ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ ހަތް ދައުވާގެ އިސްއިތުނާފުގެ މައްސަލައިގެ އަޑުއެހުންތައް މާދަމާ ފެށުމަށް ހައިކޯޓުން ނިންމައިފިއެވެ.
ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ކްރިމިނަލް ކޯޓުން ބޭރުކޮށްލި އަދީބުގެ ހަތް ދައުވާގެ އިސްތިއުނާފުގެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާއަށް ހައިކޯޓުގައި ތާވަލް ކޮށްފައވާ ކަމަށެވެ. މި މައްސަލަ ހައިކޯޓުން ބަލައިގެންފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ،
ދައުލަތުން އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ބާތިލްކޮށް ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދުގެ ކުރި ހުކުމް ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.
އަދީބާއި ދެކޮޅަށް ދައުލަތުން ދައުވާކުރާ ހަތް މައްސަލަ ހައިކޯޓުގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު ކްރިމިނަލް ކޯޓުގައި އެ މައްސަލަ ބެއްލެވި ގާޒީ އިސްމާއީލް ރަޝީދު ވަނީ ސަސްޕެންޑް ކޮށްފައެވެ. އެގޮތުން އަދީބުގެ މައްސަލަ ބެއްލެވި ގާޒީ ޖޭއެސްސީން ސަސްޕެންޑް ކޮށްފައި ވަނީ ޕްރޮސިކިއުޓަރ ޖެނަރަލްގެ ފަރާތުން ޖޭއެސްސީއަށް ހުށަހެޅި ސުލޫކީ މައްސަލައަކާއި ގުޅިގެންނެވެ.
ގާޒީ އިސްމާއީލް ރަޝީދުގެ ކުރި ހުކުމުގައި ބުނެފައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ގެ ފަރާތުން ފަހުން އުފުލި ހަތް ދައުވާ އުފުލާފައި ވަނީ ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށެވެ. ތަހުގީގަށް އެއްބާރުލުން ދިނުމަށް ދައުލަތާއި އެކު އެއްބަސްވުމެއް ގާއިމްކޮށްފައިވަނިކޮށް އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅޭ ހަތް ދައުވާއެއް އަދީބުގެ މައްޗަށް އުފުލާފައިވާކަން ޕީޖީއިން ހާމަކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މައްސަލައިގައި އަދީބަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ފައިދާ ހޯދައިދިނުމުގެ ދައުވާ ހިމެނެއެވެ. އަދީބުގެ މައްޗަށް ހަތް ދައުވާ ވެސް އުފުލީ އެމްއެމްޕީއާރްސީގެ ތެރެއިން 2014 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާއި ދެމެދު ހިންގި ކޮރަޕްޝަނާއި މަނީ ލޯންޑްރިން މައްސަލައާ ގުޅިގެންނެވެ.
އަދީބުގެ މައްޗަށް އުފުލި ހަތް ދުވައުވާގެ ތެރޭގައި ހިމެނެނީ:
– މަނީ ލޯންޑްރިންގެ ދެ ދައުވާ
– ހިޔާނާތުގައި ބައިވެރިވި ކަމުގެ ދެ ދައުވާ
– މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއެއް
– މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާއެއް
– ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެއް
ދައުވާތައް ބާތިލުކުރުމާއި އެކު ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުން ޕީޖީން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވީ އަލަށް އުފުލި ހަތް ދައުވާއަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކޮށްފައިވާ ދައުވާތަކެއް ކަމަށް ކަނޑައަޅުމާއި އެކު އެ ދައުވާތައް ކުރިމިނަލް ކޯޓުން ބާތިލްކުރުމާއި މެދު ސުވާލު އުފެދޭ ކަންތަކެއް އެބަހުރި ކަމަށެވެ. ޝަމީމް ވިދާޅުވީ، ނިންމެވުން ފަނޑިޔާރު ނިންމަވާފައިވަނީ އަދީބުގެ ހުށަހެޅުންތަކަށް ވުރެ ބޮޑަށް ފަނޑިޔާރުގެ އަމިއްލަފުޅު ހޯދުންތަކުގެ މައްޗަށް ކަމަށެވެ.
އެވާހަކަތައް އެންމެ ބޮޑަށް ސާބިތުވަނީ، އަދީބު އެންމެ ފުރަތަމަ ހައްޔަރު ކުރިއިރުގެ ލިޔުންތައް ޝަރީއަތަށް ހުށަހަޅާފައި ނެތުން ކަމަށާއި އެންމެ ފަހުން އަދީބު ހައްޔަރު ކުރި ތާރީހުގެ ތަފްސީލުތައް ހިއްސާކޮށްފައިނުވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.
އަދީބުގެ މައްޗަށް އުފުލެން ހުރި ދައުވާތަކުގެ ތަފްސީލު ހިއްސާ ކުރައްވާ ޝަމީމް ވިދާޅުވީ، މިހާރުވެސް އަދީބުގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލިދާނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނޭ 150 ދައުވާއެއް އެއީ ޕީޖީ އޮފީހާއި އެކު އަދީބު މީގެ ކުރިން ވެފައިވާ އެއްބަސްވުން ބާތިލް ކުރި ނަމަވެސް އުފުލެން ހުރި ދައުވާތަކެއްކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ދައުވާތައް ސާބިތުވެއްޖެނަމަ 800 އަހަރަށް ވުރެ ކުރުނޫން މުއްދަތެއްގެ ޖަލު ހުކުމްތަކެއް އަދީބުގެ މައްޗަސް އަންނާނެ ކަމަށް ޕީޖީ ޝަމީމް ފާހަގަ ކުރެއްވިއެވެ.
އަދީބުގެ މައްސަލަތައް ބޭރުކޮށް، މިނިވަންވީ ނަމަވެސް މައްސަލަ އިސްތިއުނާފުކޮށް ކުރިޔަށްދާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދީބު ހިޔާނަތްވިކަން ސާބިތުވެސް ކުރެވޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

