ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތާއިއެކު އެއްބަސްވުމުގައި ސޮއި ކުރީ ބޭސްފަރުވާއަށް ދެވޭނެ އިތުރު ގޮތެއް ނެތުމުން:އަދީބް

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް: ފޮޓޯ އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ދައުލަތާއިއެކު އެއްބަސްވުމެއްގައި ސޮއި ކުރެއްވީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދެވެން އޮތް ޝަރުތަކީ އެއީ ކަމަށް އޭރުގެ ޕްރޮސިއުޓާރ ޖެނަރަލް ޢައިޝަތު ބިޝާމް ވިދާޅުވުން ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ކޮރަޕްޝަންގެ ތުހުމަތު އެންމެ ބޮޑަށް ކުރެވޭ ކުރީގެ ނައިބް ރައީސް އަދީބު ވަނީ އެ ކޮރަޕްޝަންގައި ޝާމިލްވި ކަމަށް އިއުތިރާފުވެ، ދައުލަތާއެކު މިދިޔަ އަހަރު ދެ އެއްބަސްވުމެއްގައި ސޮއި ކުރައްވާފަ އެވެ.

ދައުލަތުން އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއާއި ގުޅިގެން މިއަދު އޮންލައިންކޮށް ކުރިއަށް ދިޔަ އަޑުއެހުމުގައި އަދީބު ވިދާޅުވީ އިއުތިރާފު އެއްބަސްވުމުގައި ސޮއި ކުރެއްވީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދެވޭނެ ޝަރުތަކެއް ކަމަށް އެކަން ކަނޑައެޅުމުން ކަމަށެވެ. އެގޮތުން  އެއްބަސްވުމުގައި ސޮއި ކުރުމަށް އެދިވަޑައިގެންނެވީ އޭރުގެ ޕީޖީ އައިޝަތު ބިޝަމާއި ފުލުހުންގެ ބައެއް އިސްވެރިން ކަމަށެވެ.

އަދީބު ވިދާޅުވީ، އެ އެއްބަސްވުން އެކުލަވާލީ ވެސް ދައުލަތުން ކަމަށާއި އޭނާއަށް އެފަދަ އެއްބަސްވުމެއް އެކުލަވާލަން ވެސް ނޭނގޭ ކަމަށެވެ. އެ އެއްބަސްވުމާ ގުޅޭ ގޮތުން އޭނާގެ ވަކީލުންގެ އިޖުރާއީ ގިނަ މައްސަލަތަކެއް ފާހަގަކުރި ކަމަށާއި ނަމަވެސް އެއަށް ބެލުމެއް ނެތި އޭނާ އޭގައި ސޮއި ކުރެއްވީ ކޮންމެހެން ވެސް ބޭސް ފަރުވާއަށް ދާން މަޖުބޫރުވެފައިވާތީ ކަމަށް އަދީބް ވިދާޅުވިއެވެ. އަދި ވިދާޅުވީ ބޭސްފާގެ ޝަރުތުކޮށް ދައުލަތުން އެއްބަސްވުމެއްގައި ސިއ ކުރުވިއިރު ގާނޫނުގެ ދަށުން ޑޮކްޓަރުން ލަފާ ދީފިނަމަ ގައިދީން ބޭރަށް ފޮނުވުމަކީ ލާޒިމް ކަމެއް ކަމަށާއި ނަމަވެސް އެކަމަށް ދައުލަތުން ހުރަސްއެޅި ކަމަށް އަދީބް ވިދާޅުވިއެވެ. އެހެން ކަމުން ދައުލަތުން އޭނާ ލައްވައި ސޮއި ކުރުވި އެއްބަސްވުމުގައި އިޖުރާއީ މައްސަލަތަކެއް ހުރިނަމަވެސް އެއްބަސްވުމުގައި ސޮއި ކުރީ ބޭސްފަރުވާއަށް ނުދެވިދާނެތީ ކަމަށް އަދީބް ވިދާޅުވިއެވެ. އަދި ދައުލަތާއިއެކު އޭނާ ސޮއި ކުރި ދެ އެއްބަސްވުމަކީ ވެސް އޭނާ ބޭނުންވެގެން ހެދި ދެ އެއްބަސްވުން ނޫން ކަމަށާއި އެއީ ދައުލަތުން ބޭނުން ވެގެން ހެދި ދެ އެއްބަސްވުން ކަމަށް އަދީބް ވިދާޅުވިއެވެ. 

މީގެއިތުރުން އަދީބް ވިދާޅުވީ އެއްބަސްވުމުގައި ސޮއިކުރެއްވީ ޝަރުތެއްގެ ތެރޭގައި ކަމުގައި ވިޔަސް މައްސަލައިގެ ތަހުގީގަށާއި ޝަރީޢަތްތަކަށް އެއްބާރުލެއްވުން ދެއްވާނެ ކަމަށެވެ. ނަމަވެސް އެމްއެމްޕީއާރުސީގެ މައްސަލައިގައި ދައުލަތުން ކުރިން އުފުލާފައިވާ ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން ފަހުން އެމްއެމްޕީއާރްސީގެ ތަހުގީގު ކުރިއަށް ދިޔަ ގޮތް ސާފު ނުވާ ކަމަށް ވެސް އަދީބް ވިދާޅުވި އެވެ. 

މިއަދުގެ އަޑުއެހުމުގައި ޝަރީޢަތުން ވަނީ ދައުލަތަށް ގިނަ ސުވާލުތަކެއް ކުރިމަތި ކުރުވާފައެވެ. އެގޮތުން ދައުލަތުން އަދީބާއިއެކު ހަދާފައިވާ ކުށުގެ އިއުތިރާފްގެ އެއްބަސްވުމަކީ ޖިނާއީއިޖުރާޢަތުގެ ގާނޫނުގެ ދަށުން ގާއިމް ކުރެވިދާނެ އެއްބަސްވުމެއް ނޫން ކަމަށާއި އެހެން ކަމުން ދައުލަތުން އަދީބާއިއެކު ކުށުގެ އިއުތިރާފުގެ އެއްބަސްވުމެއް ހެދީ ކޮން އަސާސްތަކެއްގެ މައްޗަށް ބިނާކޮށްތޯ ޝަރީޢަތުން ވަނީ ދައުލަތާއި ސުވާލު ކޮށްފައެވެ. ޖަވާބުގައި ދައުލަތުން ވިދާޅުވީ ކުށުގެ ތުހުމަތު ކުރެވޭ މީހާ ކުށް ކުރި ކަމަށް އިއުތިރާފްވާނަމަ ބައެއް ހައްގުތައް ގެއްލޭ ގޮތަށް އެއްބަސްވުމެއް ހެދިދާނެ ކަމަށް ޖިނާއީއިޖުރާޢަތުގެ ގާނޫނުގައި ބުނެފައިވާ ކަމަށާއި އަދި އެފަދަ އެއްބަސްވުމެއްގައި ހުންނަން ޖެހޭނެ ކަންކަން ގާނޫނުގައި ބުނެފައިވާއިރު ދައުލަތުން އަދީބާއިއެކު ހަދާފައިވާ ދެ އެއްބަސްވުމަކީ ވެސް ގާނޫނުގައިވާ ގޮތުގެ މަތިން ހަދާފައިވާ ދެ އެއްބަސްވުންކަން ދައުލަތުން ގަބޫލު ކުރާ ކަމަށެވެ. އަދި ދައުލަތާއިއެކު އަދީބް ހަދާފައިވާ އެއްބަސްވުމާއި އެއްގޮތަށް އަދީބް ކުރިއަށް ދާން ބޭނުން ނުވާނަމަ އެ ފުރުސަތު ވެސް އަދީބަށް އެބަ އޮތް ކަމަށާއި އަދި އެކަން ދައުލަތުން ސާފް ކުރަން ބޭނުންވާ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. މީގެއިތުރުން ވަކީލާ ވިދާޅުވީ ދައުލަތާއި އަދީބުއާއިއެކު ހަދާފައިވާ އެއްބަސްވުންތަކުގެ ދަށުން އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅުންހުރި ރަށްތަކާއި ފަޅުތަކުގެ މައްސަލައިގައި ވަކިވަކިން އަދީބުގެ މައްޗަށް ދައުވާ ކުރުމުގެ ބަދަލުގައި މިހާރު ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ހަތް ދައުވާއަކީ ހުރިހައި މައްސަލައެއް އެއްކޮށްލައިގެން އުފުލާފައިވާ ދައުވާތަކެއް ކަމަށެވެ. އަދި އަދީބުއާއިއެކު ވެވުނު އެއްބަސްވުމުގެ ދަށުން ޅ މާބިންހުރާގެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި ނަމަވެސް މައްސަލަ އަނބުރާ ނަގާފައިވާ ކަމަށް ވަކީލާ ވިދާޅުވިއެވެ. 

ނަމަވެސް އެކަމަށް އަދީބް ވަކިއެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އަދީބް ވިދާޅުވީ އޭނާ އެދެނީ ދައުލަތާއިއެކު އޭނާ ވެފައިވާ އެއްބަސްވުމުގައިވާ އިޖުރާއީ މައްސަލަތަކާއި މެދު އަވަހަށް ގޮތެއް ނިންމައި ދިނުމަށް ކަމަށެވެ. 

އަޑުއެހުން ނިންމާލައްވަމުން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ދެން އަންނަ އަޑުއެހުމެއްގައި އެއްބަސްވުމާ ގުޅޭ ގޮތުން ޝަރީއަތުން ނިންމާ ގޮތެއް އަންގަވާނެ ކަމަށެވެ. އަދި އެ އަޑުއެހުން ބާއްވާނީ އަންގާރަ ދުވަހު ކަމަށް ވެސް މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ރަޝީދު ވިދާޅުވިއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: