ދިވެހިރާއްޖޭގެ މިނިވަން ކަމަށް 55 އަހަރު ފުރެން ދެން މާ ގިނަ ދުވަހެއް ނެތެވެ. މި ދުވަސް މިއަދު އަޅުގަނޑުމެންނާ ބައްދަލު ކުރާއިރު މިނިވަންކަން ހޯދުމަށް އަޅުގަނޑުމެން ކުރި މަސައްކަތުގެ ވާހަކަ އަޅުގަނޑުގެ މިހިޔާލުގައި ގެނެސްނުދިން ނަމަވެސް އެ މައުލޫމާތު ތިޔަ ލޮބުވެތި އަހުންނާއި އަޙްތުންނަށް އެނގޭނެ ކަމަށް ޔަގީޏްކުރަމެވެ. އެހެން ކަމުން އަޅުގަނޑުގެ މިހިޔާލުގައި އަލިއަޅުވާލާނީ ގައުމުގެ މިއަދުގެ ހާލަަތށް ބަލާއި ބޭނުންވާ މިނިވަން ކަމުގެ މައްޗަށެވެ.
މިނިވަންކަމުގެ ވާހަކަދައްކާއިރު ޤައުމެއްގެ މިނިވަންކަން ދެމެހެއްޓުމަށް އެންމެ މުހިއްމީ ކޮންކަންތައްތަކެއްތޯ އަމިއްލަ ނަފްސާ ސުވާލު ކޮށްލުން މުހިންމެވެ. އެކަމާއިމެދު ފިކުރުކޮށް ވާހަކަ ދައްކަލުން މުހިންމެވެ. ސުވާލަކީ މިދެންނެވި ކަންކަމާމެދު ފިކުރު ހިންގާ ގޮތްތަކެއް ހޯދާ މަންޒަރު ފެންނަމުންދޭތޯއެވެ؟ އެފަދަ އެއްވެސް ކަމެއް ވަމުންދާ މަންޒަރު ފެންނިގެންދާ ކަމަށް ދެންނެވޭކަށް ނެތެވެ.
ފެންނަމުންދަނީ ސިޔާސީވާދަވެރިން ސިޔާސިވާހަކަތަށް ދައްކަމުން ދުވެނަގާމަންޒަރެވެ. ވެރިކަމުގަ ތިބިމީހުން ވެރިކަންދިފާއުކުރުމަށް ފޫގަޅަލައިގެން މަސައްކަތް ކުރަނީއެވެ. ގައުމާއި ގައުމެވެ. ގާނޫނުއަސާސީއާއި އަސާސީއެވެ. އެމީހަކާއި އެމީހެެކެވެ. މިއީ މިއަދުގެ ހަގީގަތެވެ.
މިނިވަންކަން ދެމެހެއްޓުމަށް އެންމެ މުހިއްމީ އިޤްތިޞާދީ ފުދުންތެރިކަމޭބުނާ އަޑުއަހެމެވެ. އެހެންނަމަވެސް މިއަދު އަޅުގަނޑުމެންގެ ގައުމުގެ ހާކަތު އޮތް ގޮތަށް ބަލާއިރު އެބުނާ އިގްތިސާދީ ފުދުންތެރިކަން އެބައޮތްތޯ އަޅުގަނޑުގެ ހިތައްއަރައެވެ. ހަމަޔަގީނުންވެސް ގިނަބަޔަކު އިއްތިފާގު ވާނީ އިގްތިސާދީ ފުދުންތެރިކަމެއް ނެތްކަމަށެވެ. އިގްތިޞާދީ ގޮތުން ފުދުންތެރި ވުމަށްޓަކައި އަޅުގަނޑުމެން ގިނަ މަސައްކަތްތަކެއް ކުރަންއެބަ ޖެހެވެ.
ގައުމަށް ތެދުވެރިވަފާތެރިބަޔަކު ހޯދަން އެބަޖެހެއެވެ. ހަރުދަނާޖީލެއް އުފެދިގެން އެބަޖެހެއެވެ. ސިޔާސީ ހަސަދަވެރިކަން އެކުވެރިކަމަކަށް ބަދަލުވަން އެބަޖެހެއެވެ. މިހީރީ ދެބަސްވެވެން ނެތް ހަޤީޤަތްތަކެކެވެ. ޤައުމު ތިމާއަށް ކޮށްދެނީ ކޮންކަމެއްތޯ އެހުމުގެ ބަދަލުގައި ތިމާ ޤައުމަށްޓަކައި ކޮށްދޭނީ ކޮންކަމެއްތޯ ސުވާލުކޮށްލާނެ ބަޔަކު އުފެދިގެން ނޫނީ މަންޒިލާއި ހަމައަށް ވާސިލުވެވޭކަން ނެތްކަން ގަބޫލު ކުރަން އެބަޖެހެއެވެ.
މަސައްކަތްތެރި ހުނަރުވެރި، ތެދުވެރި އަމަނަތްތެރި ބަޔަކު މިއަދު ތިބިނަމަ އިޤްތިޞާދީ ގޮތުން ޤައުމު ދެފައި ޖަހާ ދުވެގަންނާނެ ކަމީ ވަސްވާހެއް އޮތް ކަމެއްނޫނެވެ. އެ ހެންނަމަވެސް މިއަދު މިއޮތީ ވައްކަމާއި،މަކަރާއި ހީލަތް އިންތިހާއަށް މައްޗަށް ގޮސްފައެވެ. ކޮރަޕްޝަންގެ މޫތަށް ދެމިފައިއޮތް ޖަންގައްޔަކަށް ބަދަލުވެފައެވެ. ގާނޫނުގެ ވެރިކަމުން ބޭރުވެ ތިމާމެންހިތުހުރިގޮތަކަށް ކަންކުރާ އުސޫލަށް ބަދަލުވެފައެވެ.
އަޅުގަނޑުމެންގެ ދިރިއުޅުން ބިނާވެފައިމިވަނީ ލިބޭ އާމްދަނީއެއްގެ މައްޗަށް ކަމީ އެންމެންވެސް ގަބޫލުކުރަންޖެހޭ ހަޤީޤަތެކެވެ. ތަނަވަސްކަން ލިބެމުންދިޔަ ވަރަކަށް ދިރިއުޅުމުގެ ފެންވަރަށް ބަދަލުއައިނަމަވެސް ލިބޭ އާމްދަނީ އިތުރު ކުރެވޭނެ ގޮތްތަކެއް ހޯދަމުންދިއުމަކީ މުހިއްމުކަމެެކެވެ. ކުރާ މަސައްކަތްތައް ހަރުދަނާކޮށް ފުޅާކުރުމަކީވެސް މުހިންމު ކަމެކެވެ.
ޤައުމީ ފުދުންތެރިކަން އިތުރުވެގެން ދާނެގޮތަށް ސަރުކަރުތަކުން އިޚްލާސްތެރިކަމައިއެކު ހަމައެކަނި އާއިލީ ފިކުރު ނުވަތަ ތިމާގެ ޕާޓީގެ ފިކުރު ދޫކޮށް ޤައުމީ ފެންވަރުގައިވެސް މަސައްކަތް ކުރަން އެބަޖެހެއެވެ. މަސައްކަތްތައް ކުރިއެރުވޭނެ އިތުރުގޮތްތައް ހޯދާ ބަލަން އެބަޖެހެއެވެ. އެހެން ބަޔަކަށް ބަރޯސާ ވުމުގެ ބަދަލުގައި އަމިއްލަ ނަފްސަށް ބަރޯސާވާން ދަސްކުރަން އެބަޖެހެއެވެ.
ޤައުމަށް ލިބޭ އާމްދަނީ ޤައުމުން ބޭރުނުކޮށް ޤައުމުގައި ބެހެއްޓޭނެ ގޮތް ހަމަޖައްސަން ވެއްޖެއެވެ. ގައުމުގެ ކަނޑު- ފަޅުތަކާއި، ގިރިތަކާއި، ރައްތަކުގެ އިތުރުން ،ބިންތަށް ވިއްކާ ހުސްކޮލުމުގެ ކުރިން ވިސްނަން އެބަޖެހެއެވެ. ދިވެހިންނަކީ މަސައްކަތްތެރި ކަމަށް ލޯބިކުރާ ބައެކޭ ބުނަން މިއަދު ލަދުގަންނަ ހިސާބަށް ކަންތައްތައް މިވަނީ ގޮސްފައެވެ. އަޅުގަނޑުމެންގެ ކާބަފައިން އައީ މަސައްކަތްތައް ކުރަމުނެވެ. ހިތާމަޔަކީ އެ މަސައްކަތްތައް މަޑުމަޑުން ނެތެމުންދާކަމެވެ. ކުރާ މަސައްކަތްތައް ބަލައިގަންނާނެ މީހަކު ނެތްފަދައެވެ. މަސައްކަތްތަކަށް ކުރިއެރުން ހޯދާނެ ގޮތްތަކެއް ފުރުސަތުތަކެއް ހޯދައެއް ނުދެވެއެވެ.
ބޭރު ޤައުމުތަކުގެ އިގްތިޞާދު ދުވަހެއް ދުވަހަކަށް ކުރިއަރަމުންދާއިރު އަޅުގަނޑުމެން މިތިބެނީ ނެގިމަޑުވެފައެވެ. ބަވަނަ ވަމުންދާ ދުނިޔެއްގައި ހިނގަމުންދާ ކަންތައްތަކަށް ލޯ ހުޅުވެންވެއްޖެއެވެ. އަތުގައި އޮތް ފައިސާ ފޮތި ބޭރަށް ނުލާ ޤައުމު ތެރޭގައި ދައުރުކުރަން ދަސްކުރަން ވެއްޖެއެވެ. އިގްތިޞާދީ ގޮތުން ފުދުންތެރި ބަޔަކަށްވާ ވާހަކަ އަޅުގަނޑުމެން ދައްކަމުންދާއިރު އަމިއްލަ އުފެއްދުންތެރިކަން އަޅުގަނޑުމެންގެ ކިބައިގައި ނެތުމަކީ ކޮޅުނެތްކޮޅަށް ހިތާމަ ކުރަންޖެހޭ ކަމެކެވެ.
ނިކަންވިސްނާލަމާތޯ؟. ހުރިހާ ކަމަކަށް އަޅުގަނޑުމެން ބަރޯސާވާން މިޖެހެނީ ބޭރު މީހުންނަށެވެ. މަސައްކަތެއް ކުރަން ވިޔަސް ބޭރުމީހުނެވެ. ކަމަކަށް ޚަރަދު ކުރަންވިޔަސް ބޭރުމީހުނެވެ. ދިވެހިންގެ ތެރޭގައި ލަޔާޤަތާއި ޤާބިލްކަން ހުރި ބަޔަކު ނެތީތޯއެވެ؟ ހަގީގަތަކީ އެފަދަ ކަންތައްކުރަން ދިވެހީންނަށް ފުރުސަތު ނުލިބެނީއެވެ. ނުވަތަ ސިޔާސީ ވިސްނުމުގެ ތަފާތު ފެނިފަ ފުރުސަތު ނުދެނީއެވެ.
މާޒީއަށް ބަލާލާއިރުވެސް މިރާއްޖެ ދެކިފައިވާ ހިތިނަތީޖާ އޮތީ އަހަރެމެނަށް ފެނިފައެވެ. ރާއްޖޭގެ އިޤްތިޞާދު ރަނގަޅު ކުރުމަށް ކަމަށްބުނެ ވޯރާ ވިޔަފާރި ވެރިން ރާއްޖެ ގެނައީއެވެ. އިޤްތިޞާދު ބިނާކުރުމަށްވުރެ އެމީހުން މަސައްކަތްކުރަމުން އައީ އިޤްތިޞާދު ހަލާކު ކުރުމަށެވެ. ބޭރު މީހުންގެ ލޯތައް ރާއްޖެއާއިމެދު ދަހިވެތި ނަޒަރަކުން ބަލަބަލާ ތިބޭ އިރު އަމިއްލަ ދެއަތުން ގައުމުގެ އިޤްތިޞާދީ މުހިއްމު ބިނާތަކާއި މުހިއްމު ވަސީލަތްތަކާއި ބިންތައް ބޭރުގެ ފަރާތްތަކަށް މިޤައުމުން ދެމުންމިދަނީ އެއްވެސް ބެލުމެއް ނެތިއެވެ. މިހެން މިކަންކަން ވަމުންދާނަމަ ބޭރުމީހުން ރާއްޖެއަށް އަތްގަދަ ކުރުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.
މިއަދުގެ ސަރުކަރުންވެސް ކަންކުރަމުންމިދަނީ މިފަދަ ބީދައަކުންނެވެ. ޤައުމެއް މިނިވަންކަމާ އެކު ބާއްވަން އެދޭނަމަ ވީ ޤަޢުމަށް ޣައްދާރުނުވެ އަމަނާތްތެރިކަމާ، ތެދުވެރިކަމާއިއެކު އިޚްލާސްތެރިކަން ދައްކަވާށެވެ.. ވިސްނަންވީ އިޤްތިޞާދު ބިނާ ކުރުމަށެވެ. ފުދުންތެރިކަން ބަޔަކަށްވުމަށެވެ. އަމިއްލަވަންތަކަމެއް ބޭއްވުމަށެވެ. އެހެންބައެއްގެ އަތްމައްޗަށް އިޤްތިޞާދު ދޫކޮށްލުމަކީ އަމިއްލަ މިނިވަން ކަން ގެއްލިދާނެ ކަމެއްކަން ގަބޫލު ކުރަންވީއެވެ. އެހެން ކަމުން ފަހު ބަހަކަށް އަޅުގަނޑު ދަންނަވާލަން އޮތީ މިނިވަންކަން ދަމަހައްޓަން ބޭނުންވާނަމަ އިގްތިސާދީ މިނިވަންކަން ހޯދާށެވެ. އެހެން ނޫންނަމަ މާދަމާގެ ގައުމުގެ ދަރިން އުޅެން ޖެހޭނީ އަޅުވެތިކަމުގައެވެ.

