ސޮނެވާފުށި ރިސޯޓުގައި މަސައްކަތްކުރާ ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
މިކަމާއި ގުޅިގެން އެ ރިސޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުން ކޮވިޑަށް ޓެސްކުރުމުގެތެރެއިން، މުވައްޒަފަކު ޕޮޒިޓިވްވެފައިވާކަން ޔަޤީންކުރެވިފައިވާކަމަށެވެ. ނަމަވެސް ޕޮޒިޓިވްވި ދިވެހި މީހާގެ ގައިގައި އެއވެސް ޢަލާމާތެއް ނެތްކަމަށާއި، މިހާރު އޭނާ އެކަހެރިކުރެވިފައިވާކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އޭނާއަކީ، އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، އަދި ފަތުރުވެރިއަކާ ވެސް ދިމާވެފައިވާ މީހެއްނޫންކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި އޭނާ ޕޮޒިޓިވްވުމާއެކު ދެވަނަ ސާމްޕަލެއް ނަގައި ޓެސްޓުކުރަން ފޮނުވާފައިވާކަމަށާއި، ނަމަވެސް އަދި ނަތީޖާ ނުލިބޭކަމަށް ވެސް ބުނެފައިވެއެވެ. ފަތުރުވެރިން ގެނައުމަށްޓަކައި، މީގެ ދެ ހަފްތާ ކުރިން އެ ރިސޯޓަށް މީހުން އަރައިފޭބުންވަނީ މަނާކޮށްފައެވެ. ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާފައިވާއިރު، ރާއްޖޭގެ މިއަދު ރާއްޖެއައި 104 ބިދޭސީން ދާން ހަމަޖެހިފައިވަނީ ސޮނެވާފުށްޓަށެވެ. ކޮވިޑް-19 އިގެ ކޭސްތައް ރާއްޖެއިން އެންމެ ފުރަތަމަ ފެނިފައިވަނީ ރިސޯޓުތަކުންނެވެ. ނަމަވެސް ރިސޯޓުތަކުން ޕޮޒިޓިވް ކޭސްތައް ނުފެންނަތާ ދެ މަސްދުވަސް ފާއިތުވެ ހިނގައްޖެއެވެ.
ކޮވިޑް-19 އިގެ އިތުރު ކޭސްއެއް ފެނިފައިވާއިރު، ރާއްޖެއިން މި ބަލިޖެހޭ މީހުންގެ ޢަދަދު މިހާރު އަންނަނީ ގިނަވަމުންނެވެ. މި ގޮތުން ބަލާއިރު މިހާތަނަށް ޖުމްލަ 2،801 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.

