އަޑީ ދައުލަތް ނުވަތަ އަނދިިރި ދައުލަތް ދެނެގަތުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅުއްވައިފިއެވެ.
މިމައްސަލައަށް ބަހުސް ކުރެއްވުމަށް ފާސްވީ، މަޖިލީހުގައި ތިއްބެވި 30 މެމްބަރުންގެ ތެރެއިން 11 މެމްބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް 9 މެމްބަރަކު ވޯޓު ދެއްވާފައިވާއިރު، ވަކި ގޮތަކަށް ނުފެންނަ ކަމަށް ދެ މެމްބަރަކު ވޯޓު ދެއްވިއެވެ.
މެމްބަރު އަބްދުﷲ ޖާބިރު ހުށައެޅުއްވި ކުއްލި މައްސަލާގައި ބުނެފައިވަނީ މަޖިލީހުގެ ރައީސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ އަޑީ ދައުލަތް ނުވަތަ އަނދިރ ދައުލަތުގެ ބާރު މިރާއްޖޭގައި ވަކިހިއްޕަމުންދާ ކަމަށެވެ. އަދި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓުތަކުންވެސް އަޑީ ދައުލަތުގެ ބިރުވެރިކަން އެނގިގެންދާކަމަށް މެމްބަރު ޖާބިރު ވިދާޅުވިއެވެ. އަދިި ރައީސް ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރަށް މަޖިލީހުގެ 20 މެމްބަރުންނަށް، އެއީ ލާދީނީ ބައެއްކަމަށް ބުނެ މަރުގެ އިންޒާރު އަންނަމުންދާކަންވެސް ކުއްލި މައްސަލާގައި ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލިކަމުގެ ހިތާމަ އަދިވެސް މިގައުމުން ނުފިލާ ކަމަށް ވިދާޅުވިއެވެ. ދިވެހި ދައުލަތް ފިޔަވައި އެހެން ދައުލަތެއް އޮތުމަކީ ގާނޫނު އަސާސީއާ ޚިލާފު، އަދި ބިރުވެރި ކަމެއްގެ ގޮތުގައި ސިފަ ކުރެއްވިއެވެ.
އެހެންކަމުން، އަޑީ ދައުލަތް ދެނެގެނަ، އެމީހުންގެ އެޖެންޑާ ދެނެގަނެ، އަޑީ ދައުލަތުގައި އިސްވެ ހަރަކާތްތެރިވަނީ ކޮންބައެއްތޯ ބެލުމަށް ކުއްލި މައްސަލައެއް ހުށައެޅުއްވީކަމަށް ޖާބިރު ވިދާޅުވިއެވެ.
އެހެންކަމުން، ވަކި ބަޔަކު މަރަންޖެހޭ ކަމަށް ދެކި، ވަކި ބަޔަކު މަރައިފިނަމަ ސުވަރުގެ ދާނެ ކަމަށް ދެކުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި، މިފަދަ މައްސަލަތައް ނުބެލެނީ ކީއްވެތޯ ޖާބިރު ސުވާލު އުފެއްދެވިއެވެ. އަދި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ފިޔަވަޅު އެޅިފައިނުވަނީ ކީއްވެތޯ ބަލަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން، މިމައްސަލާގައި ބަހުސްގައި ބައިވެރިވާ މެމްބަރުންނަށް ކުރެވޭނީ ކޮންކަމެއްތޯ ބަލަންޖެހެ ކަމަށާއި، ހަމައެކަނި މީހަކަށް ދެރަގޮތެއް ވީމާ އެވާހަކަ އެވަގުތު ދައްކާލާފައި މައްސަލަ ނިންމާލުމުން ނުފުއްދާނެ ކަމަށެވެ. އަދި މިފަދަ ކަންކަން ބަލައި ކަމާއި ގުޅުންހުރި އިދާރާތަކުން ފިޔަވަޅެއް އަޅައިދިނުމަށް ވަނީ ގޮވާލައްވާފައެވެ.
ޖާބިރު މިމައްސަލަ ހުށައެޅުއްވުމުން މަޖިލީހުން ކަމެއް ބެލުމަށް ހުށަައަޅާ މައްސަލަ ކުއްލި މައްސަލައަކަށް ނުވާނެ ކަމަށް މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް، ސަރުކާރުގެ ސަމާލުކަމަށް މިކަން ގެނެވިދާނެކަމަށާއި އެގޮތަށް ބަލައިގެން މެމްބަރުންނަށް ބަހުސް ކުރެއްވިދާނެކަމަށް ވިދާޅުވިއެވެ.

