ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު ”ލާދީނީ“ މި ލަފުޒު ތަރުޖަމާކޮށްދެއްވުން: އެއީ ﷲ ވޮޑިގެންވާކަން ޤަބޫލުނުކުރުމެއްނޫން

ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު. ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

”ލާދީނީ“ މި ލަފުޒު ތަރުޖަމާކޮށްދެއްވައި، އެއީ ކޮން އެއްޗެއްކަން ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށާއި، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށާއި، މަޖިލީހުގެ 20 މެންބަރުންގެ އިތުރުން، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރަށް ”އަޑީ ދަޢުލަތުން“ މަރުގެ އިންޒާރުދެމުން އަންނަކަމަށް ވިދާޅުވެ ޚުދު ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްތެރޭގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ، ”ލާދީނީ“ އަކީ، މާތް ރަސްކަލާނގެ ވޮޑިގެންވާކަމަށް ޤަބޫލު ނުކުރުމެއްނޫންކަމަށެވެ. އަދި އެއީ ރަސޫލާ(ސޢވ) ގެ ރަސޫލުކަން ޤަބޫލު ނުކުރުމެއް ވެސް ނޫން ކަމަށެވެ.

”ލާދީނީ އެ ބަހަކީ މާތް ރަސްކަލާނގެ ވޮޑިގެންވާކަމަށް ޤަބޫލުނުކުރުމެއްނޫން. ރަސޫލާގެ ރަސޫލުކަން ވެސް ޤަބޫލު ނުކުރުމެއްނޫން. ޢިއްޒަތްތެރި މެންބަރު، ޙަޤީޤަތުގައި ދުނިޔެއަށް ފެތުރިގެން މިއައީ، މީލާދުގެ 1500 އިގެތެރޭގައި، ކްރިސްޓިއަންދީން ވަރަށްބޮޑަށް ދެބައިވެގެންދިޔަ ދިއުމެއްގަ. އެއްބަޔަކު ދުށްގޮތުގަ ދީނާ ސިޔާސަތާއި ދުރުކުރަންޖެހޭ. އެއީ އެ ބޭފުޅުން ދުށީ އެއީ ސެކިއުލަރިޒަމްކަމަށް. ފަހުން ސެކިއުލަރިޒަމްއަށް ދިވެހިބަހެއްގެ ގޮތުގައި، މި ގެނެވުނު ބަހެއްކަމަށް އަޅުގަނޑަށް ފެނުނީ، ލާދީނީކަން. އެހެންވީމަ އޭގެން ވެގެންމިދަނީ، ދީނާ ޚިލާފުކަމަށް މި ފާހަގަކުރެވެނީ، ޙަޤީޤަތުގައި ލާދީނީ އެ މަފުހޫމަކީ، ސިޔާސީ ކަންކަން ދީނީ ކަންކަމުގެތެރޭގައި ނުގެންގުޅުމުގެ މަފްހޫމް. އިސްލާމްދީނަށް ޤަބޫލު، ނުވަތަ ދީން ޤަބޫލުކުރުންތޯ ނުވަތަ ނޫންތޯ އެ ސުވާލެއްނޫން، އެ މަފްހޫމުން ނުވަތަ އެ ލާދީނީ މި ވާހަކައިން މި ނިކުންނަނީ.“ ރައީސް ނަޝީދު

ނަޝީދު ވިދާޅުވީ، ”ލާދީނީ“ އަކީ، ”ސެކިއުލަރިޒަމް“ އަށް ދިވެހިބަހެއްގެ ގޮތުގައި ގެނެވުނު ލަފުޒެއްކަމަށް ފާހަގކުރެއްވޭ ކަމަށެވެ. އަދި ލާދީނީގެ މަފުހޫމަކީ ސިޔާސީކަންކަން، ދީނީ ކަންކަމުގެތެރޭގައި ނުގެންގުޅުމުގެ މަފްހޫމްކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންވީމަ ލާދީނީ އަކީ، އިސްލާމްދީން ޤަބޫލުކުރުމާއި، ނުކުރުމާއި ގުޅިފައިވާ ކަމަެއް ނޫންކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު، ”ލާދީނީ“ މި ލަފުޒު ތަރުޖަމާކޮށްދެއްވާފައިވާއިރު، އެ ބޭފުޅާއަކީ ލާދީނީ ބޭފުޅެއްކަމަށް، އިދިކޮޅު ފަރާތްތަކުންނާއި، ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: