ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރިކަމުގެ މައުލޫމާތު ދިން ކަމަށްބުނެ، މެންދުރު އޮންލައިންގެ ނަމުގައި ހިންގާ ވެބްސައިޓަކުން ފަތުރަނީ ކަނޑައެޅިގެން ދޮގު މައުލޫމާތުތަކެއް ކަމަށް ކުރީގެ ބަންޑާރަ އައިޝަތު ނައިބު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
ރަސްމީ އެއްވެސް އިދާރާއެއްގައި ނޫހެއްގެ ގޮތުގައި ރަސްޖިސްޓްރީ ނުކޮށް މެންދުރު އޮންލައިންގެ ނަމުގައި ހިންގަމުން އަންނަ އެ ވެބްސައިޓުގައި ވާ ގޮތުން މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކު ރޭޕް ކުރި ކަމަށް ބުނެ ”މެންދުރު އޮންލައިން“ އަށް މައުލޫމާތު ދިނީ އާޒިމާ ޝަކޫރެވެ.
އެވާހަކަތައް ދޮގު ކުރައްވާ އާޒިމާ ވިދާޅުވީ، އެފަދަ އެއްވެސް ނޫހަކާއި ވާހަކަ ދައްކަވާފައިވާ ނުވާނެ ކަމަށާއި މެންދުރު އޮންލައިންގައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.
އާޒިމާ ވިދާޅުވީ މެންދުރު އޮންލައިންނަށް މައުލޫމާތު ދެއްވިނަމަ، އެކަންކުރިގޮތަކާއި އެމައުލޫމާތު ހިއްސާކުރި އެ ވެބްސައިޓުގެ މީހަކުވެސް ހުންނަންވާނެ ކަމަށެވެ. އަދި ޤާނޫނީ ވަކީލުންނާއެކު މަޝްވަރާ ކުރެއްވުމަށްފަހު އެކަމުގައި ޤާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.
ސަފާރީގެ ވާހަކަތައް އެނގުނީ މީޑިއާ އިން ކަމަށާއި، ބިދޭސީ އަންހެން މީހާއާއި މެންދުރު އޮންލައިންވެސް ނުދަންނަ ކަމަށް އާޒިމާ ވިދާޅުވިއެވެ. އަދި އެ ވާހަކައިގެ ތެރެއަށް އޭނާގެ ނަން އަންނަން ޖެހުނު ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވި ގޮތުގައި މެންދުރު އޮންލައިނުން ފަތުރާފައިވާ ދޮގު ޚަބަރުގެ މައްސަލަ މިހާރުވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.
ސަފާރީއެއްގެ ތެރޭގައި ކެންޔާގެ އުމުރުން 27 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މިދިޔަ ޖޫން 26 ވަނަ ދުވަހުއެވެ. އެ މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ދެމީހަކު ގެންދިޔަނަމަވެސް އެ ދެމީހުންވެސް ވަނީ ހަމަ އެ ދުވަހު ދޫކޮށްލާފައެވެ.
މެންދުރު އޮންލައިންގައި ވަނީ ”ސަފާރީގައި ރޭޕް ކުރި އަންހެންކުއްޖާގެ ދުލުން އެބިރުވެރި ނުބައި އަމަލާއި އަދި ބޭއިންސާފުގެ ވާހަކަތައް“ ހިއްސާކުރި ކަމަށްބުނެ ލިޔުމެއް ޖަހާފައެވެ. ނަމަވެސް މިހާރު އެ ލިޔުންވަނީ ނަގާފައެވެ.
ކުރިން ޖެހި ލިޔުމުގައިވާ ގޮތުން އެވާހަކަތައް މެންދުރު އޮންލައިންނާއި ހިއްސާކުރީ އެ އަންހެން މީހާއާއެކު އެއްތަނެއް ވަޒީފާ އަދާކުރާ އޭނާގެ ރަށްޓެހި ދިވެއްސެއް އޭނާގެ ފޯން ސްޕީކަރަށް ލައިގެންނެވެ. އަދި އެމައުލޫމާތު ލިބުނީ ބިދޭސީ މީހާގެ ޚަބަރެއް ނުވެގެން އޭނާ ދިރިއުޅޭ ތަނަށްދިޔަ މީހުންގެ ތެރޭގައި މެންދުރު އޮންލައިނަށް ލިޔާ މީހަކާއި ގާތް ގުޅުމެއް އޮންނަ މީހަކަށްވެސް އެތަނަށް ދެވުމުން އޭނާ މެދުވެރިވެގެން ކަމަށެވެ.
މެންދުރު އޮންލައިންގެ ބިދޭސީ އަންހެން މީހާގެ ރޭޕް ކޭސް އާއި ގުޅިގެން ޖެހި ލިޔުން ފިޔަވައި އިތުރު ލިޔުމެއްވެސް ޖަހާފައިވެއެވެ. ތަހުގީގަށްވުރެ ބޮޑަށް ”އޮއްބާލުމަށް“ މިސްރާބު ހިފާފައި“ ސަރުޚީގެ ދަށުން ޖަހާފައިވާ ކިޔުމެއްގައި ވަނީ، ނިޒާމަށް އިތުބާރު ނެތްކަމަށާއި އަބަދުވެސް ކޮންމެވެސް މީހެއްގެ ނުފޫޒާއި ބާރުން މައްސަލަ އޮބެނީ ކަމަށް ބުނެފައެވެ.
”މެންދުރު އޮންލައިން ތަފްސީލުކޮށް އެކުށުގެ ވެށި ސިފަކޮށްދީފައި ވަނިކޮށް، ރާއްޖޭގެ ބޮޑު އެއް ނޫސް ކަމަށްވާ މިހާރު ނޫހަށް ދިން އިންޓަރވިއުއެއްގައި ރޭޕް ވިކްޓިމް ވަނީ އޭނާ ރޭޕް ނުކުރާކަމަށާއި އެހެން ނަމަވެސް، އޭނާގެ ގުނަވަންތަކުގައި އަތްލާހެދި ކަމަށް ހާމަކޮށް، އެ ކަމުގައި ތުހުމަތުކުރެވޭ ދެ މީހުންގެ މައްޗަށް ދައުވާކުރަން ބޭނުންނުވާ ކަމަށް ބުނެފައެވެ“ މެންދުރު އޮންލައިން
މީގެ އިތުރުން އެ އޮންލައިނުން ކުރިން ނެރުނު ލިޔުމެއްގައި ބުނެފައިވަނީ އެ މައުލޫމާތު އަންހެން މީހާ ދިން މައުލޫމާތު ކަމަށެވެ. އޭނާގެ ފޮޓޮއާއި މައުލޫމާތު ނުދިންނަށް އެ ވާހަކަ ނުޖަހާނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި އެ ވެބްސައިޓުން އަދާކުރީ މިނިވަން ނޫސްވެރިކަމުގެ ޒިންމާ ކަމަށާއި، އަމަލުކޮށްފައިވަނީ ޒާތީ ތަޢައްސަބުން އެކަހެރިވެ ކުރާ ނޫސްވެރިކަމުގެ ރީތި މިސާލެއް ކަމަށްވެސް ބުނެފައިވެއެވެ.
ސަފާރީގައި ކަން ހިނގާދިޔަ ގޮތް ކަމަށް ބުނެ ހޯމް މިނިސްޓްރީގައި ރަޖިސްޓްރީ ނުކޮށް ހިންގަމުން އަންނަ މެންދުރު އޮންލައިން އިން ”ދޮގު ވާހަކަތަކެއް“ ގެނެސްދީފައިވާ މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ. ފުލުހުން ބުނީ އެ މައްސަލައިގައި މެންދުރު އޮންލައިން އާ ދެކޮޅަށް ދައުވާކުރަން ބޭނުންވާ ކަމަށް ވިކްޓިމްވެސް ބުނެފައިވާ ކަމަށެވެ.
ނޫހެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ނުވިޔަސް، ވިޔަފާރިއެއްގެ ގޮތުގައި މެންދުރު އޮންލައިންވަނީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައެވެ. ވިޔަފާރިއެއްގެ ގޮތުގައި މެންދުރު އޮންލައިން ރަޖިސްޓްރީކޮށްފައިވަނީ ”މީޑިއޮލޮޖީ“ ކިޔާ ފުންޏެއްގެ ޕާޓްނަރޝިޕްގެ ދަށުންނެވެ.

