ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭކާރު ޚަރަދު ނުކޮށް، ރިޔާސީ ކޮމިޝަންތައް އުވާލަންޖެހޭ: ރައީސް ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ރިޔާސީ ވައުދުގެ ދަށުން މަރުތައް ތަހުގީގު ކުރުމަށާއި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމަށް އުފެއްދެވި ރިޔާސީ ކޮމިޝަންތައް އުވާލަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސް ނިންމަވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ ދެ ކޮމިޝަން ވެސް އުފެއްދީ މަރުތަކަށް އިންސާފު ދިނުމަށާއި ދައުލަތަށް ގެއްލުނު ފައިސާތައް އަނބުރާ ހޯދަން ކަމަށެވެ. ނަމަވެސް އެ ދެ ކޮމިޝަންގެ ބޭނުމެއް ނުފެންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ ކޮމިޝަންތަކުގެ ގާނޫނެއް ވުޖޫދުކޮށް ދެ ކޮމިޝަނަށް ގާނޫނުން ހަވާލުކުރި މަސްއޫލިއްޔަތުތައް އަދާ ކުރެވޭ ކަމަށް ގަބޫލުފުޅު ކުރައްވަން ދަތި ކަމަށެވެ. އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ކޮމިޝަންތައް ނުވަތަ ގާނޫނު އުވާލަންޖެހެއެވެ.

ކޮވިޑް-19 ގެ ސަބަބުން އިގްތިސޯދާއި ދައުލަތުގެ މާލިއްޔަތު ދަށްވެފައިވާ ދަނޑިވަޅެއްގައި ބޭނުމެއް ނުހިފޭ ކޮމިޝަންތަކަކާއެކު ބޭކާރު ހަރަދުތަކެއް ކުރުމުގެ ބޭނުމެއް ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

”އިއްޒަތްތެރި މެމްބަރުންގެ ކުރިފުޅުމަތީގައި އޮތީ މިކަމުގައި ގޮތެއް ނިންމަވާނެ ގޮތް. އަޅުގަނޑުގެ ބުއްދި އަށް މިހާރު ފެންނަނީ މި ދެ ކޮމިޝަނަކީ ބޭނުންތެރި ކޮމިޝަންތަކެއް ނޫން ކަމަށް، އެތަންތަން މިހާރު އުވާލެވެންޖެހޭ ކަމަށް“ ރައީސް ނަޝީދު

މީހުން ގެއްލުވައިލުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބަލަން އުފެއްދި ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަނަށް ބާރު ދިނީ 2019 ވަނަ އަހަރު ފާސްކުރި ރިއާސީ ކޮމިޝަންތަކުގެ ގާނޫނުންނެވެ. އެ ގާނޫނުން ކޮމިޝަންތަކަށް ދިން ބާރަކީ ތަހުގީގުކުރުމާއި ކޮމިޝަނުން އަމިއްލަ އަށް ދައުވާކުރުމުގެ ބާރެވެ.

ރާއްޖޭގައި ހިންގާފައިވާ ހަގީގަތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދަން ސަރުކާރުން ވި ވައުދާ އެކު އުފައްދާފައިވާ މަރު ކޮމިޝަނުން މަސަައްކަތް ނުކުރާ ކަމަށް ވިދާޅުވެ ނަޝީދު ކުރިން ވެސް ވަނީ ފާޑުވިދާޅުވެފަ އެވެ.

ޖޫން މަހުގެ 22 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އެކުލަވާލި ރިޔާސީ ކޮމިޝަންގެ މަސައްކަތްތައް ހުއްޓާލި ކަމަށް އެ ކޮމިޝަނުން އެންގި ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކަށް އިންސާފު ނުލިބޭނެ ކަމަށް ދެކެވަޑައިގެން މަސައްކަތް ހުއްޓާލުމަކީ އެމަނިކުފާނުގެ ސިޔާސީ ހަޔާތުގައި ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.

ނަޝީދު ވިދާޅުވީ ޑރ. އަފްރާޝީމް އަލީގެ މަރާއި ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނެގުމާ ގުޅޭގޮތުން ކޮމިޝަނުން ކުރި ތަހުގީގަށް ފަހު މަޖިލީހުން ނެރުނު ރިޕޯޓުގައި ވެސް ގިނަ ފަރާތްތަކެއްގެ ނަން ފާހަގަކޮށް، ފިޔަވަޅު އަޅައިދޭން އެދިފައިވާނެ ކަމަށެވެ.

ގޮތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ބަލާ ކޮމިޝަނުގެ ތަހުގީގުތައް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، އެ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ރައީސް ނަޝީދު ދެއްކެވި ވާހަކަތައް ކޮމިޝަނުން ދޮގުކޮށްފައިވެއެވެ.

މަރު ކޮމިޝަނުން ބުނީ، އެ ކޮމިޝަންގެ މަސައްކަތްތައް ގޮސްފައިވާ ހިސާބު އަންގަން އެދިފައިވާތީ، ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ތަހުގީގު މިހާރު ކުރިއަށް ގޮސްފައިވާ ހިސާބާއި ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގައި ހެކި ހޯދުމަށް ހުރި ގޮންޖެހުންތަކުގެ ވާހަކަ ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: