މާލޭ ސަރަހައްދުގައި، ގުރޭޑް ހަތަކާއި އަށެއްގެ ދަރިވަރުންގެ ކިޔެވުން އަންނަ އޮގަސްޓުމަހުގެ 16 ވަނަ ދުވަހު ހުޅުވައިލާގޮތަށް އެޑިއުކޭޝަނުން ހަމަޖައްސައިފިއެވެ.
މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 އިގެ މިހާރުގެ ހާލަތަށް ބަލައި ގުރޭޑް 7 އަދި ގުރޭޑް 8 ގެ ދަރިވަރުންނަށް މާލޭ ސަރަހައްދުގެ ސުކޫލުތަކުގައި އަންނަ އޮގަސްޓު މަހުގެ 16 ވަނަދުވަހުގައި ކިޔެވުން ފަށާގޮތަށް ހަމަޖައްސާފައިވާކަމަށެވެ. އަދި މި ކަން މި ގޮތަށް ނިންމާފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ލަފަޔާއެކުކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ސްކޫލުތަކުގެ ކިޔެވުން މެދުކަނަޑާލާފައި އޮތުމަށްފަހު އަލުން ސުކޫލުތައް ހުޅުވާފައިވަނީ، މި މަހުގެ 01 ވަނަ ދުވަހުއެވެ. މި ގޮތުން މާލެ ފިޔަވައި ރާއްޖޭގެ ހުރިހައި ސަރަހައްދެއްގައިވަނީ، ގުރޭޑް 01 އިން ފެށިގެން، ގުރޭދް 12 އާއި ހަމައަށް ކިޔެވުން ހުޅުވައިލާފައެވެ. ނަމަވެސް މާލޭ ސަރަހައްދުގައި ކޮވިޑް ހާލަތު އޮތްގޮތުން، މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި ކިޔަވައިދޭން ފަށަފައިވަނީ، ހަމައެކަނި ގްރޭޑް 09 އިން ފެށިގެން 12 އާއި ހަމައަށެވެ.
މާލޭ ސަރަހައްދުގައި ގުރޭޑް ހަތަކާއި، ގުރޭޑް އަށަކަަށް ކިޔަވައިދިނުމަށް ހުޅުވައިލާއިރު، އެޗްއީއޯސީން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ވަނީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ސުކޫލުތަކުގައި އެޅިފައިހުރިއިރު، ސްކޫލުތަކަށް ކުދިން ހާޒިރުވުމަކުން އެއްވެސް ނުރައްކާތެރިކަމެއް ނެތްކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ޑރ.ނަޒްލާ ވިދާޅުވީ ސްކޫލުތައް ބަންދުކޮށްފައި އޮތުމަށް ފަހު މި މަހުގެ 01 ވަނަ ދުވަހު ސްކޫލުތައް ހުޅުވައިލީ ވަރަށް ގިނަ މަޝްވަރާތަކަކަށްފަހުގައި ކަމަށެވެ. މި ގޮތުން އެޗްޕީއޭއާއި، ޓެކްނިކަލް އެދްވައިޒަރީ ގުރޫޕާއި، އެޑިއުކޭޝަން ސެކްޓަރއާއި އެއްކޮށް މަޝްވަރާކުރެވިފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

