ޤައުމީ ސަލާމަތަށް ނުރައްކަލެއްކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެފައިވާ، ޔަމަނުގެ ޔާސިރު ޔަޙްޔާ ޞާލިޙް މުތީއުއަށް އައިޖީއެމްއެޗްގެ އިމަރޖެންސީގައި ފަރުވާދޭން ފަށައިފިއެވެ.
އަންގާރަދުވަހުގެރޭ ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުޙައްމަދު ކުރެއްވި ޓްވީޓެއްގައިވަނީ، އައިޖީއެމްއެޗްގައި ޔާސިރަށް ފަރުވާދެމުން އަންނަކަން ކަށަވަރުކޮށްދެއްވާފައެވެ. މިގޮތުން އަޙްމަދު މުޙައްމަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، އިމިގްރޭޝަން ޤާނޫނާއި ޚިލާފުވެގެން ރާއްޖެއިން ފުރުވާލެވެންދެން ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައިވާ ޔަމަނުގެ ޔާސިރު ކެއުމަށް އިންކާރުކުރުމުގެ ސަބަބުން ހާލު ސީރިއަސް ވަމުންދާކަމަށް ފެންނާތީ، އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން އަންނަކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.
https://twitter.com/ahumadhumohamed/status/1285605922656727042?s=20

އަޙްމަދިއްޔާ ސުކޫލާއި ޢަރަބިއްޔާ ސުކޫލުގައި ޢަަރަބި މުދައްރިސެއްގެ ވަޒީފާގައި ކުރިން އުޅުނު ޔާސިރު ޖަލުގައި ހައްޔަރުކޮށްފައިވަނީ، 2017 ވަނަ އަހަރުގެ މާރިޗުމަހުގެ 03 ވަނަ ދުވަހުގެރޭގެ 11:45 ހާއިރު ކޯޓު އަމުރެއްގެދަށުންނެވެ. ޔާސިރު ހައްޔަރުކޮށްފައިވަނީ ޓެރަރިޒަމްގެ ތުހުމަތުތަކެއްކުރެވޭތީ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މިކަމާ ގުޅިގެން 2019 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 02 ވަނަ ދުވަހުގައި، އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިމްރާނު ވިދާޅުވީ، އިމިގުރޭޝަންގެ ބެލުމުގެދަށުގައި ހުރި ޔާސިރަކީ ޓެރަރިޒަމާއި ގުޅުންހުރި މީހެއްކަމަށެވެ. އަދި ޔާސިރަކީ، ޤައުމީ ސަލާމަތަށްހުރި ނުރައްކަލެއްކަމަށާއި، މި ގޮތުން ރާއްޖެއިން ފުރައިގެންދިއުމަށް ވެސް އޭނާއަށް އަންގާފައިވާކަމަށް ވެސް އިމްރާން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މިނިސްޓަރު އިމްރާނު ވިދާޅުވީ، ފުރައިގެންދާން އެންގުމުން އަމުރަށް ނުކިޔަމަންތެރިވެ، ޕާސްޕޯޓު ފޮރުވައިގެން، ފުރޭނެ މަގެއް ތަނަވަސްނުކޮށް ޔާސިރު އެ ހުންނަނީ އޭނާގެ އަމިއްލަ އިޚްތިޔާރުގައިކަމަށެވެ. އަދި އިމިގުރޭޝަނުގެ ޤާނޫނާއި އެއްގޮތަށް މިއަދު އޭނާ ފުރަން އެއްބަސްވިޔަސް، ފުރުމުގެ ހުރިހައި އިންތިޒާމް ހަމަޖައްސައިދޭނެކަމަށް ވެސް، މިނިސްޓަރު އިމްރާނު ވަނީ ވިދާޅުވެފައެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން އިމިގުރޭޝަންގެ ބެލުމުގެދަށުގައި ޔާސިރު އެ ހުންނަނީ، އޭނާ ދޫކޮށްލާފައި ހުރެއްޖެނަމަ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވެދާނެތީކަމަށް ވެސް އިމްރާންވަނީ ވިދާޅުވެފައެވެ. އަދި އޭނާ ފޮނުވައިލުމަށް ޓްރެވަލް ޑޮކިއުމެންޓެއް ބޭނުންވާކަމަށާއި، ނަމަވެސް ޔަމަނުގެ ހާލަތު އޭރު ހުރިގޮތުން އެކަން ދަތިކަމަށް ވެސް އިމްރާންވަނީ ވިދާޅުވެފައެވެ. މި މައްސަލައާއި ގުޅިގެން ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދު ވަނީ، ޔާސިރު ރާއްޖޭގައި ވަޒީފާއަދާކުރަމުންދިޔައިރު ވެސް، ޓެރަރިޒަމްގެ ހަރަކާތްތަކަށް ވާގިވެރިވެ، ބައެއް ފަރާތްތަކާ ގުޅުންތަކެއް ބާއްވަމުންދިޔަކަމަށް ފާހަގަކުރެއްވިފައިވާކަމަށް ވިދާޅުވެފައެވެ.
ޓެރަރިޒަމްގެ ހަރަކާތްތަކަށް ވާގިވެރިވާކަމަށް ބުނެ ޔާސިރު ހައްޔަރުކޮށްފައިވާއިރު، އޭނާއަކީ ރާއްޖެއިން މީހަކާ ކައިވެނިކޮށްގެން ދަރިއަކު ލިބިފައިވާ މީހެއްކަން ވެސް ފާހަގަކޮށްލެވެއެވެ. ގިނަ މީހުން ބުނާ ގޮތުގައި ޔާސިރު ޖަލަށްލެވިފައިވަނީ ނުޙައްޤުންނެވެ. އަދި އެއްވެސް ދަޢުވާއެއް، ޝަރީޢަތެއްނެތި އަހަރުތަކެއް ފާއިތުވެގެން ގޮސްފައިވުމީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. ހުސްވި އަހަރު ފުރަތަމަކޮޅުގައި ރާއްޖޭގެ އޮންލައިން ނޫހަކަށް މަޢުލޫމާތުދެމުން، ޔާސިރުގެ އަނބިމީހާ ގައިސޫމް ބުނިގޮތުގައި، 2016 ވަނަ އަހަރުގެ ފަހުކޮޅުގައި، ނުދަންނަ ފަރާތަކުން ޔާސިރަށް ގުޅާފައި، ބައްދަލުކޮށްލަން ބޭނުންވާކަމަށް ބުނިކަމަށެވެ. އަދި ގުޅީ ސީކްރެޓް ސަރވިސްއިންކަމަށް ވެސް ފޯނުން ވާހަކަދެއްކި މީހާ ބުނިކަމަށް ގައިސޫމު ބުނެފައިވެއެވެ. މި ގޮތުން، އެ ކޯލަށް އިޖާބަދީ، ގުޅިމީހާ ބުނި ތަނަކަށް ޔާސިރު ދިޔަކަމަށާއި، ބައްދަލުކުރި މީހާ ހުރީ ކުލަ ހެދުމުގައިކަމަށް ވެސް ގައިސޫމް ބުނެފައިވެއެވެ. އަދި ޔާސިރު ގޮސް އޭނާއާއި ބައްދަލުކުރުމުން، ރާއްޖޭގައި ސުންނަތަށްއުޅޭ މީހުންގެ ކަންކަންބަލައި ޖާސޫސްކުރަން، ބައްދަލުކުރި މީހާ ބުނިކަމަށް ވެސް ގައިސޫމް ބުނެފައިވެއެވެ. ނަމަވެސް ޔާސިރު އެކަން ޤަބޫލުނުކުރާކަމަށާއި، އަނެއްކާވެސް ދުވަސްތަކެއް ފާއިތުވީފަހުން އިތުރު ކޯލެއްއައިކަމަށް ގައިސޫމް ބުނެފައިވެއެވެ. މި ގޮތުން އެ ފަހަރު ގުޅީ އިގުރޭޝަނުންކަމަށާއި، ވަގުތުން ރާއްޖެދޫކޮށް ފުރައިގެންދިޔުމަށް ޔާސިރަށް އެންގިކަމަށެވެ. އަދި ރާއްޖެއިން ފުރައިގެން ދާންޖެހޭ އެއްވެސް ސަބަބެއް ނުބުނާކަމަށް ވެސް ގައިސޫމު ބުނެފައިވެއެވެ.


ގައިސޫމް ބުނިގޮތުގައި އޭރު އިނީ ޔާސިރުގެ ދަރިއަކަށް ބަލިވެއެވެ. މާލީގޮތުން ބެލިޔަސް އޭރު ޔަމަނަށް ދެވެން ނެތްކަމަށް ބުނުމުން ފިޔަވަޅު އަޅާނަމޭބުނެ އިންޒާރުތައް ލިބެމުންދިޔަކަމަށާއި، އެންމެ ފަހުން ފުލުހުންގެ ބެލުމުގެދަށަށް ޔާސިރު ގެންދެވުނުކަމަށެވެ. އަދި ފުލުހުންގެ އިދާރާގައި ތިބި ބޭރުގެ އެފްބީއައި އެޖެންޓުން ޔާސިރު ގެންގޮސްފައި އެއްވެސް ޑޮކިއުމެންޓެއް ނުދައްކާ ނެގީ ފައިލެއްކަމަށާއި، އެ ފައިލުގައިވާ ފޮޓޯއެއްގައި އިންމީހަކު ދައްކާފައި އެއީ ޔާސިރުކަން އެނގޭކަމަށް އެ މީހުން ބުނެފައިވާކަމަށް ވެސް ގައިސޫމު ބުނެފައިވެއެވެ. ނަމަވެސް އެ ފޮޓޯގައިވާ މީހާއަކީ އެއްވެސްވަރަކަށް ޔާސިރާއި ވައްތަރު މީހެއްނޫންކަމަށާއި، ނަމަވެސް އެންމެފަހުން އެ ފޮޓޯގައިވަނީ ޔާސިރުކަމަށް ބުނެ އެއްބަސްވާން މަޖުބޫރުކުރިކަމަށެވެ. އަދި ކުޑަ ދުވަސްކޮޅެއްފަހުން ކޯޓުއަމުރެއްގެ ދަށުން ފުލުހުން ގެއަށްއައިސް ޔާސިރު ގެންގުޅޭ އިލެކްޓްރޯނިކް ސާމާނު ގެންގޮސް، އެންމެފަހުން ރާއްޖެއިން ބޭރަށް ހަނަގުރާމައަށް މީހުން ފޮނުވާކަމުގެ ތުހުމަތުގައި، ޔާސިރު ގެންގޮސް ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ހައްޔަރުކުރީކަމަށް ގައިސޫމް ވަނީ ބުނެފައެވެ.
ކެއުމަށް އިންކާރުކުރުމުގެ ސަބަބުން ހާލު ސީރިއަސް ވަމުންދާކަމަށް ފެންނާތީ، އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން އަންނަ ޔާސިރުވަނީ، މީގެ ކުރިން ވެސް ބަނަޑުހައިހޫނުކަމުގެ ހަޅުތާލުކުރުމުގެ ސަަބަބުން ހާލު ސީރިއަސްވެ ފަރުވާދީފައެވެ. 2019 ވަނަ އަހަރުގެ ޖޫންމަހުގެ 26 ވަނަ ދުވަހުން ފެށިގެން ޔާސިރު ވަނީ ބަނަޑުހައިހޫނުކަމުގެ ހަޅުތާލުތައް ފަށާފައެވެ. ބަނޑުހައިހޫނުކަމުގައި ޔާސިރު ހުންނަންފެށީ، އެއްވެސް ޙުކުމެއްނެތި ޖަލަށްލާފައިވާތާ 02 އަހަރަށްވުރެ ގިނަދުވަސް ފާއިތުވެ، އަދި ސަރުކާރުގެ އެއްވެސް އިދާރާއަކުން އެ މައްސަލައަށް ހައްލެއް ހޯދައިނުމަށް މަސައްކަތްކޮށްދެއްވާފައި ނުވާތީކަމަށް ޔާސިރުގެ ޢާއިލާއިން ކުރިންވަނީ ބުނެފައެވެ. އެ ފަހަރު ޔާސިރުގެ ޔޫރިންއަށް ލޭއެޅިފައިވާއިރު، 106 ކިލޯއިން، 53 ކިލޯއަށް ޔާސިރުގެ ބަރުދަންވަނީ ލުއިވެފައެވެ.

