ދިވެހި ކޮންމެ ދަރިވަރަކު ވެސް، ސަމާލުކަން ދޭންވީ ގައުމަށް ބޭނުންތެރި ޝަހުސިއްޔަތެއް ބިނާކުރުމަށް ކަމަށާއި ކޮންމެ ދިވެހި ދަރިއަކު ވެސް ވިސްނަން ވީ ގައުމު އެ ދަރިއެއްގެ ފަރާތުން އެދޭ ކަމެއްގެ މައްޗަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަމަށް ގޮވައިލެއްވީ 2019 ވަނަ އަހަރުގެ މަތީ ސާނަވީ އިމްތިހާނާއި ޝަހާދާ ސާނަވިއްޔާ އިމްތިހާނުން އެންމެ މަތީ ދަރަޖައިގައި ފާސްވެ، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ހާސިލުކުރި ހަތް ދަރިވަރުންނަށް ސްކޮލަރޝިޕުގެ ލިޔުން ހަވާކުރެއްވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ދުނިޔެ މިދަނީ އިލްމީ ގޮތުންނާއި، ޓެކްނޮލޮޖީގެ ގޮތުން ކުރިއެރުންތަކެއް ހޯދަމުން ކަމަށެވެ. އަދި މިއަދުގެ ދުނިޔޭގައި ހޯދަމުންދާ ކުރިއެރުންތަކަށް ބަލާއިރު މަތީ ސާނަވީ ނިންމުން އެއީ ހަގީގީ އިލްމު ހޯދުމުގެ ފެށުމުގެ ގޮތުގައި ރައީސް ފާހަގަކުރެއެވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ ތައުލީމީ ގޮތުން ވަނަތައް ހާސިލު ކުރާ ދަރިވަރުންނަށް މިފަދަ ސްކޮލާޝިޕްތައް ދެނީ ވަރަށް މަތިވެރި މަގްސަދެއްގައި ކަމަށެވެ. އަދި އެއީ ޒިންމާދާރުކަމާއި އެކު ގައުމު އަރާސްރު ކުރުމުގެ މަސްއޫލިއްޔަތު ހަވާލުވާނެ، އުފެއްދުންތެރި އިލްމީ ދަރިންތަކެއް ބިނާ ކުރުން ކަމަށެވެ. ރައީސް ސޯލިހް ވިދާޅުވީ، އިލްމީ ދަރިންތަކެއް ބިނާ ކުރުމަށްޓަކާ ދައުލަތުގެ ފަރާތުން މިހާރުވެސް ބޮޑުތި ހޭދަތަކެއް ކުރެވޭ ކަމަށެވެ.
ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގައި ހުރި މަތީ ތައުލީމު ދޭ މުވައްސަސާތަކުން ފުރަތަމަ ޑިގްރީއަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ދައުލަތުގެ ހަރަދުގައި އެކަން ކުރިޔަށް ގެންދެވޭނެ އިންތިޒާމުތައް ސަރުކާރުން ހަމަޖެއްސީ މި އަހަރުގެ ތެރޭގައި ކަމަށެވެ. އެގޮތުން ޕްރޮގްރާމްގެ ދަށުން ކިޔެވުމަށް މިހާތަނަށް، 6250 ދަރިވަރަކަށް، 130 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އެހީ ފޯރުކޮށްދެވިފައިވާކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ ރާއްޖެއިން ބޭރުން މަތީ ތައުލީމް ހާސިލް ކުރުމަށް ދޫކުރާ ލޯނު އެހީގެ ދަށުން މިހާރުވެސް ތަފާތު 24 ގައުމެއްގައު 1480 ދިވެހި ދަރިވަރަކު މަތީ ތައުލީމްގެ ތަފާތު އެކި ޕްރޮގްރާމްތުތައް ފުރިހަމަކުރަމުން ދާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލާޝިޕްގެ ދަށުން ތަފާތު 07 ގައުމެއްގައި 54 ދަރިވަރަކު ތަފާތު ޕްރޮގްރާމުތައް ފުރިހަމަކުރަމުން ދާ ކަމަށާއި ހައި އެޗީވާސް ސްކޮލާޝިޕްގެ ދަށުން ތަފާތު 07 ގައުމެއްގައު މިހާރުވެސް 117 ދަރިވަރެއް ކިޔަވަމުންދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
”މީގެ އިތުރުންވެސް، ދިވެހި އެތައް ހާސް ދަރިވަރުންނެއް، ދުނިޔޭގެ އެކި ޤައުމުތަކުގައި މަތީ ތަޢުލީމުގެ ޕްރޮގްރާމްތައް ފުރިހަމަކުރަމުން އެބަ ގެންދޭ. އެ ހުރިހާ ދަރިވަރުންވެސް، ކިޔަވަމުން އެދަނީ ރާއްޖެއަށް ބޭނުންތެރި، ވަރަށް މުހިންމު ދާއިރާތަކަކުން. އިރާދަކުރެއްވިއްޔާ އެ ހުރިހާ ދަރިވަރުންނަކީވެސް، ޤައުމުގެ ތަރައްޤީގައި މުހިންމު ޙިއްޞާއެއް ވާނޭ ދަރިވަރުންތަކެއް ކަމުގައި އަޅުގަނޑު އުންމީދުކުރަން“ ރައީސް
ރައީސް ސޯލިހް ވިދާޅުވީ ގައުމަކީ އޭގެ ޒާތުގައި އަމިއްލައަށް ތަރައްގީވެ ކުރިއަރައިގެންދާ އެއްޗެއް ނޫން ކަމަށެވެ. އަދި އަމިއްލައަށް އާރާސްތުވެ ބިނާވެގެންދާ އެއްޗެއް ވެސް ނޫން ކަމަށެވެ. ގައުމުގެ ކުރިއެރުމަކީ އެ ގައުމެއްގެ ރައްޔިތުންނާއި ސިކުނޑީގައި އުފަންވެގެން އަންނަ އީޖާދީ ފިކުރުތަކެއްގެ ނަތީޖާތައް ކަމަށް ރައީސް ވިދާޅުވިއެވެ. މިހާރި މަސައްކަތް ވެސް މިކުރަނީ ދިވެހި ދަރީންގެ ސިކުނޑިތަކުގައި އީޖާދީ ވިސްނުން އާލާކޮށް ފައްކާކުރެވޭ ވަރަށް ދިވެހިން ދަރީންނަށް އިލްމު ހޯދައިދިނުމަށްކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ ކޮންމެ ދަރިވަރެއްގެ ވެސް އުންމީދުތަކެއް ހުންނަފަދައިން އެ ކުއްޖެއްގެ މައިންބަފައިންނާއި، މި ގައުމު ވެސް އެ ކުދިންނާއި މެދު ކުރާ ފޮނި އުންމީދުތަކެއް ހުންނާނެ ކަމަށެވެ. އަދި ގައުމަށް ވަފާތެރި، ތެދުވެރި އަދި އިހުލާސްތެރިކަމާއި އެކު ގައުމަށް ހިދުމަތް ކުރާނެ ދަރީންތަކެއް ގޮތުގައި އެކުދިންވުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް ސޯލިހް ވިދާޅިވީ ހާއްސަކޮށް މި ދުވަސްވަރު ގައުމަށް އެފަދަ ދަރީންތަކެއް ބޭނުންވާ ކަމަށެވެ. ރާއްޖޭގެ ހަޔާތުގައި ކުރިމަތިކޮށްފައި މިވަނީ ދަތި އުނދަގޫ ވަގުތުތަކެއް ކަމަށާއި މިއަދު ކޮވިޑުގެ ސަބަބުން ގައުމު އެކީ އަނަރޫފުވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
”ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބު ކަމަށްވާ ފަތުރުވެރިކަން، މުޅިންހެން ހުއްޓިފައި އޮންނަތާ ތިން މަސްދުވަހަށްފަހު، އަލުން ހުޅުވައިލެވުނީ މިދިޔަ ބުދަ ދުވަހު. މިއީ ރާއްޖޭގައި ފަތުރުވެރިކަން ފެށި ފަހުން، މި ޞިނާޢަތް މެދުކެނޑިގެންދިޔަ ފުރަތަމަ ފަހަރު. މިކަމުގެ ސަބަބުން، އިޤްތިޞާދީ ގޮތުން މިއިން ޒަމާނެއްގައިވެސް ނުލިބޭހާ ބޮޑު ގެއްލުމަކާ ރާއްޖެ މިވަނީ ކުރިމަތިލާން ޖެހިފައި“ ރައީސް
ރައީސް ވިދާޅުވީ މިއީ އެކަކު އަނެކަކު އެކުގައި މަސައްކަތްކޮށް ގައުމުގެ އިގްތިސޯދު ކޮޅަށް ޖަހަންވީ ވަގުތު ކަމަށެވެ. އަދި މިކަން އެންމެ ފުރިހަމައަށް ކުރެވޭނީ ގައުމުގެ އިގްތިސާދީ ހަރަކާތްތަކާއި ވަޒީފާގެ މާހައުލުގައި ހަރަކާތްތެރިވާ ދިވެހިންގެ އަދަދުތައް މިހާރަށް ވުރެން އިތުރުކޮށްގެން ކަމަށެވެ. ހާއްސަކޮށް ދިވެހި ޒުވާނުންގެ ތާޒާ ލޭގެ ހޫނުން ގައުމުގެ އިގްތިސޯދަށް ދިރުން ލިބިގެންކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮންމެ ދިވެހި ދަރިއަކު ވެސް ރާއްޖޭގައި ހުރި ވަޒީފާގެ ފުރުސަތުގެ ބޭނުންހިފަން ޖެހޭ ކަމަށެވެ. އަދި މިއީ ބިދޭސީ މަސައްކަތްތަކުގެ މީހުންގެ ސަބަބުން ރާއްޖެއިން ބޭރުވާ ފައިސާގެ މިންވަރު މަދުކުރުމަށްޓަކައި ވެސް ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. ހަމައެފަދައިން ޒުވާނުން ވަޒީފާގެ މާހައުލުގައި ހަރަކާތްތެރިވުމަކީ އިޖްތިމާއީ ވަރަށް ގިނަ މައްސަލަތަކުގެ ހައްލުގެ ގޮތުގައި ރައީސް ވިދާޅުވިއެވެ.
ކޮންމެ ދަރިވަރަކު ވެސް، ސަމާލުކަން ދޭންވީ ގައުމަށް ބޭނުންތެރި ޝަހުސިއްޔަތެއް ބިނާކުރުމަށް ކަމަށާއި ކޮންމެ ދިވެހި ދަރިއަކު ވެސް ވިސްނަން ވީ ގައުމު އެ ދަރިއެއްގެ ފަރާތުން އެދޭ ކަމެއްގެ މައްޗަށް ކަމަށެވެ. އަދި ގައުމަށްޓަކާއި ތިމާގެ ކިބައިގައި ތަރައްގީ ކުރަންވީ، ކޮން ދާއިރާއަކުން ކޮން ހުނަރެއްތޯ ވިސްނުމަށް ކަމަށެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، އެމަނިކުފާނުގެ އުންމީދަކީ ރާއްޖޭގެ ދަރިވަރުންނާއި ހުރިހާ ޒުވާނުންނަކީ ވެސް ގައުމާއި މެދު ފިކުރު ހިންގައި ގައުމަށް ހިދުމަތް ކުރުމުގެ ރޫހުގައި އިލްމު އުނގެނި މަސައްކަތްތަކާއި ހުނަރު ދަސްކޮށްގެން ގައުމުގެ ތަރައްގީ ކުރުމަށް ޒިންމާއާއި ހަވާލުވާނެ ބަޔަކަށްވުމަށް ކަމަށެވެ.

