ވ.އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަމުން އަންނަ ރަށުގައި މަސައްކަތްކުރާ ބިދޭސީންތަކެއް ހަމަނުޖެހުން ހިންގި މައްސަލައިގައި، 22 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ވ.އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަމުން އަންނަ ރަށެއްގައި މަސައްކަތްކުރާ ބިދޭސީންތަކެއް ނިކުމެ ހަމަނުޖެހުން ހިންގާފައިވަނީ މި މަހުގެ 20 ވަނަ ދުވަހުގެރޭގައެވެ. ފުލުހުން ހާމަކުރިގޮތުގައި، އެ ރަށުގައި މަސައްކަތްކުރާ ބިދޭސީންތަކެއް ނިކުމެ، މަސައްކުރާ އެހެން ފަރާތްތަކަށް ހުރަސްއަޅައި، އެ ބިދޭސީން ވަނީ ހަމަނުޖެހުން ހިންގާފައެވެ. އަދި އެ ހަމަނުޖެހުމުގައި އެއްވެސް މީހަކަށް އަނިޔާ ނުވާކަމަށާއި، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެ މީހުންގެ ސްޕޮންސަރުން އެ މީހުންނާއި މަޝްވަރާކުރަމުންދާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ހިއްސާކުރަމުން އަންގާރަދުވަހުގެރޭ ފުލުހުން ބުނީ، އެ މައްސަލައިގައި 22 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް، ވ.ފެލިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، އެ މީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ބިދޭސީންގެ މިފަދަ މައްސަލަތައް ތަކުރާރުވަމުން އަންނައިރު، މީގެ ކުރިން ބ.ބޮޑު ފިނޮޅުގައި މަސައްކަތްކުރާ ބިދޭސީންތަކެއް ނިކުމެވަނީ ހަމަނުޖެހުން ހިންގާފައެވެ. އެ މައްސަލައިގައި 19 ބިދޭސީއަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދަށް ފުރަތަމަޖެހި 15 ދުވަސް ފާއިތުވުމުން، އިތުރު 15 ދުވަހަށް ވަނީ ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ. ބޮޑުފިނޮޅުގެ މައްސަލައިގެ އިތުރުން، ދާދި މިދާކަށްދުވަހު، ހުޅުމާލޭގައި ވެސް ބިދޭސީންތަކެއް ނިކުމެ ވަނީ އިހުތިޖާޖުކޮށްފައެވެ.
ބިދޭސީންގެ މިފަދަ މައްސަލަތައް ރާއްޖޭގައި ތަކުރާރުވަމުން އަންނާތީ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ގޮތުން ގިނަބަޔަކު އަންނަނީ އެފަދަ މީހުން ވީހާވެސް އަވަހަށް ރާއްޖެއިން ޑީޕޯޓުކޮށްލުމަށް ބުނަމުންނެވެ. ނަމަވެސް މުސާރަނުދޭ މައްސަލަތަކުގައި ބިދޭސީން ނިކުމެ ހިންގަމުންދާ މިފަދަ ހަމަނުޖެހުންތަކުގެ ޒިންމާ ނަގަންޖެހޭނީ ދިވެހިންކަމަށް ބައެއްމީހުން އަންނަނީ ބުނަމުންނެވެ.

