ރައީސް އޮފީހުގެ ޑިރެކްޓާރ އޮފް ކޮމިއުނިކޭޝަންސް، ހަސަން އިސްމާއިލް އަންހެން ނޫސްވެރިއަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ބަޔާން ނެގުން ލަސްވީ ކޮވިޑުގެ ހާލަތުގެ ސަބަބުން ކަމަށް ފުލުހުން ބުނެފިއެވެ.
”މިހާރު“ ނޫހުގެ ދަށުން ހިންގާ، އިނގިރޭސި އެޑިޝަންއެއް ކަމަށްވާ ”ދި އެޑިޝަން“ ގައި މަސައްކަތް ކުރަމުން އަންނަ އެޑިޓަރު ރާއީ މުނައްވަރުއަށް ޖިންސީ ފުރައްސާރަ ކުރި މައްސަލަ އެންމެ ފުރަތަމަ މީޑިއާތަކާއި ހަމައަށް ފެންމަތިވެގެން އައީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ފުރައްސާރަކޮށް، ރޭޕް ކުރުމަށް މަސައްކަތް ކުރި މައްސަލައާއި ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި ހުރި އަލީ ވަހީދު އެ އޮފީހުގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ފުލުހުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.
ސަރުކާރުގެ އިސް މަގާމެއްގައި ހުރި މީހެއްގެ މައްޗަށް، ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭއިރު އެ މައްސަލަ ލަސްވާ ސަބަބާއި، އަދި ބަޔާން ނެގުން ލަސްވީ ކޮން ސަބަބަކާއި ހުރެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް މުޙައްމަދު ބަޝީރު ވިދާޅުވީ ތަހުގީގަށް ދަތިވީ، ކޮވިޑުގެ ސަބަބުން ކަމަށެވެ. އެހެން ނަމަވެސް މައްސަލައިގައި ބަޔާން ނަގާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މައްސަލައިގައި އިތުރު ތަފްސީލެއް ނުދެއްވާ ބަޝީރު ހަމައެކަނި ދެއްވި ޖަވާބަކީ، ހަސަން އިސްމާއިލްގެ ބަޔާން ނެގުން ކޮވިޑުގެ ސަބަބުން ލަސްވުމެވެ.
ބަޝީރު ވިދާޅުވީ ލޮކްޑައުންގެ ސަބަބުން ބައެއް މީހުން ބަޔާން ނެގުން ލަސްވި ކަމަށެވެ. އެހެން ނަމަވެސް ތަހުގީގުތަކަށް ބޭނުންވާ، ބަޔާންތައް މިހާރު ނަގާފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސީދާ ވަކި މައްސަލައަކަށް އިޝާރާތް ނުކޮށް ބަޝީރު ވިދާޅުވީ މިހާރު ކުރަމުންދާ މަސައްކަތަކީ ޕީޖީގެ ލަފައެއް ހޯދާ މައްސަލައިގެ ގޮތެއް ނިންމުން ކަމަށެވެ.
މައްސަލައިގެ މުއްދަތާއި ގުޅޭގޮތުން ނޫސްވެރިޔާ ސުވާލު ތަކުރާރު ކުރުމުން، ކުޑަ އިރުކޮޅަކަށް މަޑުން ހުންނެވުމަށްފަހު ބަޝީރު ވިދާޅުވީ ލިޔެކިޔުން ނެތުމުން، އެ މައްސަލައަށް އަހަރެއް ވީކަން ބުނަން ނޭނގޭ ކަމަށެވެ. ނަމަވެސް އެނާ ވަނީ ކޮވިޑާއި ގުޅިގެން ތަހުގީގަށް ހާޒިރު ނުކުރެވޭ ވާހަކަ ތަކުރާރު ކުރައްވާފައެވެ.
ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ ނޫސްވެރިންނާއި އާއްމުންގެ ކަންބޮޑުވުންތަކާއި ސުވާލުތަކަށް ޖަވާބު އަރުވާނެކަމަށެވެ. އެހެން ނަމަވެސް ޕްރެސްގައި ބައިވެރިވީ ވަކި ވަކި ކޭސްއެއްގެ މައުލޫމާތާއި އެކު ނޫންކަމުން އެ ސުވާލަށް ޖަވާބު ދޭން ދަތިކަމަށް މަންނާނު ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތް ތަނުގައި މިފަދަ ކޭސްތަކާއި ބެހޭ މައުލޫމާތު ހިއްސާކުރަން ބައްދަލު ކުރާނެކަމަށް މަންނާނު ވިދާޅުވިއެވެ.
މައްސަލައާއި ގުޅޭގޮތުން ރާއީ ވަނީ ޓްވީޓުތަކެއް ވެސް ކޮށްފައެވެ. އެގޮތުން އެ މައްސަލަ މިދިޔަ ފެބްރުއަރީ މަހުގެ 04 ވަނަ ދުވަހު ރައީސް އޮފީހަށް ހުށަހަޅާ، އެކަން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ އޮފީހަށް ހުށަހަޅާފައިވާނެކަމަށް ވަނީ ބުނެފައެވެ. ނަމަވެސް މިއަދާއި ހަމައަށް އެ މައްސަލައިގައި އެއްވެސް ފިޔަވަޅެއް އަޅާފައި ނުވެއެވެ.
މައްސަލަ ފެންމަތިވެފައިވިތާ ދުވަސްތަކެއް ފަހުން މޯލްޑިވްސް މީޑިއާ ކައުންސިލްއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ދި އެޑިޝަންގެ އެޑިޓަރަށް ޖިންސީ ފުރައްސާރަ ކުރި މައްސަލަ ވީހާވެސް އަވަހަށް ތަހުގީގުކޮށް ނިންމަން ޖެހޭ ކަމަށެވެ.
ރާއީގެ ޓްވީޓަށް ރައްދު ދެއްވާ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މި މައްސަލައާއި ގުޅިގެން ފުލުހުންގެ އިދާރާއާއި އެކު ވާހަކަ ދެކެވި މަޝްވަރާކުރެވިފައިވާ ކަމަށެވެ. އަދި މައްސަލަ ކުރިޔަށް ދާ ކަމަށް ހަމީދު ވިދާޅުވިއެވެ. ހަމީދު ވަނީ ވީހާވެސް އަވަހަށް މައްސަލަ ކުރިޔަށް ގެންގޮސްދެއްވުމަށް އެދިފައިވާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކޭޓްރީގެ މަގާމުގައި ހުރެ ހަސަން އިސްމާއިލް ރާއިއަށް ޖިންސީ ފުރައްސާރަ ކުރި މައްސަލަ ރައީސް އޮފީހަށާއި، ފުލުހުންގެ އިދާރާއަށް އަދި އެ ނޫންވެސް ކަމާއި ގުޅުން ހުރި އިދާރާތްތަކަށް ހުށަހަޅާފައިވީ ނަމަވެސް މިއަދާއި ހަމައަށް ހަސަން އިސްމާއިލްއަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވުމަކީ ކަންބޮޑުވާ މައްސަލައެއްގެ ގޮތުގައި އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
މި މައްސަލަ ހުށެހެޅިތާ 18 މަސް ދުވަސްވެފައިވާއިރު، ރަސްމީ ސިފައެއްގައި މައްސަލަ ކުރިޔަށް ގެންދާކަން ހާމަކުރީ ވެސް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. އެއީ މައްސަލަ ވީ ހިސާބަކާއި، މިހާތަނަށް އައިއިރު ހަސަން އިސްމާއިލްއާއި މެދު ފިޔަވަޅެއް އެޅިފައި ނުވަނީ ކޮން ސަބަބަކާއި ހުރެތޯ ސުވާލު އުފައްދާ ރާއީ ޓްވީޓު ކުރުމުންނެވެ.

