އިމިގްރޭޝަން ގާނޫނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށައެޅުއްވި ކަމަށް އަޑުތައް ފެތުރިފައިވާ އިސްލާހަށް އާންމުގެ ހިޔާލް ހޯދުމަށް ނިންމާފައިވާކަން މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ހާމަ ކުރައްވައިފިއެވެ.
ސަރުކާރުގެ ފަރާތުން އިމިގްރޭޝަން ގާނޫނަށް ހުށައެޅި އިސްލާހުގެ ބިލް މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ވަނީ ފާސްކޮށްފައެވެ. ނަމަވެސް އެ ބިލް މަޖިލީހުގެ ތަޅުމަށް ހުށައެޅުމުން މަޖިލީހުގެ ރައީސް ވަނީ އިތުުރު އިސްލާހުތަކެއް އެ ބިލަށް ގެނައުމަށް ބިލް އަނބުރާ ކޮމެޓީއަށް ފޮނުވާލާފައެވެ.
އެގޮތުން ރައީސް ނަޝީދު ވަނީ ބިލަށް މާއްދާއެއް އިތުރުކުރުމަށް ހުށައަޅުއްވާފައެވެ. އެގޮތުން ރެސިޑެންޓް ވިޒާއަކީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް ނުވަތަ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެން އެ އިދާރާއިން ގަބޫލުކުރާ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރުމަށް އެއްލައްކަ ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމަންޓެއް ކުރާ ބިދޭސީއެއް ނުވަތަ ދިވެހިރާއްޖޭގައި ދިހަ އަހަރަށްވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާފައިވާ ބިދޭސީއަކަށް ދިނުމަށް ހުށައަޅާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިމިގްރޭޝަން އެމަނިކުފާން އިސްލާހު ހުށަހެޅުއްވި ކަމަށް ބުނާ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށާއި މަޖިލީހުގެ ގަވާއިދުގެ ދަށުން އެމަނިކުފާނަށް އެއްވެސް ބިލަކަށް އަދި އެއްވެސް ގާނޫނަކަށް އިސްލާހު ހުށަނޭޅޭނެ ކަމަށެވެ. އަދި ވިދާޅުވީ އިމިގްރޭޝަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަށް އާންމުގެ ހިޔާލް ހޯދުމުގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް ބައްދަކުވުން ބާއްވާނެ ވަކި ތާރީހެއް ރައީސް ނަޝީދު ވިދާޅެއް ނުވެއެވެ.
ރައީސް ނަޝީދު ހުށައެޅުއްވި ހުށައެޅުއްވުމަށް ބަހުސް ކުރުމަށް މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީންގެ ބައްދަލްވުމެއް ވަނީ ބާއްވާފައެވެ. އެ ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުން ވަނީ އެ އިސްލާހުތަކާ ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކަވާފައެވެ. އޭގެ ތެރޭގައި އެމްޑީޕީގެ މެންބަރުންވެސް ހިމެނެއެވެ.

