ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީންގެ އިހުތިޖާޖަށް މާރިޔާ: ”މުސާރައިގެ ކަމެއް ނޫންކަން ސާފު، ހިއުމަން ޓްރެފިކިންގެ ނަމުގައި ގައުމީ މަސްލަހަތަށް ދެނީ ގެއްލުން“!

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، ޑިފެންސް މިނިސްޓްރީގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ: ފޮޓޯ/ ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ފެންނަމުން މިދަނީ ހިއުމަން ޓްރެފިކިން ކަމަށް ބުނެ، އެތައް ގޮތަކަށް ވާހަކަ ދައްކައިގެން، މިރާއްޖޭގެ މަސްލަހަތު ގެއްލޭގޮތަށް ވަރަށް ބައިވަރު މަސައްކަތް ކުރެވެމުންދާތަން ކަމަށާއި، ބިދޭސީން ހަމަނުޖެހުން ހިންގަމުން އަންނަނީ ހަމައެކަނި މުސާރަ ނުދީގެނެއް ނޫންކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، ބިދޭސީންގެ މައްސަލަތައް ފަހަކަށް އައިސް މީޑިއާތަކުން ގެނެސްދެނީ އެކި ގޮތްގޮތަށް ކަމަށެވެ. ބޮޑު ފިނޮޅުގެ ހަމަނުޖެހުންތައް މިސާލެއްގެ ގޮތުގައި ނަންގަވާ މާރިޔާ ވިދާޅުވީ އެ ރަށުގައި ތިބި ބިދޭސީން މީހުން ރަހީނު ކުރިކަމަށެވެ. އަދި މުދަލަށް އެތައް ގެއްލުންތަކެއް ދިން ކަމަށެވެ. އަދި އޭގެ އިތުރުން ކޫއްޑޫ އާއި ހެރެތެރެ ރިސޯޓުގައި ވެސް ހަމަނުޖެހުން އުފައްދާފައިވަނީ އެނބުރި ގައުމަށް ދާން ބޭނުންކަމަށް ބުނެ ކަމަށެވެ.

މުސާރަ ނުދީ އެތައް މަސް ދުވަހެއް ވަންދެން، މަސައްކަތް ކުރުވާފައިވާތީ އެކަމާއި ދެކޮޅަށް ބިދޭސީން އަޑުއުފުލި މައްސަލައިގައި މާރިޔާ ވިދާޅުވީ ބައެއް ހާދިސާތަކަށް ބަލާއިރު އެ އުޅެނީ މުސާރައިގެ މައްސަލައެއް ނޫން ކަމަށެވެ. އަދި ”ބިދޭސީން އެ އުޅެނީ ކޮންމެހެން މުސާރަ ނުލިބިގެން، މުސާރައިގެ ހައްގުގައި ނޫންކަން ސާބިތުވާ“ ކަމަށެވެ.

ހުޅުމާލޭގައި، ސިފައިންނާއި ފުލުހުންގެ ފްލެޓުތައް އެޅުމުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނަށް ވެސް މުސާރަ ނުދޭތާ 08 މަހަށް ވުރެ ގިނަވެފައިވާއިރު އެ މައްސަލައިގައި ވެސް ބިދޭސީން ވަނީ އަޑުއުފުލާފައެވެ. ނަމަވެސް، ބިދޭސީން ނިކުމެ ކުރި އިހުތިޖާޖު ކޮންޓްރޯލްއިން ނެއްޓި ފުލުހުންނާއި މެދު ކުރިމަތިލުމެއް ދިޔައެވެ. އެ ހާދިސާއަށް އިޝާރާތްކޮށް މާރިޔާ ވިދާޅުވީ އައިލޭންޑް އެކްސްޕާޓުގެ ފަރާތުން ގެނެސްފައިވާ ބިދޭސީން އެންމެފަހުން ނިކުމެ ހަމަނުޖެހުން ހިންގީ މުސާރަ ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ.

މާރިޔާ ވިދާޅުވީ، އެ ދުވަހު ބިދޭސީންތައް ފުލުހުންނަށް އަމާޒުކޮށް ހަމަލާދިން ކަމަށެވެ. މިއީ ގައުމަށް ވަރަށް ނުރައްކާތެރިކަމެއް ކަމަށާއި، އެ މީހުންގެ އަމަލުތަކުން މިއީ މުސާރައިގެ މައްސަލައެއް ނޫންކަން އެނގޭ ކަމަށެވެ. މާރިޔާ ވިދާޅުވީ ބިދޭސީން ނިކުމެ މުސާރައަށް ދިނުމަށް ގޮވާލުމުގެ ފަހަތުގައި ”ފޮރުވިފައިވާ ފަރާތްތަކެއް“ ނުވަތަ ”ސިއްރުތަކެއް“ ވާ ކަމަށެވެ.

މި މައްސަލަތައް ބަލާ ތަހުގީގު ކުރަމުންދާ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

”ހަމަނުޖެހުން ހިންގާއިރު، ބޮޑު ފިނޮޅުގައި ވެސް އެންގެ ބޮޑަށް ފާހަގަކުރެވުނީ އެ މީހުން ފުލުހުންނަށޭ އެ ހަމަލާ ދެނީ. ހަމައެހެންމެ ހުޅުމާލޭގައި ހިންގި ހަމަނުޖެހުންތަކުގައި ވެސް ފެނިގެންދިޔައީ ހަމަ ފުލުހުންނަށް ހަމަލާތައް ދޭތަން. އަދި މިކަން މިގޮތަށް ކުރެވެމުން ދައިރު އަޅުގަނޑުމެންނަށް ހީވަނީ މިއީ ގައުމީ ސަލާމަތާއި ގުޅޭކަމެއްހެން“ މާރިޔާ

މާރިޔާ ވަނީ ތަކުރާރުކޮށް، މިއީ ހައްގެއް ހޯދުމަށް ކުރާ މަސައްކަތަކެއް ނޫން ކަމާއި، ފޮރުވިފައިވާ ސިއްރުތަކެއް ވާކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

ހިއުމަން ޓްރެފިކިން ނުވަތަ އިންސާނީ ވަގުފާރިއާއި ގުޅިގެން މީޑިއާތަކުން ރިޕޯޓުކުރާ ހަބަރުތަކާއި އަދި ސޯޝަލް މީޑީއާގައި އާއްމުން ލިޔާ ވާހަކަތަކަށް ރައްދުދީ މާރިޔާ ވަނީ އެކަމަށް ދެކޮޅު ހައްދަވާފައެވެ. އެގޮތުން ހިއުމަން ޓްރެފިކިންގެ ގާނޫނެއް ރާއްޖޭގައި އޮންނަކަމަށް ވިދާޅުވެ، މާރިޔާ ވަނީ އެއީ ރާއްޖޭގައި ނުހިނގާކަމެއްގެ ގޮތުގައި ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވާފައެވެ. އަދި ވަނީ އެއީ ރައްޔިތުންގެ މަޖިލީހުން ހައްދަވާފައިވާ ގާނޫނެއް ކަމަށާއި، އެ ގާނޫނުގެ 06 ވަނަ މާއްދާގައި ބުނެފައިވާގޮތުން ”މީހުން ޓެރެފިކް ކުރުން“ ކަމަށް ބުނެފައިވަނީ، މީހުން ޓްރެފިކް ކުރުމުގެ އަމަލެއްކަމަށް ގާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކުރާ އަމަލުގެ ތެރެއިން އަމަލެއް ކުރުމުން ކަމަށެވެ. ނުވަތަ އެކްސްޕްލޮއިޓޭޝަން ހިމެނޭގިތުން މީހުން ޓްރެފިކް ކުރުމިގެ އަމަލެއް ކަމަށް އެ ގާނޫނުގެ  13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަމަލުގެ ތެރެއިން އަމަލެއް ކުރުމުން ކަމަށެވެ.

އެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގައި މީހުން ޓްރެފިކް ކުރާ މީހެއްކަމަށް ބެލެވޭނީ ގާނޫނާއި ހިލާފަށް މަޖުބޫރު ކުރުވައިގެން، މީހަކު އެއްގައުމުން އަނެއް ގައުމަށް ގެންދިއުމަށް ނުވަތަ ބަދަލުކުރުމަށް ގަސްދުގައި ރޭވުން ނުވަތަ މަގުފަހިކުރުން ކަމަށް ވެއެވެ. އަދި އެފަދަ ގާނޫނާއި ހިލާފު މަޖުބޫރުކުރުވުމުގައި، އެ މީހަކު އެހެން ގައުމަކަށް ގެންދެވުން ނުވަތަ ބަދަލު ކުރުން ނުވަތަ ބެލުމުގެ ދަށުގައި ބެހެއްޓުން ނުވަތަ އެފަދަ މީހަކާއި ހަވާލުވުން ކަމަށެވެ.      

މި ގާނޫނީ ނުކުތާތައް ވިދާޅުވުމަށްފަހު މާރިޔާ ވަނީ ރާއްޖޭގެ ހިއުމަން ޓްރެފިކިން ގާނޫނާއި އދ. ގެ އިލީގަލް އިމިގްރަންޓާއި، ހިއުމަން ސްމަގިލިންއާއި، ތާޑް ކަންޓްރީ ނޭޝަނަލް އަދި ހިއުމަން ޓްރެފިކިންގެ ބައެއް ނުކުތާތައް ކޮމިޓީގައި ފާހަގަކުރައްވާފައެވެ.

މާރިޔާ ވިދާޅުވީ ފެންނަމުން ދަނީ ރާއްޖޭގެ މަސްލަހަތު ގެއްލުވާލުމަށް ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރަމުންދާތަން ކަމަށެވެ. އެހެން ކަމުން ގައުމީ ސަލަމާތަށް ނުރައްކާވާގޮތަށް ހިންގާ މި އަމަލުތައް ހުއްޓުވުމަށް މަޖިލީހުގެ އެއްބާރުލުން ބެނުންވާކަމަށް ކޮމިޓީގައި މާރިޔާ ވިދާޅުވިއެވެ.

”ހިއުމަން ޓްރެފިކިން ކަމަށް ބުނެ، އެތައް ގޮތަކަށް ވާހަކަ ދައްކައިގެން، މިރާއްޖޭގެ މަސްލަހަތު ގެއްލޭގޮތަށް ވަރަށް ބައިވަރު މަސައްކަތް ކުރެވެމުންދާތަން މިފެންނަނީ،“ މާރިޔާ

ރާއްޖޭގައި ބިދޭސީންލައްވާ ކުޑަ މުސާރައަކަށް މަސައްކަތް ކުރުވުމަކީ އާއްމުކަމެކެވެ. އަދި މުސާރަ ނުދީ އެތައް މަސްދުވަހެއް ވަންދެން ބެހެއްޓުމާއި، އެ މީހުންގެ ލިޔެކިޔުންތައް އަތުލުން ވަނީ އާއްމުކަމަކަށް ވެފައެވެ.

ލޮކްޑައުންގެ ތެރޭގައި ގިނަ ބިދޭސީންނެއްގެ ވެސް މަސައްކަތްތަކެއް ގެއްލުނުއިރު، ފަހަކަށް އައިސް މުސާރަ ދީފައިނުވާތީ އެކަމާއި މުޒާހަރާ ކުރުން ވަނީ އިތުރުވައެވެ. މި ކޭސްތަކުގެ ތެރޭގައި ގިނައީ މަސައްކަތް ކުރުވާ، ހަތް މަސް އަށް މަސް ދުވަސްވަންދެން މަސައްކަތް ކުރުޗުމުގެ މައްސަލަތަކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: