ބ. ބޮޑުފިނޮޅުގެ ސައިޓުގައި ސީލް މޯލްޑިވްސްއިން ފޯރުކޮށްދީފައިވާ ސާމާނު ބޭނުންކޮށްގެން މަސައްކަތްތައް ކުރިޔަށް ގެންދާއިރު ކުރަންޖެހޭ މަސައްކަތް ދައްކާ އެޕްރޫވް ކުރަނީ ސީލް މޯލްޑިވްސްގެ އިންޖީނިއަރުންކަމަށް ރިޒް ކުންފުނީގެ ގާނޫނީ ވަކީލުންގެ ޓީމު ލޯކްރާފްޓުން ބުނެފިއެވެ.
ބ.އަތޮޅު ބޮޑުފިނޮޅުގައި ބިދޭސީންތަކެއް ވެގެން ދިވެހިންތަކެއް ރަހީނުކޮށް، މުސާރަތައް ދީފައި ނުވާތީ ވަނީ މުޒާހަރާކޮށްފައެވެ. ބޮޑުފިނޮޅު ތަރައްގީ ކުރުމުގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންނަށް ވޭތުވެ ދިޔަ 07 މަސް ދުވަހުގެ މުސާރަ ދީފައިނުވެއެވެ. އެ މައްސަލައިގައި މުޒާހަރާ ކުރުމުގެ ތެރެއިން އެ މީހުން 15 ދިވެހިންތަކެއް ރަހީނުކުރިއިރު، ޑިމާންޑު ކުރީ މުސާރަ ދިނުމަށެވެ. ރަށުގައި ހަމަނުޖެހުން ހިންގިއިރު 200 ބިދޭސީން ތިއްބެވެ.
ރިޒް ކުންފުނީގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ރިޒް މޯލްޑިވްސްއާއި ބެހޭ ގޮތުން މީޑިއާތަކުގައި ގެނެސްދީފައި ވަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ. މީޑިއާތަކަށް ނުރުހުން ފާޅުކޮށް އެ ބަޔާނުގައި ބުނެފައި ވަނީ ލިބޭ ކޮންމެ މައުލޫމާތެއްގެ ސައްހަކަން ބަލަން ޖެހޭނެ ކަމަށް މީޑިއާ ކައުންސިލްގެ ގާނުނުގައި ވެސް ބަޔާންކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ހަގީގަތް ހޯދޭނެ ފުރުސަތު އޮވެމެ، އޭގެ ބޭނުން ނުހިފައި ރާއްޖޭގެ އޮންލައިން މީޑިއާއެއްކަމަށް ވާ ”މިހާރު“ ނޫހުން ތަފާތު އެކި ފަހަރުމަތީން ހަބަރުތަކެއް ގެނެސްދީފައިވާ ކަމަށެވެ.
މި ހަބަރުތައް ގެނެސްދެމުން ދިޔައީ، ރިޒާގެ އެއްވެސް ބަހެއް ނެތި ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ސީލް މޯލްޑިވްސްގެ ފަރާތުން ރިޒް ކުންފުންޏަށް ދޭންޖެހޭ ފައިސާ، އިތުރަށް ދީފައި ވާނެކަމަށް ހަގީގަތް އޮޅޭގޮތަށް ހަބަރު ފަތުރާތީ އެކަން ނުކުރުމަށް އިލްތިމާސް ކުރާކަމަށް އެ ބަޔާނުގައި ވެއެވެ.
ރިޒް ކުންފުނީގެ ގާނޫނީ ޓީމުން ބުނެފައި ވަނީ، އެ ކުންފުނިން ބޮޑުފިނޮޅުގައި މަސައްކަތްކޮށްފައި ވާނީ 2018 ގެ ނޮވެމްބަރު މަހުގެ 18 އިން ފެށިގެން، 2020 ވަނަ އަހަރުގެ މޭއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެހެންކަމުން ބޮޑު ފިނޮޅުގައި 01 އަހަރާއި، 05 މަހާއި 27 ދުވަސް މަސައްކަތް ކުރެވިފައިވާ ކަމަށާއި، ދެ ފަރާތުގެ ދެމެދުގައި މަސައްކަތް ކުރެވިފައި ވަނީ ލިޔުމުން ވެވުނު އެއްބަސްވުންތަކެއްގެ އިތުރުން އަނގަބަހުން ވެވުނު އެއްބަސްވުން ތަކެއްގެ މައްޗަށް ކަމަށް ބުނެފައިވެއެވެ.
ބޮޑު ފިނޮޅު ސައިޓުގައި ކުރެވޭ މަސައްކަތްތަކުގައި، ރިޒް ކުންފުނީގެ ދައުރަކީ ސައިޓު މެނޭޖް ކުރުމުގެ ދައުރުގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ސައިޓުގައި ސީލް މޯލްޑިވްސްއިން ފޯރުކޮށްދީފައިވާ ސާމާނު ބޭނުންކޮށްގެން މަސައްކަތްތައް ކުރިޔަށް ގެންދާއިރު ކުރަންޖެހޭ މަސައްކަތް ދައްކާ އެޕްރޫވް ކުރަނީ ސީލް މޯލްޑިވްސްގެ އިންޖީނިއަރުންކަމަށް ރިޒް ކުންފުނީގެ ގާނޫނީ ޓީމުން ވަނީ ބުނެފައެވެ.
ގާނޫނީ ޓީމް ލޯކްރާފްޓުން ބުނެފައިވަނީ، ސައިޓުގައި މަސައްކަތް ކުރަންޖެހޭ މުވައްޒަފުންނާއި މަސައްކަތް ކުރަންޖެހޭ މުވައްޒަފުންގެ އަދަދުތައް ކަނޑައަޅަނީ ވެސް ސީލް މޯލްޑިވްސްގެ ފަރާތުން ކަމަށެވެ. އަދި ސައިޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރަ ދެނީ ވެސް ސީލް މޯލްޑިވްސްއިން ކަމަށެވެ. އެގޮތުން ސައިޓު މެނޭޖު ކުރާ ފަރާތުގެ ހައިސިއްޔަތުން، ރިޒް ކުންފުނިން ސައިޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ޝީޓު ތައްޔާރު ކުރުމުން، މަސައްކަތް ކުރި މުވައްޒަފުންގެ އަދަދު އެޕްރޫވް ކުރަނީ ބޮޑު ފިނޮޅުގައި ހުންނަ ސީލް މޯލްޑިވްސްގެ އޮފީހުން ކަމަށް ރިޒްގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ބުނެފައެވެ. އެއާއި އެކު މުސާރައަށް ވާ ޖުމްލަ ފައިސާގެ އަދަދު ރިކުއެސްޓު ކުރަނީ އިންވޮއިސް ފޮނުވައިގެން ކަމަށާއި، ސެލެރީ ޝީޓު ތައްޔާރުކުރަނީ ސައިޓު މެނޭޖު ކުރާ ފަރާތުނގެ ހައިސިޔައްތުން ސައިޓުގައި މަސައްކަތް ކުރާ ހުރިހާ އެންމެން ވެސް ހިމެނޭހެން ކަމަށް ރިޒްގެ ގާނޫނީ ޓީމުން ބުނެފައިވެއެވެ.
ރިޒް ކުންފުނީގެ ގާނޫނީ ޓީމުން ބުނެފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ސައިޓު މެނޭޖު ކުރި މުއްދަތުގެ ތެރޭގައި މުސާރައިގެ އެއްވެސް ޝަކުވާއެއް އަދި ކަންބޮޑުވުމެއް ވެސް ލިބިފައިނުވާ ކަމަށެވެ. އެހެން ނަމަވެސް ސީލް މޯލްޑިވްސްއިން ދެމުންއައި މިސާރަ ލިބުން ހުއްޓުނީ ސީލް މޯލްޑިވްސްއަށް ބޭންކުން ލޯނެއް ނުލިބިގެން ކަމަށް އެ ކުންފުނިން ބުނެފައިވާ ކަމަށެވެ.
ބަޔާނުގައި ބުނެފައިވާ ގޮތުގައި ލޯނު ހަމަނުޖެހުމުން ސީލް މޯލްޑިވްސް ގެންދިޔައީ މުސާރައިގެ މައްސަލައަށް އަވަސް ހައްލެއް ލިބޭނެ ކަމުގެ ޔަގީންކަން ދެމުންނެވެ. އަދި ތަނުގައި މަސައްކަތް ކުރިޔަށް ގެންދިއުމަށާއި، މަސައްކަތް މެނޭޖު ކުރާ ފަރާތުގެ ހައިސިއްޔަތުން މުވައްޒަފުންނަށް އެ ޔަގީންކަން ދިނުމަށް އެދެމުން ކަމަށެވެ.
ރިޒް ކުންފުނީގެ ގާނޫނީ ޓީމުން ބުނެފައިވަނީ، އެގޮތުން ކުރި މަސައްކަތްތަކުގެ ތެރެއިން ކޮވިޑުގެ ނުރައްކާތެރިކަން ރާއްޖެއަށް ކުރިމަތިވި ކަމަށެވެ. އަދި ކޮވިޑުގެ ހާލަތު ކުރިމަތިވުމާއި ގުޅިގެން ސީލް މޯލްޑިވްސްއަށް ކުރިމަތިވި މާލީ ދަތިކަން އިތުރުވުމުން އެ ކުންފުނީގެ ފަރާތުން ބައެއް މަސައްކަތްތައް މަޑުޖައްސާލުމަށާއި ބޮޑު ފިނޮޅުގައި ތިބި މަސައްކަތްތެރިން މަސައްކަތް ނިކުންނަ އަދަދު މަދު ކުރުމަށް އެނގި ކަމަށެވެ. ނަމަވެސް އޭގެ ފަހުން ސީލް މޯލްޑިވްސްއިން މަސައްކަތްކޮށްފައިވަނީ ކޮވިޑު ރިލީފް ލޯނުގެ ތެރެއިން މަސައްކަތްތެރިންގެ މުސާރަތައް ދިނުމަށްފަހު މަސައްކަތް އެކީ ހުއްޓާލުމަށް ކަމަށެވެ. އެއީ ކޮވިޑުގެ ރިލީފްގެ ތެރެއިން 07 މިލިއަން ރުފިޔާ ލިބޭނެކަމަށް ބަލައިގެންކަމަށާއި، އެހެން ނަމަވެސް އެ ކުންފުނިން ފަހުން ބުނެފައިވަނީ ކޮވިޑުގެ ރިލީފް ލޯނުން އެ ކުންފުންޏަށް ފަސް ލައްލަ ރުފިޔާ ލިބުނު ކަމަށެވެ.
ބަޔާނުގައި ބުނެފައިވަނީ ސީލް މޯލްޑިވްސްގެ މާލީ ހާލަތު ދަށްވެ، މުވައްޒަފުންގެ މުސާރައާއި ކެއިން ބުއިން ހުއްޓުމަކަށް ނުގެނެސް އެކަން ކުރިޔަށް ގެންދިއުމަށްޓަކައި ސައިޓުގައި ކެއިން ބުއިމުގެ ކަންކަން އެދުވަހުން ފެށިގެން މިއަދާއި ހަމައަށް ވެސް ކުރިޔަށް ގެންދަނީ ރިޒް ކުންފުނިން ކަމަށެވެ.
މީގެ ކުރިން ސީލްގެ މޯލްޑިވްސްގެ ގާނުނީ ޓީމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ލޯކްރާފްޓް ނޫސް ބަޔާނުގައި، ކޮންޓްރެކްޓަރ ގެ ފަރާތުން ރިސޯޓުގެ ބޮޑު ބައެއް ނިމިފައިވާކަމަށް ބަޔާންކޮށްފައި ވީނަމަވެސް، ކޮންޓްރެކްޓަރ އާއި ހަވާލުކޮށްފައިވަނީ މުޅި ރިސޯޓް އެއްކޮށް ތަރައްޤީކުރަން ނޫންކަމަށާއި، އޭގެ ބަދަލުގައި، ކަނޑައެޅިފައިވާ ވަކި މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ. އަދި ރިސޯޓް ޑިވެލޮޕްކުރުމުގެ ޖުމުލަ މަސައްކަތުގެ ނިސްބަތަށް ބަލާއިރު، ލޯކްރާފްޓްގެ ފަރާތުން ބަޔާންކުރާ ފަދައިން، ރިސޯޓެއްގެ ބޮޑު ބައެއް ބާރަ މިލިއަން ތިންލައްކަ ތިރީސް ދެ ހާސް ހަތްސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާއަށް ނިންމާލެވޭ ކަމަށްވާނަމަ، ރިސޯޓެއް ޑިވެލޮޕް ކުރުމުގެ އަގު އެއް މިލިއަން ޑޮލަރަށް ވެސް ނާރާނެ ކަމަށެވެ.

