ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ ހަތް ދައުވާގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ދައުލަތުން ހައިކޯޓުގައި އެދިެއްޖެއެވެ.
ކްރިމިނަލް ކޯޓުން ބޭރުކޮށްލި އަދީބުގެ ހަތް ދައުވާގެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު މިއަދު ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ޝަރީޢަތް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ދައުލަތުން އެދެނީ އަދީބު ފިލާފާނެ ކަމުގެ ބިރު އޮތުމުން ކަމަށެވެ.
އެގޮތުން ޝަރީޢަތް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ދައުލަތުން އެދުނީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ދަށުންނެވެ.
ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނެފައި ވަނީ އެ މީހަކާ މެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރިމީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށްޓަކައި، ނުވަތަ ކޯޓަށްހާޒިރުނުވެދާނެ ކަމަށްޓަކައި، ނުވަތަ ފިލައިފާނެ ކަމަށްޓަކައި، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި މެނުވީ، އެއްވެސް މީހަކާ މެދު ޝަރީޢަތުން ހުކުމްކުރުމުގެ ކުރީން އެ މީހަކު ބަންދުގައި ބަހައްޓައިގެނެއް ނުވާނެއެވެ. އަދި ބަންދުން ދޫކޮށްލާ ހިނދު ކަފާލާތުގެ އުސޫލުން ނުވަތަ ކޯޓުން ބޭނުންވާ ގޮތެއްގެ މަތީން ކޯޓަށް ހާޒިރުވާނޭކަން ކަށަވަރުކުރުމަށް ކަނޑައަޅާ އެހެން ޝަރުތުތަކެއް ކަނޑައެޅިދާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލް ވިދާޅުވީ ޝަރީޢަތް ނިނެންދެން އަދީބު ބަންދު ކުރުމަށް ދައުލަތުން އެދޭ މައިގަނޑު ސަބަބަކީ މީގެކުރިން ވެސް އަދީބު ފިލާފައި ވާތީ ކަމަށާއި އަދި އަދީޞު މިނިވަންކޮށް ބަހައްޓައިފިނަމަ އަދީޞުގެ ސަބަބުން މުޖުތަމަޢުއަށް ނުރައްކާވެދާނެ ކަމަށް ދައުލަތަށް ގަބޫލު ކުރެވޭ ކަމަށެވެ. އެހެން ކަމުން އަދީޞުގެ ޝަރީޢަތް ކުރިއަށް ގެންދިުމުގެ ކުރިން އަދީބުގެ ބަންދާއި މެދު ގޮތެއް ކަނޑައަޅައި ދިނުމަށް ދައުލަތުން ވަނީ އެދިފައެވެ.
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އަދީބު ވިދާޅުވީ އޭނާ މައްސަލަ ކުރިއަށް ގެންދަން ބޭނުން ވަނީ ގާނޫނީ ވަކީލަކާއި އެކުގައި ކަމަށާއި އެހެން ކަމުން ވަކީލުގެ އައްޔަން ކުރުމުގެ ފުރުސަތު ދިނުމަށް އަދީބް އެދިވަޑައިގެންނެވިއެވެ. އަދީބް ވިދާޅުވީ މައްސަލައާއި ގުޅޭ ލިޔެކިޔުންތައް އޭނާއަށް ލިބިފައި ވަނީ އިއްޔެ ކަމަށާއި އެހެން ކަމުން ވަކީލަކު އައްޔަން ކުރުމަށް އެކަށީގެންވާ ވަގުތު ލިބިފައި ނުވާ ކަމަށާއި އަދި އޭނާ ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް ދައުލަތުން އަމުރަކަށް އެދިފައުވާއިރު އެ އަމުރާއި ގުޅޭ ގޮތުން އޭނާ ފާހަގަ ކުރަން ބޭނުންވާ ގާނޫނީ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެހެން ކަމުން ގާނޫނުއަސާސީން ކަށްވަރުކޮށްދޭ ވަކީލަކުއެކު ޝަރީޢަތް ކުރިއަށް ގެންދުމުގެ ފުރުސަތު ދިނުމަށް އަދީބް އެދިވަޑައިގެންނެވިއެވެ.
އަދީބުގެ އެ ވާހަކަތަކާއި ގުޅިގެން ޝަރީޢަތުން ވިދާޅުވީ ބަންދުގެ އަމުރުތަކަކީ ވަރަށް އަވަހަށް ގޮތެއް ނިންމަން ޖެހޭ އަމުރުތަކެއް ކަމަށާއި އެހެން ކަމުން ވަކީލަކު އައްޔަން ކުރުމަށް ދިގު މުއްދަތެއް ނުދެވޭނެ ކަމަށް ޝަރީޢަތުން ވިދާޅުވިއެވެ. އަދި މައްސަލައިގެ ލިޔެކިޔުންތައް އިއްޔެ އަދީބަށް ލިބިފައިވާއިރު ޝަރީޢަތަށް ހާޒިރުވިއިއިރު ވަކީލަކާއިއެކު ވަޑައިނުގެންނެވީ ކީއްވެގެންތޯ ޝަރީޢަތުން ވަނީ އަދީބާއި ސުވާލު ކުރައްވާފައެވެ. ޖަވާބުގައި އަދީބް ވިދާޅުވީ ލިޔެކިޔުންތައް އިއްޔެ ލިބުނީ ވަރަށް ލަސްވި ފަހުން ކަމަށާއި އެހެން ކަމުން ވަކީލަކު ހޯދުމަށް އެކަށީގެންވާ ވަގުތު ލިބިފައި ނުވާ ކަމަށް އަދީބް ވިދާޅުވިއެވެ.
އަދީބުގެ ވާހަކަތަކާއި ގުޅިގެން ދައުލަތުން ވިދާޅުވީ އަދީބަށް ގާނޫނީ ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު ދިނުމަށް ދައުލަތުން އިއުތިރާޒް ނުކުރާ ކަމަށާއި ނަމަވެސް ވަކީލަކު އައްޔަން ކުރުމަށް ދިގު މުއްދަތެއް ދިނުމަށް ދައުލަތުން އިއުތިރާޒް ކުރާ ކަމަށް ވިދާޅުވިއެވެ. އަދި އަދީބަށް ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު މިއަދު ދިނުމަށް ފަހު މިއަދުގެ ވަގުތެއްގައި ބަންދާއި މެދު ގޮތެއް ނިންމުމުގެ އަޑުއެހުން ބޭއްވުމަށް ދައުލަތުން ވަނީ އެދިފައެވެ.
މިއަދު އަދީބަށް ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު ދިނުމަށް ފަހު މިއަދު ބަންދުގެ އަޑުއެހުން ބޭއްވުމަށް ދައުލަތުން އެދުމުން އަދީބް ވިދާޅުވީ ބަންދުގެ އަމުރާއި މެދު ގޮތެއް ނިންމުމުގެ ކުރިން އޭނާ ފާހަގަ ކުރަން ބޭނުންވާ ގިނަ ކަންކަން އެބަހުރި ކަމަށާއި އަދި ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ދައުލަތުން އެދިފައިވާ އަމުރުގެ ސަބަބުން އޭނާގެ އެތައް ހައްގުތަކެއް ގެއްލިގެންދާނެ ކަމަށެވެ. ހަމައެހެންމެ ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއާއި ގުޅިގެން މީގެކުރިން ވެސް ދައުލަތުން އޭނާގެ އެތައް ހައްގަކަށް އަރިގެންފައިވާކަން ކްރިމިނަލް ކޯޓުން ކުރި ހުކުމުން ވެސް ސާފުވާ ކަމަށާއި އެހެން ކަމުން މައްސަލައިގައި ކުރިއަށް ދިއުމަށް ވަކީލަކު އައްޔަން ކުރުމަށް އެކަށީގެންވާ ވަގުތު ދިނުމަށް އަދީބު އެދިވަޑައިގެންނެވިއެވެ.
މީގެއިތުރުން އަދީބް ވިދާޅުވީ އޭނާ އަބަދު ފިލާފާނެ ކަމަށް ދައުލަތުން ގަބޫލު ކުރާތީ ހިތާމަ ކުރައްވާ ކަމަށާއި ހާއްސަކޮށް އޭނާ ކުރިން ފިލި މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން ދައުވާ އުފުލައި ކުށަށް އިއުތިރާފްވެ ހުކުމް ތަންފީޒް ކޮށްފައި ވަނިކޮށް ވެސް ދައުލަތުން އޭނާ ފިލާފާނެ ކަމަށް އަބަދު ދެކޭތީ ހިތާމަ ކުރައްވާ ކަމަށް އަދީބް ވިދާޅުވިއެވެ.
އަދީބް ވިދާޅުވީ އޭނާ ފިލި މައްސަލައިގައި ކުރި ހުކުމް ތަންފީޒްކޮށް ނިމިފައިވާ ކަމަށާއި އެހެން ކަމުން އެއް ކުށަކަށް ދެ ފަހަރު އަދަބް ނުދެވޭނެ ކަމަށެވެ. އަދި އޭނާއަކީ ގިނަ މައްސަލަތަކެއްގެ ހެލިވެރިއެއް ކަމަށާއި އަދި އޭނާ މިވަގުތު ހުންނެވީ ފުލުހުންގެ ސެކިއުރިޓީގައި ކަމަށާއި އެގޮތުން އޭނާ ދިރިއުޅޭ ގެވެސް ފުލުހުން ބަލަހައްޓަމުންދާ ކަމަށާއި ގޭ ދުރުމަތީގައި ވެސް ފުލުހުން ތިބޭ ކަމަށް އަދީބް ވިދާޅުވިއެވެ. އަދި އޭނާއަށް ފިލިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް ހުސެން ޝަމީމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ވިދާޅުވެފައިވާކަން އަދީބް ފާހަގަ ކުރެއްވިއެވެ.
އަދީބުގެ ވާހަކަތަކަށް ފަހު މައްސަލަ ބައްލަވާ ތިން ފަނޑިޔާރުގެ ބެންޗުން ވިދާޅުވީ ބަންދުގެ މައްސަލަތަކުގައި ގޮތެއް ނިންމުމުގެ ކުރިން މާޒީގައި އެ މީހަކު އަމަލުކޮށްފައިވާ ގޮތަށް ބަލާ ކަމަށެވެ. އެގޮތުން އަދީބު ފިލި މައްސަލައިގައި ދައުލަތުން ދައުވާކޮށް އަދީބް ހުކުމް ތަންފީޒްކޮށް ނިމިފައި ވީނަމަވެސް ފިލައިގެން ހިގައިދާނެ ކަމުގެ ބިރު އޮތް ކަމަށް ދައުލަތުން ފާނަގަ ކުރާތީ ވަކީލަކު އައްޔަން ކުރުމަށް ގިނަ ދުވަހެއް ނުދެވޭނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވިއެވެ. އެހެން ކަމުން އަދީބަށް ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު މިއަދު ދިނުމަށް ފަހު މިއަދުގެ މެންދުރު ފަހު 3:00 ބަންދާއި މެދު ގޮތެއް ނިންމުމުގެ އަޑުއެހުން ބޭއްވުމަށް ޝަރީޢަތުން ވަނީ ނިންމާފައެވެ.

