދުތަކަށް ބަރާބަރަށް ތަބާވިތަން ފެނުނެވެ. ނަމަވެސް މިހާރު ކޮވިޑް މަތިންވެސް ހަދާން ނެތިއްޖެ ކަހަލައެވެ. ރައްޔިތުން ބަސް އަހާތަނެއް ނުފެނެއެވެ. ޑރ. ލަތީފް ވިދާޅުވާ ގޮތަށް ލޮކްޑައުންއަށް ލުއިދިނުމުން މަގުތަކުންނާއި އެހެން ތަންތަނުން ފެންނަ މަންޒަރުތަކުން ކަންބޮޑުވެއެވެ. މިއީ ނުލާހިކު ހިތާމަވެރި މަންޒަރުތަކެވެ. މިފެންނަނީ ކަންކަން ގޯހުން ގޯހަށް ހިނގައިދާނެކަމުގެ ސިގްނަލްތަކެވެ. މިކަމާމެދު ފުންކޮށް ވިސްނާ ފަރުދީ ޒިންމާ އަދާކުރަންޖެހެއެވެ. މިކަމުގެ ނުރައްކާތެރިކަމާއި ސިރީއަސްކަން ދެނެގަނެގެން ނޫނީ މިކަމެއް ނުހުއްޓުވޭނެއެވެ.

ހާލަތު ބަދަލުވަމުން ދިޔަނަމަވެސް އުންމީދަކީ ލޮކްޑައުން އަކަށް އަލުން ދާން ނުޖެހުމެވެ. އެކަމަކު ހިތާމަކުރަންޖެހޭ ވަރުގެ މަންޒަރުތައް ފެނެއެވެ. މިހާރު ފިހާރައަކަށް ދިއުމަކީ ވަރަށް ދަތިކަމެކެވެ. އެއްވެސް ވަރަކަށް ވިސްނާނުލަނީއެވެ. ކިތަންމެ ބައިވަރު ބަޔަކު ތިއްބަސް ފިހާރައިގެ ދެހަރު ދޭތެރޭ ހުއްޓާވެސް އަނެއް މީހާ އައިސް ވަދެދާނެއެވެ.

މިއީ މަދު އެހެން ނަމަވެސް އުޅުމެއް ނެތް ބައެއް ދިވެހިންގެ ފަރާތުން ފެންނަ ހިތާވެރި ކަމެވެ. ލޮކްޑައުން މުއްދަތުގައި ރެސްޓޯރެންޓްތަކާއި ކެފޭތަކުގައި ތިބެގެން ޚިދުމަތް ހޯދުން މަނާކުރުމުން ކާބޯތަކެތި ގަނެގެން ތަންތަނުގައި ގްރޫޕް ހަދައިގެން ކާން ތިބިތަންވެސް ފެނުނެވެ. އެއް ބަޔަކު މަސް ދަތުރުދަނީއެވެ. އަނެއް ބަޔަކު ގޭގޭގައި ޕާޓީކުރަނީއެވެ. ކޮންޓެކްޓް ޓްރޭސިން ހަދާލިއިރު ބޮލަކަށް 50-60 މީހުން ޖެހެއެވެ.

ސިއްޙީ މާހިރުން އަބަދުވެސް ހަނދާންކޮށްދެމުން އެގެންދަނީ ލުއިތަށް ދިނަސް ޒަރޫރީ ބޭނުމެއްގައި ނޫނީ ނުކުމެ ނުއުޅުމަށެވެ. ކެފޭތަކަށް ގޮސް އަނގަ ނަގައިގެން ތިބެންވީ ސަބަބެއް ނެތެވެ. ހަގީގަތަކީ މިއީ އެތައް ޒަމާނެއް ވަންދެން ރާއްޖޭގެ ގިނަ މީހުން އުޅެމުން އައި އުޅުމެއް ނެތް އުޅުމުގެ އަސްލެވެ. މިކަން މިގޮތަށް ކުރަން މިއަދު ސިއްހީ ގޮތުން ހާލަތު ތަން ނުދިނަސް، ގިނަ މީހުންނަށް މިކަން ކުރެވޭކަށްނެތެވެ.

ރާއްޖެ މިހާ ހިސާބަށްވެސް މި ގެނެވުނީ ފާއިތުވި ހަ މަސް ދުވަހު ކިހާ ބުރަ މަސައްކަތެއް ކޮށްގެންކަން ފަހަރެއްގައި ބަޔަކަށް އިހުސާސު ނުވެދާނެއެވެ. އެތަށް ލައްކަ މީހުން ޕޮޒިޓިވްވެ މަރުވާނެ ކަމަށް ލަފާކުރަމުން ދިޔަ މަންޒަރެއް ބަދަލު ކުރެވުނީ ރޯދަމަސް ވެސް ހިމެނޭ ގޮތަށް ރެއާ ދުވާލު ބަޔަކު ގުދާރު ބިންދައިގެން ކުރި މަސައްކަތުންނެވެ. އެވަރު ކޮށްދީފައި ގައިޑްލައިންތަށް ހަދާދީފައި ލުއިތަށް ދިނީމަވެސް ބުނާ އެއްވެސް ގޮތެއް ނެހެދެއެވެ. ގޯސްވަނީ އެހެން މީހުންނެވެ. ތިމާއަށް ތިމާ އޯކޭ ވެގެން މިކަމަކުން އަރައިގަނެވޭކަށް ނެތެވެ.

މި ރާއްޖޭގައި އުޅޭ ސިއްހީ މާހިރުންނަށް ވުރެ މަޖިލީސް ޖޯކަރުންނާއި ސޯޝަލް މީޑިޔާގައި ލިޔާ ޖޯކަރުން މާ މޮޅެވެ. ސިއްހީ މާހިރުން ކޮންމެ އެއްޗެކޭ ބުންޏަސް، މި ބުނާ ޖޯކަރުންތަށް އެއްޗެކޭ ބުނެލާއިރަށް އެވީ އެގޮތަކަށް އަމަލު ކުރާށެވެ. ކަންކަން ގޯހުން ގޯހަށްދަނީ މިފަދަ މަދު ބަޔަކާއި ހެދިއެވެ.

އެތައްދުވަހެއް ވަންދެން ކުރި ޚަރަދާ އެތައް ބަޔަކު ކުރި ބުރަ މަސައްކަތަށް، ބޮޑު ލުޔަކުން ލުއި ދިނުމުގެ އަގު ވަރަށް ބޮޑުކޮށް ދައްކަން ޖެހިދާނެހެން އެބަ ހީވެއެވެ. ގައިދުރުކަމެއްނެތި ނަމާދުގެ ޖަމާޢަތުގެ ސަފު ހެދުމާއި ރެސްޓޯރެންޓްތައް ހުޅުވާ ހިންގުމުގައި ވެސް ގައިދުރުކަމެއް ނެތެވެ. ފެށުނީއްސުރެ ކޮވިޑްފެތުރޭކަމަށް ކިޔާ ސަބަބުތައް މިއޮތީ ބޮޑުކޮށް ފެންނާށެވެ. މަގުތައް ފުރިފަ މިއޮތީ މީހުންނާއި ހެދިއެވެ.

ރާއްޖޭގައި އުޅޭ މީހުން ވަރަށް ތަހުޒީބޭ ކިޔާތީ އިވެއެވެ. އެކަމަކު މުޖްތަމައެއްގައި އުޅޭބައެއްގެ ހުންނަންޖެހޭ އެއްވެސް ކަމެއް ނެތޭ ބުނުމަކީ ކުށަކަށް ނުވާނެއެވެ. އުޅެނީ އުޅޭނެ ގޮތަކަށެވެ. އެއްވެސް ދިމާލަކުން ގައިދުރުކަމެއް ނުފެނެއެވެ. މާސްކު ނާޅާ މީހުންނާއި ނަމެއްގައި އަޅާމީހުން އެހާގިނައެވެ. އުފަން ދުވަހުގެ ޕާޓީތަކާ ހަފްލާތައް ބާއްވަނީއެވެ. ރެސްޓޯރަންޓް ކެފޭތަކަށް ދާ މީހުން ގިނަވެ މަގުމަތީ ސައްލާތައް ގިނަވެއްޖެއެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް ހާދާން ނެތިއްޖެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: