ސިފައިންނާއި ފުލުހުންގެ އާއިލާތަކަށް އަޅަންފެށި 600 ފްލެޓް، 8 އަހަރުވީއިރުވެސް ނުނިމިއޮތް މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.
މިއަދުގެ ޖަލްސާއަށް މިމައްސަލަ ހުށައެޅުއްވީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲއެވެ. މެމްބަރު ޔައުގޫބް ހުށައެޅުއްވި މައްސަލާގައި ވަނީ، ސަރުކާރުން ހަރަދުކޮށްގެން ނުވަތަ ލޯނު ނަގައިގެން ކަމުގައިވިޔަސް، ސިފައިންނާއި ފުލުހުން ބޭންކުތަކުން ލޯނު ނަގައިގެން ޑައުން ޕޭމަންޓަށް ފައިސާ ދައްކާފައިވާ ކަމަށެވެ. އަދި މިހާރު ލޯނު އަނބުރާ ދައްކަން ޖެހި، އަދި ކުއްޔަށް އުޅޭ ތަންތަނަށް ލާރި ދައްކަން ޖެހުމުން އެކަން ބޮޑު ތަކުލީފަކަށް ވެފައިވާ ކަމަށެވެ.
ފްލެޓުތައް ނިންމުމަށް ހަވާލުކުރި މުއްދަތު ފަހަނައަޅައިގޮސް، މިހާރު އޭގެ ފަހުން 8 އަހަރުވެފައިވާކަން މެމްބަރު ޔައގުބް ހުށައެޅުއްވި މައްސަލާގައިވެއެވެ. އަދި ސިފައިންގެ ކޯޕަރޭޓިވް(ސިފްކޯ)އިންނާއި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ(ޕޮލްކޯ)އިން ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ޕޭމަންޓްތައް ދެމުންއަންނައިރު، ފްލެޓްތައް ނިންމާފައިވާ ނިސްބަތަށްވުރެ ދައްކާފައިވާ ފައިސާ އިތުރުކަމަށް ފާހަގަވެފައިވާ ކަމަށް މައްސަލާގައިވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން، ފްލެޓްތައް ނިމިފައިނުވާ ހަގީގީ ސަބަބު އެނގުން މުހިންމުކަމަށް ވަނީ ފާހަގަކޮށްފައެވެ.
މިމައްސަލައަށް ބަހުސް ކުރައްވަމުން މެމްބަރުން ވަނީ، ފްލެޓްތައް ނުނިމި މިހާ ލަސްވެގެން ދިޔައީ ކީއްވެގެންތޯ ބަލަންޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި މިކަމުގައި ކޮރަޕްޝަންގެ އަމަލު އެކުލުވޭ ކަމަށް ތުހުމަތުކޮށް، އެމްޑީޕީ މެމްބަރުންނާއި ޕީޕީއެމް މެމްބަރުންނާއި ދެމެދު ވަނީ ހޫނު ބަހުގެ ހަމަލާތަކެއް ރައްދުކޮށްފައެވެ.
މިމަޝްރޫއުގެ މަސައްކަތް ކޮށްފައި ވަނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި)ގެ ފަރާތުންނެވެ. ނަމަވެސް ނޫމަޑިއާއިއެކު ވެފައިވާ އެއްބަސްވުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަނީ އުވާލާފައެވެ.
މިއެއްބަސްވުން، ބާތިލް ކުރި މައްސަލައިގައި ބަދަލަށް 155 މިލިއަން ޑޮލަރު ހޯދަން ނޫމަޑިން އާބިޓްރޭޝަނަށް ހުށަހެޅުމުން ސަރުކާރުން ވަނީ އާބިޓްރޭޝަނުން ބޭރުގައި މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ނޫމަޑި އަށް ދީފަ އެވެ.

