ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރ މަޙްލޫފަށް ގޭންގަކުން ބިރުދެއްކުމުން، ދިވެހި ކުޅިވަރަށްވުރެ، ޢާއިލާ މުހިންމުކަމަށް ވިދާޅުވި ވާހަކަ އަޑުއެހިން: މޮސްޓާ

ނޮޅިވަރަމްދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ(މޮސްޓާ). ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފަށް ގޭންގަކުން ބިރުދައްކައި ހެދުމުން، ދިވެހި ކުޅިވަރަށްވުރެ އެ ބޭފުޅާގެ ޢާއިލާއާއި ދަރިން މުހިންމުކަމަށް ވިދާޅުވި ވާހަކަ މާލޭތެރެއިން އަޑުއިވިވަޑައިގެންފައިވާކަމަށް ނޮޅިވަރަމްދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ(މޮސްޓާ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ”މޮސްޓާ“ ވަނީ ވޭތުވެދިޔަ ސަރުކާރުން އެފްއޭއެމްއަށް ބަޣާވާތެއްގެނެސް، އެފްއޭއެމްގެ ރައީސް ބޭރުކޮށް، ރައީސް ޔާމިނުގެ ވަރަށް ގާތް މީހަކު ފުޓުބޯޅަ ހަލާކުކުރަން ކުރަމުންދިޔަ މަސައްކަތުން އެފްއޭއެމްގެ އެސްކޯ ނޫންބަޔަކު އެތަނަށްއައިސް ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ފަޚުރާއި ޝަރަފުކަމުގައިވާ ނިއުރޭޑިއަންޓް ސަސްޕެންޑްކޮށް، އެ ކަންތައްތައް އެ ގޮތަށްކުރަމުން މަޙްލޫފް އެއްވެސްވަރަކަށް އަޅައިނުލެއްވީ ކީއްވެތޯއޭ ވިދާޅުވެ މިނިސްޓަރ މަޙްލޫފަށް ސުވާލު އަމާޒުކުރައްވާފައެވެ. އަދި މިނިސްޓަރު މަޙްލޫފަށް ގޭންގަކުން ބިރުދައްކައި ހެދުމުން، ދިވެހި ކުޅިވަރަށްވުރެ އެ ބޭފުޅާގެ ޢާއިލާއާއި ދަރިން މުހިންމުކަމަށް ވިދާޅުވިވާހަކަ މާލޭތެރެއިން އަޑުއިވިވަޑައިގެންފައިވާކަމަށް ވެސް ”މޮސްޓާ“ ވިދާޅުވިއެވެ. އަދި މިއީ ޙަޤީޤަތެއްތޯ ނޫނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޗެއަރަމަން އަޙްމަދު ސަވީދު އަތުން ކިހާވަރަކަށް ލާރި ނެންގެވިތޯ ވެސް ސުވާލުކުރައްވާފައެވެ.

”ވޭތުވެދިޔަ ސަރުކާރުން އެފްއޭއެމްއަށް ބަޣާވާތެއްގެނެސް އެފްއޭއެްމް ރައީސް ބޭރުކޮށް، ރައީސް ޔާމިނުގެ ވަރަށް ގާތް މީހަކު ފުޓުބޯޅަ ހަލާކުކުރަން ކުރަމުންދިޔަ މަސައްކަތުން އެފްއޭއެމްގެ އެސްކޯ ނޫންބަޔަކު އެތަނަށްއައިސް ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ފަޚުރާއި ޝަރަފުކަމުގައިވާ ނިއުރޭޑިއަންޓް ސަސްޕެންޑްކޮށް އެ ކަންތައްތައް އެގޮތަށްކުރަމުން ދިޔައިރު ވަޒީރު އެއްވެސްވަރަކަށް އެކަމާ އަޅައިނުލީ ކީއްވެތޯ. އަޅުގަނޑު އަޑުއެހިން މާލެތެރެއިން ކިޔާއަޑު، ވަޒީރަކަށް ގޭންގަކުން ބިރުދައްކައި ހެދީމަ ވަޒީރު ވިދާޅުވިއޭ ތިމަންނަގެ ޢާއިލާއާއި ދަރިން މާ މުހިންމޭ ކުޅިވަރަށްވުރެ. އެއީ ޙަޤީޤަތެއްތޯ ނޫނީ ސަވީދު އަތުން ކިހާވަރަކަށް ލާރި…“ މޮސްޓާ

ނަމަވެސް ”މޮސްޓާ“ ގެ ވާހަކަ ފުރިހަމަނުކުރެއްވެނީސް، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މޮސްޓާގެ ވާހަކަތައް މެދުކަނޑައިލައްވާފައެވެ. މި ގޮތުން ރައީސް ނަޝީދު ވިދާޅުވީ، ތިޔަ ވާހަކައިގެތެރޭގައި މިއަދާއި ގުޅުންހުރި ސުވާލެއް އޮތްކަމަށާއި، އަދި ސުވާލެއް އޮތްކަމަކަށް ވެސް ދެކެވަޑައިނުގަންނަވާކަމަށެވެ. އަދި މިނިސްޓަރު މަޙްލޫފް ބިރުގެންނެވި ވާހަކަ ވިދާޅުވުމުން، ތިޔަ ދައްކަވާ ވާހަކަ އަޑުއެއްސެވުމަށް ވެސް ޝައުޤުވެރިކަމެއް ނެތްކަމަށް ވިދާޅުވެ މުޙައްމަދު ނަޝީދު(މޮސްޓާ) އަށް ވަނީ ސުވާލުކުރެއްވުމަށް އިތުރަށް ފުރުސަތު ދެއްވާފައެވެ.

މި ގޮތުން މުޙައްމަދު ނަޝީދު(މޮސްޓާ) ވަނީ މިނިސްޓަރ މަޙްލޫފަށް ބިރުދެއްކިތޯއާއި، ބިރުދެއްކިނަމަ އެ ކަން ހުއްޓާލެއްވީތޯއާއި، ނޫންނަމަ ފައިސާގެ ދަހިވެތިކަމުގައި ހުއްޓާލީތޯ ވިދާޅުވެ ސުވާލުކުރައްވާފައެވެ. އަދި މިހެން މި ދަންނަވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޗެއަރަމަން އަޙްމަދު ސަވީދު ގިނަމީހުން ކޮންޓްރޯލްކުރަނީ ފައިސާއިންކަމަށްވާތީކަމަށް ވެސް މުޙައްމަދު ނަޝީދު(މޮސްޓާ) ވިދާޅުވިއެވެ.

”ޢިއްޒަތްތެރި މެންބަރު. މިހާރު ތިޔަ.. އަޅުގަނޑު ނުދެކެން ގުޅުންހުރި ސުވާލެއްކަމަކަށް ވެސް. އަދި ތީގެތެރޭގާ ސުވާލެއް އޮތްކަމަކަށް ވެސް، އަދި އޭގެ އިތުރުން ތިޔަ ވިދާޅުވީ އަޙްމަދު މަޙްލޫފް ބިރުގަތްވާހަކަ ދެން އެހިސާބުން ތިޔަ އަޑުއެހުންވެސް ޝައުޤުވެރިކަންވެސް ކެނޑިއްޖެ.“ ރައީސް ނަޝީދު

މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު. ފައިލް ފޮޓޯ

”އަޅުގަނޑު ސުވާލަކީ ބިރުދެއްކިތޯއޭ. ބިރުދެއްކިނަމަ އެކަން ހުއްޓާލީތޯއޭ. ނޫންނަމަ ފައިސާގެ ދަހިވެތިކަމުގަތޯއޭ ހުއްޓާލީ. ސަވީދު ގިނަ މީހުން ކޮންޓްރޯލްކުރަނީ ފައިސާއިންކަމަށްވާތީވެ.“ މުޙައްމަދު ނަޝީދު(މޮސްޓާ)

ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވަނީ މިނިސްޓަރ މަޙްލޫފަށް ޖަވާބުދެއްވަން ފެނިވަޑައިގަންނަވާ ކަމަށްވާނަމަ އަދި އެ ވަރުގެ ސުވާލެއް އޮތްނަމަ ޖަވާބު ދެއްވުމަށް ދަންނަވާފައެވެ. މި ގޮތުން މުޙައްމަދު ނަޝީދު(މޮސްޓާ) ގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ މަޙްލޫފް ވިދާޅުވީ، އެއްވެސް ގޭންގަކުން ބިރެއްނުދައްކާ ކަމަށެވެ. އަދި އެއްވެސްކަހަލަ ފައިސާގެ މުޢާމަލާތެއް ނުހިނގާކަމަށް ވެސް މަޙްލޫފް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މަޙްލޫފް ވިދާޅުވީ، ނިއުރޭޑިއަންޓާއި، ވިކްޓްރީ ސްޕޯޓްސް ކްލަބަށް ކަންތައްވެގެންދިޔަ ގޮތަކީ، އޭގައި ވަރަށް ކަންބޮޑުވުމެއް އޮތްކަމެއްކަމަށާއި، ޙަޤީޤަތަކީ ކުރީގައި ނިއުރޭޑިއަންޓް ސްޕޯޓްސްކްލަބާއި ހަވާލުވެތިބި މީހުން ކްލަބް ދަރުވާލާފައިވާކަން ކަމަށެވެ. މި ގޮތުން އޭގެ އެޑްވާންޓެޖް މިއަދު އެފްއޭއެމްއިން ނަގަމުންދާކަމަށާއި، އެ މައްސަލަތައް ކްލަބްގެ ފަރާތުން ވެސް ވަނީ، އޭއެފްސީއަށް ވެސް ހުށަހަޅާފައިކަމަށެވެ. ނަމަވެސް އޭއެފްސީއަށް ވެސް ކްލަބް ސަލާމަތްކޮށްދެވެން ނެތީ، އެކިއެކި ކުޅުންތެރިންނަށް ދޭންޖެހޭ ފަސްވަރަކަށް މިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއް އޮތުމުންކަމަށް ވެސް މަޙްލޫފް ވިދާޅުވިއެވެ. މީގެ އިތުރުން މަޙްލޫފް ވަނީ، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް އަލުން ދިރުވުމަށްޓަކައި، ކޮށްދެވެންހުރި ހުރިހައި މަސައްކަތެއް ކޮށްދެއްވާނެ ކަމަށާއި، މިނިސްޓްރީގެ ފަރާތުން ދެއްވެވެން އޮތް ހުރިހާ އެއްބާރުލުމެއް ވިކްޓްރީއަށާއި، ނިއުރޭޑިއަންޓަށް ވެސް ދެއްވާނެކަމަށް ވިދާޅުވެފައެވެ.

ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް

”އަޅުގަނޑަކަށް ބިރެއް ވެސް ނުދައްކާ، ތި ކަހަލަ ފައިސާގެ އެއްވެސް ކަމެއް ނުހިނގާ. ދެން ހަމަ އަޅުގަނޑަށް އެނގޭ މިކަމަކީ ވަރަށްބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެއް އެފްއޭއެމް އިން ތި ވިދާޅުވިހެން ޢިއްޒަތްތެރި މެންބަރަކީ މިއަދު ނިއުރޭޑިއަންޓްގެ ޗެއަރމަން. އެހެންވީމަ ނިއުރޭޑިއަންޓާ ވިކްޓްރީ ސްޕޯޓްސް ކްލަބާއި، ކަންތައްވެގެންދިޔަ ގޮތަކީ އަޅުގަނޑުމެން ވެސް އޭގަ ވަރަށް ކަންބޮޑުވުމެއް އޮތްކަމެއް ޙަޤީޤަތަކީ ކުރީގަ ނިއުރޭޑިއަންޓް ސްޕޯޓްސްކްލަބް އެ ހަވާލުވެތިބި މީހުން ދެއްތޯ މުޅި ކްލަބް ދަރުވާލައިގެން މި އުޅެނީ. އެހެންވީމަ އޭގެން އެޑްވާންޓެޖް މިއަދު އެފްއޭއެމްއިން އެބަނަގާ. އެ މައްސަލަތައް ވަނީ ކްލަބްގެ ފަރާތުން ވެސް ހަމަ ވާނެ ދެއްތޯ އޭއެފްސީއަށް ވެސް ހުށަހަޅާފަ. ނަމަވެސް އޭއެފްސީއަށް ވެސް އެ ކްލަބް ސަލާމަތްކޮށްދެވެން ނެތީ ފަސްވަރަކަށް މިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއް ކުޅުންތެރިންނަށް، އެކިއެކި ކުޅުންތެރިންނަށް ދޭންޖެހޭ ފައިސާ ނުދީ އޮތުމުން ދިމާވެގެން އުޅޭ މައްސަލައެއް. ދެން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް އަލުން ދިރުވުމަށްޓަކައި އަޅުގަނޑަށް ކޮށްދެވެންހުރި ހުރިހައި މަސައްކަތެއް މިނިސްޓްރީގެ ފަރާތުން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ވިކްޓްރީއަށް ވެސް އަދި ނިއުރޭޑިއަންޓަށް ވެސް ދޭނަން.“ މަޙްލޫފް

މިިިނިސްޓަރ މަޙްލޫފް ޖަވާބުދެއްވައި ނިންމަވައިލެއްވުމުން، މުޙައްމަދު ނަޝީދު( މޮސްޓާ) ވަނީ، އެއް ސުވާލު ފުރިހަމަ ނުކުރެއްވެނީސް، ރައީސް ނަޝިދު ހުރަސް އެޅުއްވިކަމަށް ވިދާލުވެ އިތުރަށް ވާހަކަދައްކަވާފައެވެ. މޮސްޓާ ވިދާޅުވީ ނިއުރޭޑިއަންޓް ސަސްޕެންޑްކޮށްފައިވަނީ، އެފްއޭއެމްގެ ޤަވާއިދާއި، ފީފާގެ ޤަވާއިދާއި، އޭ އެފްސީގެ ޤަވާއިދަށް ނުފެތޭގޮތަށްކަމަށެވެ. މޮސްޓާ މި ގޮތަށް ވިދާޅުވެފައިވާއިރު މިިނިސްޓަރ މަޙްލޫފް މީގެ ކުރިންވަނީ، ނިއުރޭޑިއަންޓް ސަސްޕެންޑްކުރީ ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ މަސީހުގެ އިތުބާރުނެތްކަމަށް މަޖިލިސް މެންބަރުން ގޮނޑިގެއްލުވާލި ހުތުރު އުސޫލުންކަމަށް ވިދާޅުވެ ބަހުގެ ވަރުގަދަ ހަމަލާތަކެއް އެފްއޭއެމްއަށް އަމާޒުކުރައްވާފައެވެ.

ނިއުރޭޑިއަންޓް ސަސްޕެންޑްކުރީ އެ ކްލަބްގެ ކުޅުންތެރިންނަށް މުސާރަނުދޭ މައްސަލައިގައެވެ. މި ގޮތުން އެފްއޭމްއިން މީގެކުރިން ވަނީ، 2018 ވަނަ އަހަރު 10 ކުޅުންތެރިޔަކަށް މުސާރައިގެ ގޮތުގައިދޭންޖެހޭ 3.8 މިލިއަން ރުފިޔާ ނިއުރޭޑިއަންޓުން ދީފައިނުވާކަމށް ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: