ކުޑަ ކުދިންނަށް ކުރާ، ޖިންސީ އަނިޔާގެ މައްސަލަތަކާއި އެކު ފެންމަތިވެގެން މި އަންނަނީ ހިތް ފަޅައިގެންދާ ވަރުގެ ވާހަކަތެކެވެ. ޅަ ކުދިންގެ މުޅި މުސްތަގުބަލު ދުއްވާލަނީއެވެ. އެ މީހުންގެ އެދުން ފުއްދުމުގެ ބޭނުމުގައެވެ. މިއީ އަލަށް ދައްކަން ޖެހުނު ވާހަކައެއް ނޫނެވެ. ޒަމާނުއްސުރެން ފެށިގެން އައިސް މި ކަންތައް ވެފައި އޮތީ ބޮޑު ސިއްރެއްގެ ގޮތުގައެވެ. އާއިލާގެ ބޮޑު ސިއްރުގެ ގޮތުގައެވެ. ރަށުގެ ނުވަތަ އަތޮޅުގެ ބޮޑު ސިއްރުގެ ގޮތުގައެވެ. ކުއްޖާގެ އަބުރާއި، އިއްޒަތާއި އެ މައުސޫމު ކަމަށް ވުރެ އާއިލާއިން އިސްކުރަނީ، އެ އާއިލާގެ އަބުރެވެ. މި ހުންނަނީ ކަންބޮޑުވާންޖެހޭ ފަދަ މައްސަލަތަކެވެ.
ކުޑަކުދިންނަކީ، އެތައް މައުސޫމެއްގެ ވެރި ބަޔަކަށްވާއިރު އެ ކުދިންނަށް އަނިޔާ ދީ އޭގެއިން ކުއްޖެއްގެ އިފަތްތެރިކަން ފޭރިގަތް މީހާގެ ނުބައި ކަމާއެވެ. އަދި އެކަން ފޮރުވާ، އެކަމަށް ފިޔަވަޅު ނޭޅިބައެއްގެ ޖާހިލުކަމާއެވެ. މި ވާހަކަ ރީތި ގޮތަކަށް ދެއްކޭނެ ގޮތެއް ނޭނގެއެވެ. ހިސާބަށް ވުރެ ކަންގޯހުން ދިޔައިމަ ވާހަކަ ދެއްކެން އޮތް ގޮތަކީ ވެސް މިއީއެވެ.
ހިތަށް ވަންނަ ނުބައި ނުލަފާ ވިސްނުންތަކެއްގެ ސަބަބުން މައުސޫމް ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރާނީ ވަލު ޖަނަވާރުންތަކެކެވެ. އެ މީހުންނަށް ދެވޭނެ އެއްވެސް މާފެއް ނެތެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާގެ ވާހަކަ ދައްކަން ޖެހިފައިމިވަނީ ލަދުން ހުރެއެވެ. އެ ކުދިންނަށް އަހަރެމެންނަކަށް ރައްކާތެރިކަން ފޯރުކޮށް ނުދެވުނީމައެވެ. ހިތަށް އަރާހާވެސް ވާހަކައަކީ ގައުމުގެ ބޮޑު ޖެނެރޭޝަންއެއްގެ ސުންނާފަތިކޮށްލާފައިވާ ކަމަށެވެ. މިއަދު އަހަރެމެން ޒުވާނުން ބޭނުންވަނީ، އަންނަން އޮތް ޖީލަށް ރައްކާތެރި ދިރިއުޅުމެއް ހޯދަ ދޭށެވެ.
އެ ކުއްޖާގެ މުޅި މުސްތަގުބަލު ދުއްވާލަން ޖެހޭނީ ”އަހަރެންގެ ކުށަކީ ކޮބައިތޯ“ ހިތާހިތާ ސުވާލުކޮށް ހުރެއެވެ. ދެން ހުރިމީހާ އެ ވާހަކައެއް މަތީން ހަނދާން ވެސް ނުހުރެދާނެއެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ އެތައް މައްސަލައެއް ފެންމަތިވާއިރު ކަމާއި ބެހޭ މުވައްސަސާތަކުގެ ހުންނަނީ ވާގި ނެތިފައެވެ. ކުރެވޭ ކަމެއް ނޯވެއެވެ. މި މީހުން މުޖްތަމައުއަށް ދޫވެފައި ހުރުމުގެ ނަތީޖާއަކީ އެކަންކަން ތަކުރާރުވުމެވެ. އިތުރު ކުއްޖެއްގެ މުޅި ދިރިއުޅުން ހަލާކުވުމެވެ.
ޖިންސީ ގޯނާގެ ޝިކާރައަކަށް ވީ ކުދިންނަށް އިންސާފު ހޯދައިދިނުމަށް ކުރެވެން ހުރި މަސައްކަތްތަކެއް އަޅުގަނޑު ކުރާނަމެވެ. މިއަދު ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާއި ދެކޮޅަށް އަޑުއުފުލާ ޒުވާނުން ދެކެ ފަހުރުވެރިވެއެވެ. އުފާ ވެސް ވެއެވެ. ގައުމުގެ ކުރިމަގު ނިކުމެ، އަންނަން އޮތް ޖީލު ނުރައްކަލުން ސަލާމަތް ކުރުމަށް އަޑު އުފުލަނީއެވެ.

އެތައް ޒުވާނުންނަށް މަގުމައްޗަށް ނިކުމެ، އެ ދަނީ ޖިންސީ ގޯނާއާއި ދެކޮޅަށް އަޑުއުފުލަމުންނެވެ. އެތަނަކު ސިޔާސީ އެކްޓިވިސްޓެއް ނެތެވެ. ޒުވާނުންނެވެ. ގައުމުގެ ދަރީންނެވެ. ބޯޑުތަކުގައި ލިޔެފައިވަނީ ރޭޕްއިން ކުޑަކުދިން ސަލާމަތް ކުރުމަށެވެ. ކަމާއި ބެހޭ މުވައްސަސާތައް އިތުރަށް ހަރުދަނާ ވުމަށެވެ. ރޭޕްއަކީ އާދައިގެ ކަމެއް ނޫން ކަމަށެވެ. ރޭޕް ކުރާ މީހާއަށް ހިމާޔަތް ދިނުން ހުއްޓާލުމަށެވެ. އެ މީހުންނަށް ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށެވެ.
މީގެ ކުރިން މިފަދަ އެތައް ވާހަކައެއް ފެނުނީ އަވައްޓެރި އިންޑިއާއިންނެވެ. މަޒާޖީ ސިފައެއްގައި ބައެއް ފަހަރަށް ”ސާވްދާން އިންޑިއާ“ ގެ ވާހަކަ ދެކެވެއެވެ. އެހެން ނަމަވެސް، ވިސްނާލާށެވެ. މިއަދު ގައުމު މިސްރާބު ޖަހާފައިމިވަނީ އެ ހާލަތާއި ދިމާލަށެވެ. އެ ސީރީޒް އެޕިސޯޑުތަކުން ފެންނަހެން ޖިންސީ ގޯނާގެ ޝިކާރައަކަށް ވާ ކުއްޖާގެ ވާހަކަ އަޑެއް ނާހައެވެ. އާއިލާގެ އެއްބާރުލުމެއް ނުލިބެއެވެ. އެ ވާހަކަ އެހެން މީހެއްގާތު ނުދެއްކުމަށް ބުނެއެވެ. އެކަމުގެ ނަތީޖާއަކީ، ޖިންސީ ގޯނާ ކުރާ މީހާއަށް އިތުރު ހިއްވަރެއް ލިބުމެވެ.
ދިވެހި ހަރުބަހެއްގައި އޮވެއެވެ. އެއް ފުޅައްމަތީން ފުންމާލި ބަކަރި އަނެއް ފުޅައްމަތީންވެސް ފުންމާލާނެއެވެ. ”ނަސޭހަތް“ ދީ މީހާ ދޫކޮށްލުމުން، ”ހާލަތަށް“ ބަލާ މީހާދޫކޮށްލުމުން ދެން އެ މީހާ އިތުރު ކުދިންވެސް ޝިކާރަ ކުރަނީއެވެ. ސިންގާއެއް ފަދައިންނެވެ.
މިއަދު މުޅި ގައުމު ހިތާމައާއި ކުރިމަތިލާންޖެހިފައި މިވަނީ ރާއްޖޭގެ މުވައްސަސާތަކުގެ ހުރި ދޯދިޔާކަމުންނެވެ. މި ޒަމާނުގެ ބަހުން ބުނާނަމަ ކަން ފަސޭހަކޮށްލުމުންނެވެ. މަސްތުވާތަކެތި ކަމަށް ”ބެލެވޭ“ ރަބަރު ޕެކެޓާއި އެކު ހައްޔަރު ކުރާ މީހާގެ ޝަރީއަތް ނިމެންދެން ބަންދަށް ޖަހާލަނީ އެ މީހާގެ ސަބަބުން އިތުރު ނުރައްކަލެއް އައިސްދާނެ ކަމަށް ބުނެއެވެ. މާރާމާރީ ހިނގިކަމަށް ”ބެލެވޭ“ މީހާ ވާނުވާގައި 4-5 އަހަރު ވަންދެން ބާއްވަނީ ހަމަ އެބުނާ މުޖްތަމައުއަށް ނުރައްކަލެއް އަތުވެދާނެ ކަމަށް ބުނެއެވެ. ކުޑަކުދިންގެ އިއްފަތްތެރިކަން ފޭރިގަންނަ މީހެއްގެ ފަރާތުން އޮންނީ ގައުމީ ނުރައްކަލެކެވެ. އޭނައަކީ ވަގުތުން ވަގުތަށް މައްސަލަ ބެލި، ޖަލު ގޮޅިއަށް ލެވެންޖެހޭ މީހެކެވެ. ރޯޔަލްތޯ، މިނިސްޓަރެއްތޯ، ޑިރެކްޓަރެއްތޯ، ބަލާނެ ކަމެއް ނެތެވެ.

ވޭތުވެ ދިޔަ ހަފްތާއެއް ހާ ދުވަހުން ފެށިގެން އިވެމުންދަނީ ބިރުވެރި ވާހަކަތަކެވެ. އިންސާނެއްގެ ހިތްފަޅައިގެން ދާނެ ވަރުގެ ވާހަކަތަކެކެވެ. ދެ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށް އެ ކުއްޖާ ރޭޕް ކުރި ހާދިސާއާއި އެކު ގައުމެއް ހޭލައްވާލީއެވެ. މިފަދަ އެތައް ވާހަކައެއް ކިޔައިދޭން ފަސްޖެހުނު ކުދިން ނިކުމެ، ދަނީ އެ ކުދިންނާއި ދިމާވި ހިތްދަތި ހާދިސާތައް ހިއްސާ ކުރަމުންނެވެ.
އަވައްޓެރި އިންޑިއާގައި ކޮންމެ ދުވަހަކު އެތައް އަންހެން ކުދިންނެއް ރޭޕް ކުރެއެވެ. އެތައް އަންހެނުންނެއް ޖިންސީ ޝިކާރައަކަށްވެއެވެ. އެ ގައުމުގައި މިކަން ވެފައި އޮންނަނީ އާއިލީ ބޮޑު ސިއްރަކަށެވެ. ޒަވާޖީ ހަޔާތެއް ފެށުމަށް ހުރަސް އެޅޭނެ ކަމަށް ބުނެއެވެ. މި އަނިޔާވެރި ދުނިޔެމަތީން އެ ކުދިންނާއި ދިމާވަނީ އާއިލީ މީހުންގެ ފުރައްސާރައެވެ. ލޭގެ ގުޅުން އޮތް މީހުން އެ ކުދިންގެ އިއްފަތްތެރިކަން ފޭރިގަންނަ ވާހަކަތައް ނޫސްތަކުގެ ފަލަ ސުރުހީން ފެނުނީ އިންޑިއާއިންނެވެ.
މިއަދު މި ގައުމު މިދަނީ އެ މިސްރާބަށެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން އޮތީ އިންތިހާގައެވެ. އަންހެނުންގެ އިއްފަތްތެރިކަން ފޭރުގަތުން މިވަނީ އިތުރުވެފައެވެ. މުޖްތަމައުއެއްގެ ގޮތުގައި އަޅުގަނޑުމެން މިވަނީ ފެއިލް ވެފައެވެ. ލަދުވެއްޗެވެ. އެފަދަ މީހުންނަށް ދޭން އޮތް ދަރަކައަކީ ވަލު ޖަނަވާރުންނަށް ވުރެންވެސް ދަށް ދަރަޖައެކެވެ. ޖަނަވާރުވެސް އޭގެ ލެއަށް ބަލައެވެ.
ނޫސްވެރިއެއްގެ ހައިސިއްޔަތުން މިއަދު ކޮންމެ ދުވަހަކު ލިޔަން ޖެހިފައި މިވަނީ ފަސޭހަ ހަބަރުތަކެއް ނޫނެވެ. އަތްތުރުތުރު ލައެވެ. އާއިލާގެ ގާތް ތިމާގެ މީހަކަށް، ގާތް ރައްޓެއްސަކަށް އެފަދަ ކަމެއް މެދުވެރިޔަ ނުވުމަށް އެދި ދުޢާ ކުރެވެއެވެ. އެކުގައި އުޅޭ ބައެއް ރަށްޓެހިންނަށް ޖިންސީ ފުރައްސާރައާއި ޅަ އިރު ކުރިމަތިލާން ޖެހުނެވެ. އެ މީހުންގެ މޫނު ލޯމައްޗަށް ސިފަވެއެވެ. ރޮއެފައި، އަސަރާއި އެކު އެމީހުން ކިޔައިދިން ވާހަކަތައް މި ކަންފަތުގައި ގުގުމާ ކަހަލައެވެ. ހާދަ ވޭނެ، ހާދަ އެއްޗެއް ހިތަށް އަރާނެއެވެ. ހާދަ ހިތާމައެއް ކުރާނެއެވެ.
މިއަދު ގައުމު މިވަނީ އިސްލާހު ކުރަން ޖެހިފައެވެ. ”މަތީން އަންނަ ކޯލުތައް“ ކަމަކު ނުދެއެވެ. ރާއްޖޭގައި އެތައް ޒަމާންތަކެއް ވަންދެން ހައްލުނުވެ އޮތް މައްސަލަތަކަށް ބޭނުންވަނީ ހައްލެކެވެ. ބޭނުންވަނީ ފުރިހަމަ ގާނޫނަކާއި، އިހުލާސްތެރި އެއްވެސް ނުފޫޒެއް ނެތި މަސައްކަތް ކުރާ ފުލުހުންގެ މުވައްސަސާއެކެވެ.

