އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕްގެ ލިޑަރުގެ ހައިސިއްޔަތުން، ބިރު ދައްކައިގެން އެއްވެސް ކަމެއް ކުރުވިދާނެ ކަމަށް އަލީ އާޒިމް ހީކޮށްގެން ނުވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
އިންތިހާބު ނުބާއްވަން ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީންނާއި ސްޕޯޓްސް މިނިސްޓްރީން އެދިފައިވަނިކޮށް، އެފްއޭއެމުން އިންތިހާބީ ކޮންގްރެސް ބާއްވައި ކަންކަން ކުރިއަށް ގެންދިޔަ މައްސަލައިގައި އަލީ އާޒިމާއި މަހުލޫފާއި ދެމެދުވަނީ ޚިޔާލުތަފާތުވުން ތަކެއް އުފެދިފައެވެ.
ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަހުލޫފް ވިދާޅުވީ، ޔޫތު މިނިސްޓަރުގެ މަޤާމުގެ ދިފާއުގައި ކޮންމެ ކަމެއް ވަރިހަމަކޮށްލައިގެން ހުރެދާނެ ކަމަށް އެއްވެސް ފަރާތަކުން ޤަބޫލުކޮށްގެން ނުވާނެ ކަމަށެވެ. އަދި އެގޮތަށް ޤަބޫލު ކުރުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް މަހުލޫފް ވިދާޅުވިއެވެ.
މަހުލޫފް ވިދާޅުވީ ޔޫތު އެންޑް ސްޕޯޓުސްގެ މަޤާމަށް އޭނާ އައްޔަންކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި، މަޤާމުގައި ކުރަންޖެހޭ މަސައްކަތް ކުރައްވާނީ ރައީސް އަންގަވާ ގޮތެއްގެ މަތިން ކަމަށެވެ.
މަޤާމު ގެއްލިދާނެ ކަމުގެ ބިރަށް ނުވަތަ އެމްޑީޕީގެ ޕީޖީ ލީޑަރު އާޒިމް ވިދާޅުވީތީ އޭ ކިޔާފައި އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ. އެގޮތަށް ބިރު ދައްކައިގެން މަސައްކަތް ކުރުމަކީ ދަންނަކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
މަހުލޫފް ވިދާޅުވީ މަޤާމުގެ ހައިސިއްޔަތުން ކުރާ ކަންކަން ރައްޔިތުންގެ މަޖިލީހުގެ ބޭފުޅުންނަށްވެސް ވަރަށް ސާފުވާނެ ކަމަށާއި، އެގޮތަށް މަސައްކަތް ކުރަމުންދަނިކޮށް އެފްއޭއެމްގެ މައްސަލަ އާއި އަޅުވާފައި މަޤާމުން ދުރުކުރަން ވޯޓެއް ނެގުންވާނީ ބޮޑު ޖޯކަކަށް ކަމަށެވެ.
”އަޅުގަނޑު ޤަބޫލެއް ނުކުރަން އަޅުގަނޑު ބޭރުކޮށްލަންޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް، އަޅުގަނޑު މި މަޤާމުގައި ކޮންމެ ގޮތެއް ހެޔޮކޮށްލައިގެން ހުރެފާނެ ކަމަށް އެއްވެސް ބޭފުޅަކު ޤަބޫލުކޮށްގެން ނުވާނެ، އާޒިމް ޕީޖީ ގްރޫޕްގެ ލީޑަރަށް ވެގެން ހީވެގެން ނުވާނެ އަޅުގަނޑަށް ބިރު ދައްކައިގެން އެއްވެސް ކަމެއް ކުރެވިދާނެ ކަމަކަށް“ މަހުލޫފް
މީގެ އިތުރުން މަހުލޫފް ވިދާޅުވީ ސްޕޯޓްސް މިނިސްޓަރުގެ ހައިސިއްޔަތުން، އެފްއޭއެމްގެ އިންތިޚާބު ބަލައި ނުގަތުމަށް އާޒިމް ބޭނުންވެ ލައްވާ ކަމަށެވެ. އަދި އެންމެ ފުރަތަމަ ބޭނުންވެ ލެއްވީ އިންތިންޚާބު ހުއްޓަވަން ކަމަށާއި އެކަމަށް އެދި އެފްއޭއެމަށް ސިޓީއެއްވެސް ފޮނުވައި ދެއްވި ކަމަށް މަހުލޫފް ވިދާޅުވިއެވެ.
މަހްލޫފް ވިދާޅުވީ މިހުރިހާ ކަމެއް އެންމެ ރަނގަޅަށް އެގިވަޑައިގަންނަވާނީވެސް އާޒިމްއަށް ކަމަށެވެ. އަދި އެހުރިހާ ކަމެއް އެނގިވަޑައިގެން ހުންނަވާ އޭނާ ލައްވާ އެހުރިހާ ސަކަރާތެއް ޖައްސަވަން އުޅުއްވާތީ ކަންބޮޑުވާ ކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.
އެފްއޭއެމްގެ އިންތިޚާބުގެ ކަންކަން ކުރިއަށްދިޔައީ ކްލަބުތަކުން ބޭނުންވާ ގޮތަށް ކަމަށް މަހުލޫފް ވިދާޅުވިއެވެ. އަދި އެ އިންތިޚާބު ފީފާ އާއި އޭއެފްސީން ވެސް ބަލައިގެންފައިވާ ކަމަށާއި ދެން އިތުރަށް ކުރެވޭނެ ކަމަކީ ފުލުހުން ފޮނުވައިގެން އެފްއޭއެމްގެ ގޭޓުގައި ތަޅެއް އެޅުވުން ކަމަށް މަހުލޫފް ވިދާޅުވިއެވެ.

