ޖިންސީ ކުށުގެ ގާނޫނަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށައެޅުއްވި އިސްލާހު މަޖިލީހަށް ބަލައިގަނެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ފޮނުވައިފިއެވެ.
ޖިންސީ ކުށުގެ ގާނޫނަށް މެމްބަރު ހިސާން ހުށައަޅުއްވާފައިވާ އިސްލާހަކީ ޖިންސީ ގޯނާގެ ކުށުގެ ޝިކާރާއަކަށްވީ މީހާގެ ހަށިގަނޑުންނާއި އަންނައުނުން ރޭޕް އެވިޑެންސް ކިޓް ބޭނުންކޮށްގެން ސާމްޕަލް ނެގުން ލާޒިމްކުރުމަށް އެދި ހުށައަޅާފައިވާ އިސްލާހެވެ. މިއިސްލާހު މަޖިލީހުން ބަލައިގެންފައިވަނީ 71 މެމްބަރުންގެ ވޯޓުންނެވެ. މިބިލު ބަލައިނުގަތުމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއްނުވެއެވެ.
ޖިންސީ ކުށުގެ ޤާނޫނަށް މާއްދާއެއް އިތުރު ކުރުމަށް ހިސާން ހުށަހެޅުއްވި އިސްލާހުގައި ޖިންސީ ގޯނާގެ ޝިކާރައަށްވާ ވިކްޓިމްގެ ހަށިގަނޑުންނާއި އަންނައުނުން ސާމްޕަލް ނަގައި، ފޮރެންސިކް ތަހުލީލެއް ކުރަން ޖެހެއެވެ. މީގެ އިތުރުން އެ އިސްލާހުގައި ވިކްޓިމް ލައިގެން ހުންނަ ހެދުމުންނާއި ހަށިގަނޑުން ހަ ސާމްޕަލްއެއް ނަގަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިއެވެ. އެއީ ލެއާއި ކުޑަކަމުދާ ތަކެތިންނާއި، ނިޔަފައްޗާއި ނިޔަފަތީގެ ދަށުންނާއި، ކުރިމަތި ފަރާތާއި ފުރަގަސް ފަރާތުންނާއި، އަނގައިންނާއި، އިސްތަށިތަކުންނެވެ.
ބިލުގައި ބުނާ ގޮތުން ސިއްހީ ހިދުމަތް ދޭ ތަނަކަށް ޖިންސީ ޝިކާރައިގެ އަނިޔާ ލިބިފައިވާ ވިކްޓިމަކު އަތުވެއްޖެނަމަ ވަގުތުން ސޯޝަލް ސާވިސް ޑިޕާޓްމަންޓްއަށް އަންގައި، ލަސްނުކޮށް ސާމްޕަލްތައް ނަގަން ޖެހެއެވެ. މީގެ އިތުރުން އެ ގޮތަށް އަމަލު ނުކުރުމަކީ ކުށެއް ކަމަށް ބިލުގައި ބަޔާން ކޮށް، އަދަބަކީ އެއް އަހަރާއި ތިން އަހަރު ޖަލު ހުކުމެއް ކަމަށް ބިލުގައި ބުނެ އެވެ.
ހިސާން ހުށަހެޅުއްވި އިސްލާހުގައި އިތުރަށް ހިމަނާފައިވާ ކަންކަމުގެ ތެރޭގައި ގާނޫނަށް އަމަލު ކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ސިއްހީ ހިދުމަތް ދޭ ތަންތަނަށް އެވިޑެންސް ކިޓް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސަން ޖެހެ އެވެ. ސިއްހީ ހިދުމަތް ދޭ ތަނަކުން ކިޓް ބޭނުން ކޮށްގެން ނަގާ ސާމްޕަލްތައް ނެގުމަށް އެއްވެސް އަގެއް ނަގައިގެން ނުވާނެ ކަމަށާއި ރޭޕް އެވިޑެންސް ކިޓް ބޭނުން ކުރާނެ ގޮތުގެ ތަމްރީން ލިބިފައި ހުރި ޑޮކްޓަރެއް ނުވަތަ ނަރުހެއް ރާއްޖޭގައި ސަރުކާރުން ހިންގާ ކޮންމެ ސިއްހީ މަރުކަޒެއްގައާއި ހޮސްޕިޓަލެއްގައި ހުންނަންވާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.
މި ބިލުގައި ފުލުހުން އަމަލު ކުރަން ޖެހޭ ގޮތުގެ ބާބެއް ވެސް ހިމަނާފައިވެއެވެ. އެ ގޮތުން މިފަދަ މައްސަލައެއް ފުލުހަށް ރިޕޯޓް ކުރުމުން ލަސްނުކޮށް ވިކްޓިމް ހޯދައި އޭނާގެ ރުހުމާއެކު ސިއްހީ ހިދުމަތް ދޭ ތަނަކަށް ގެންގޮސްދޭން ވާނެ ކަމަށާއި ފުލުހަށް މައްސަލައެއް ހުށައެޅުމުންވެސް ސޯޝަލް ސާވިސް ޑިޕާޓްމަންޓަށް އަންގަން ވާނެ ކަމަށް ބުނެއެވެ.

