ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އެއްވެސް ބިލަކަށް އަދި އެއްވެސް ގާނޫނަކަށް އެއްވެސް އިސްލާހެއް ގެންނަން ހުށަހަޅާފައި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން އިމިގްރޭޝަން ގާނޫނަށް ހުށައެޅި އިސްލާހުގެ ބިލް މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ވަނީ ފާސްކޮށްފައެވެ. ނަމަވެސް އެ ބިލް މަޖިލީހުގެ ތަޅުމަށް ހުށައެޅުމުން މަޖިލީހުގެ ރައީސް ވަނީ އިތުުރު އިސްލާހުތަކެއް އެ ބިލަށް ގެނައުމަށް ބިލް އަނބުރާ ކޮމެޓީއަށް ފޮނުވާލާފައެވެ.
ރައީސް ނަޝީދު ވަނީ ބިލަށް މާއްދާއެއް އިތުރުކުރުމަށް ހުށައަޅުއްވާފައެވެ. އެގޮތުން ރެސިޑެންޓް ވިޒާއަކީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް ނުވަތަ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެން އެ އިދާރާއިން ގަބޫލުކުރާ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރުމަށް އެއްލައްކަ ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމަންޓެއް ކުރާ ބިދޭސީއެއް ނުވަތަ ދިވެހިރާއްޖޭގައި ދިހަ އަހަރަށްވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާފައިވާ ބިދޭސީއަކަށް ދިނުމަށް ހުށައަޅާފައެވެ.
ރައީސް ނަޝީދު އިމިގްރޭޝަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާއި ގުޅިގެން ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވަނީ މަޖިލީޙުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހަޅާފައެވެ.
ނޮޅީވަރަމް ދާއިރާގެ މެމްބަރު ނަޝީދު ހުށަހެޅުއްވި ކުއްލި މައްސަލައަކީ ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެސިޑެންޓް ވިސާ ދޫކުރާ ގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން ރައީސް ނަޝީދު ހުށަހެޅުއްވި ސަބަބު ހޯދަން ގޮވާލައި ހުށަހެޅި މައްސަލައެކެވެ. ނަމަވެސް މަޖިލީޙުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ.
މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހުށަހެޅުއްވި އެ ކުއްލި މައްސަލަ ތަޅުމަށް ބަލައިގަނެ ބަހުސަށް ހުޅުވާލަން ފެންނަ ކަމަށް ވޯޓު ދެއްވީ 16 މެންބަރުންނެވެ. ބަހުސަށް ހުޅުވާލަން ނުފެންނަ ކަމަށް 19 މެންބަރުން ވޯޓު ދެއްވި އެވެ.
ނޮޅިވަރަމް ދާއިރާގެ މެމްބަރު ނަޝީދުގެ ހުށަހެޅުއްވި ކުއްލި މައްސަލައާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަށް ހުށަހަޅާފައިވާ އެއްވެސް ބިލަކަށް އަދި އެއްވެސް ގާނޫނަކަށް އެއްވެސް އިސްލާހެއް ހުށަހެޅުމަކީ މަޖިލީހުގެ ގަވާއިދުގެ ދަށުން އެމަނިކުފާނަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އަދި އެއްވެސް ބިލަކަށް އެއްވެސް އިސްލާހެއް އެމަނިކުފާން ހުށަހަޅާފައި ނުވާނެ ކަމަށާއި އެމަނިކުފާން ކޮމެޓީއަށް ފޮނުއްވެވީ ބިލަށް ލިބިފައިވާ ހިޔާލްތަކެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ބިލަކަށް އިސްލާހެއް އެމަނިކުފާން ހުށަހެޅުއްވި ކަމަށް ބުނެ ވާހަކަ ދައްކަނީ ކޮމެޓީގެ މުގައްރިރު ދެއްވި މައުލޫމާތަކާއި ގުޅިގެން ކަމަށް ގަބޫލު ކުރެއްވޭ ކަމަށާއި ނަމަެވެސް އެފަދަ އެއްވެސް އިސްލާހެއް ހުށަހަޅާފައި ނުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަށް ހުށަހެޅީ ބިލެއްގެ މަސައްކަތް ކުރިއަށް ގެންދަނީ މެމްބަރުން ބަހުސް މަރުހަލާފައި ހުށަހަޅާ އިސްލާހުތަކާއ ފާޅުކުރައްވާ ހިޔާލްތަކުގެ މައްޗަށް ކަމަށާއި އަދި ބިލެއް ދިރާސާ ކުރާ ކޮމެޓީއަކުން ނިންމާ ނިންމުމެއްގެ ދަށުން ބިލްތަކަށް އާންމުންގެ ހިޔާލް ހޯދާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އެގޮތުން އިމިގްރޭޝަން ގާނޫނަށް ރެޒިޑެންސް ވިޒާގެ ކަންކަމުގައި ހުށަހަޅާފައިވާ އިސްލާހުތަކާއި އަޑުއިވެމެުންދާ ނަންބަރުތަކަކީ ބަހުސް މަރުހަލާގައި ދެކެވުނު ވާހަތައް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ މަޖިލީހުގައި މަސައްކަތްކުރާ ގޮތް މީޑިއާތަކަށާއި ނޫސްވެރިންގެ އިތުރުން އާންމު ރައްޔިތުންނަށް ސާފްވާން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

