އިސްލާމިކް މިނިސްޓްރީން ކޮވިޑް ނަވާރައަށް ފުރަތަމަ ޕޮޒިޓިވްވެފައިވަނީ އެ މިނިސްޓްރީގް އަންހެން މުވައްޒަފަކެވެ. އޭނާ ޕޮސިޓިވްވިކަން އެނގިފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
ދެވަނަ އަށް ޕޮޒިޓިވްވެފައިވަނީ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ފިރިހެން މުވައްޒަފަކެވެ. އޭނާ ޕޮޒިޓިވްކަން އެނގިފައިވަނީ މިއަދުއެވެ.
އިސްލާމިކް މިނިސްޓްރީގެ އަންހެން މުވައްޒަފު ޕޮޒިޓިވްވެފައިވަނީ އޭނާގެ ފިރިމީހާ ޕޮޒިޓިވްވުމުން އައިސޮލޭޝަންގައި ހުއްޓައެވެ. އަދި އެކަމާއި ގުޅިހިގެން އޭނާ އާއި ކޮންޓެކްޓްވި އިތުރު ނުވަ މުވައްޒަފަކުވަނީ ގޭގައި ކަރަންޓީން ވުމަށް އަންގާފައެވެ. އޭގެ ތެރޭގައި އިސްލާމިކް މިނިސްޓަރުގެ ޕީއޭ އާއި މިނިސްޓްރީގެ ޕީއެސް އާއި ބައެއް ޑިޕާޓްމަންޓްތަކުގެ ވެރިން ހިމެނެއެވެ.
މިއަދު އެމިނިސްޓްރީން ޕޮޒިޓިވްވި މުވައްޒަފާއި، އޮފީހުގެ އެތެރެއިން 12 މުވައްޒަފަކާއި، އޮފީހުން ބޭރުން 5 މީހަކާއި ކޮންޓެކްޓްވެފައިވެއެވެ. އޮފީހުން ކޮންޓެކްޓިވި އެންމެ ކަރަންޓީންވާން މިނިސްޓްރީން ވަނީ އަންގާފައެވެ.
ސަންގަށް އެނގިފައިވާ ގޮތުގައި މިނިސްޓްރީގެ ދެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ފަހުން، އެމީހުންނާއި ކޮންޓެކްޓްވި ބައެއް މުވައްޒަފުން އޮފީހަށް ނެރިފައިވެއެވެ.
ކޮވިޑް-19 ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށް ސަރުކާރުގެ އޮފީސްތައް ހުޅުވާ ޚިދުމަތް ދޭން ފެށިނަމަވެސް އެކަން ކުރުމަށް ނިންމާފައި އޮތީ ވީހާވެސް މަދު މުވައްޒަފުން ނެރެގެންނެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީން ވަނީ ހުރިހާ މުވައްޒަފުން އެއްކޮށް ނުކުތުމަށް އަންގާފައެވެ.
އިސްލާމިކް މިނިސްޓްރީގެ ދެ މުވައްޒަފަކު ޕޮޒިޓިވްވުމުންވެސް އެ މިނިސްޓްރީން ކަންތައްތައް ކުރަމުންދާ ގޮތުން ބައެއް މުވައްޒަފުން ވަނީ އެ މިނިސްޓްރީގެ ވައިބަރ އަދި ވަޓްސްއަޕް ގްރޫޕެއްގައި އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

