ރާއްޖެއިން އިތުރު 33 މީހުން ކޮވިޑަށް ޕޮޒިޓިވްވެ، ޖުމްލަ ޢަދަދު 2،999 އަށް އިތުރުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހޯމަދުވަހުގެރޭ ކުރި ޓްވީޓެއްގައިވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ. އެ އެޖެންސީން ކުރި ޓްވީޓްގައި ބުނީ، އާދިއްތަ ދުވަހުގެ 18:00 އިން ފެށިގެން ހޯމަދުވަހުގެ 18:00 އާއި ހަމައަށް، ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 33 މީހަކު ޕޮޒިޓިވްވެފައިވާކަމަށެވެ. މި ގޮތުން ރާއްޖެއިން މިހާތަނަށް ޖުމްލަ 2،999 މީހަކު ޕޮޒިޓިވްވެފައިވާކަމަށް ވެސް އެޗްޕީއޭގެ ޓްވީޓްގައި ބުނެފައިވެއެވެ. އެޗްޕީއޭއިން ބުނީ އެންމެފަހުން ޕޮޒިޓިވްވެފައިވަނީ، 23 ދިވެއްސެއްގެ އިތުރުން، ބަންގްލަދޭޝް 06 މީހަކާއި، އިންޑިއާގެ 04 މީހެއްކަމަށެވެ.
https://twitter.com/HPA_MV/status/1285258446363910145?s=20
މީގެ އިތުރުން ކޮވިޑު ޖެހިގެން ފަރުވާ ހޯދަމުންއައި މީހުންގެތެރެއިން އިތުރު 07 މީހަކު ރަނގަޅުވެފައިވާކަމަށާއި، މި ގޮތުން މިހާތަނަށް ޖުމްލަ 2،369 މީހަކު ބަލިން ރަނގަޅުވެފައިވާކަމަށް ވެސް، އެޗްޕީއޭއިން ބުނެފައިވެއެވެ. އަދި މިހާރު މި ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 600 މީހުންކަމަށް ވެސް ބުނެފައިވެއެވެ. މީގެ އިތުރުން އައިސޮލޭޝަން ފެސިލިޓީތަކުގައި ޖުމްލަ 475 މީހަކު އެބަތިބިކަމަށާއި، ނަމަވެސް ކަރަންޓީނު ފެސިލިޓިތަކުގައި މިހާރު އެއްވެސް މީހަކު ނެތްކަމަށް ވެސް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެ 3000 މީހުންނާއި ގާތަށް، މީހުން ޕޮޒިޓިވްވެފައިވާއިރު، މި ބަލި ޖެހުނު 15 މީހަކު މިހާރުވަނީ ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ 10 ދިވެއްސަކާއި، 5 ބިދޭސީންކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

