ސަފާރީ ރޭޕްކޭސްގެ ވިކްޓިމްއާއި ގާނޫނީ ވަކީލު އާޒިމާ ޝަކޫރާއި އެއްވެސް މުއާމަލާތެއް ހިންގާފައިނުވާކަމަށް ވިކްޓިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.
ވިކްޓިމްގެ ގާނޫނީ ވަކީލުންގެ ޓީމްގެ ގޮތުގައި މަސައްކަތްކުރައްވަމުން އަންނަނީ ރިޒާ އެންޑް ކޯ ލޯ ފަރމްއިންނެވެ. ލޯ ފަރމްއިން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ އާޒިމާއަކީ ވިކްޓިމް އެއްވެސް ވަރަކަށް ދަންނަ ބޭފުޅެއްނޫން ކަމަށެވެ.
ދާދި ފަހުން، މެންދުރު އޮންލައިން ކިޔާ އޮންލައިން މީޑިޔާއެއްގައި ވަނީ ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކު ރޭޕް ކުރި ކަމަށް ބުނެ ”މެންދުރު އޮންލައިން“ އަށް މައުލޫމާތު ދިނީ އާޒިމާ ކަމަށެވެ. ”ސަފާރީގައި ރޭޕް ކުރި އަންހެންކުއްޖާގެ ދުލުން އެބިރުވެރި ނުބައި އަމަލާއި އަދި ބޭއިންސާފުގެ ވާހަކަތައް“ މިސުރުޚިގެ ދަށުން މީގެ ކުރިން މެންދުރު އޮންލައިންގައިވާ ލިޔުމެއް ޝާއިއުކޮށްފައެވެ. އެހެންނަމަވެސް، މިހާރު އެއާޓިކަލް ވަނީ ނަގާފައެވެ.
ލިޔުމުގައިވާ ގޮތުން އެވާހަކަތައް މެންދުރު އޮންލައިންނާއި ހިއްސާކުރީ އެ އަންހެން މީހާއާއެކު އެއްތަނެއް ވަޒީފާ އަދާކުރާ އޭނާގެ ރަށްޓެހި ދިވެއްސެއް އޭނާގެ ފޯން ސްޕީކަރަށް ލައިގެންނެވެ. އަދި އެމައުލޫމާތު ލިބުނީ ބިދޭސީ މީހާގެ ޚަބަރެއް ނުވެގެން އޭނާ ދިރިއުޅޭ ތަނަށްދިޔަ މީހުންގެ ތެރޭގައި މެންދުރު އޮންލައިނަށް ލިޔާ މީހަކާއި ގާތް ގުޅުމެއް އޮންނަ މީހަކަށްވެސް އެތަނަށް ދެވުމުން އޭނާ މެދުވެރިވެގެން ކަމަށެވެ.
ސަފާރީގައި ކަން ހިނގާދިޔަ ގޮތް ކަމަށް ބުނެ ހޯމް މިނިސްޓްރީގައި ރަޖިސްޓްރީ ނުކޮށް ހިންގަމުން އަންނަ މެންދުރު އޮންލައިން އިން ”ދޮގު ވާހަކަތަކެއް“ ގެނެސްދީފައިވާ މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ. އަދި ގާނޫނީ ވަކީލު އާޒިމާ ޝަކޫރަށް ނިސްބަތްކޮށް ދޮގު ޚަބަރު ފަތުރާފައިވާ މައްސަލަ އާޒިމާވެސް ވަނީ ފުލުހުންނަށް ހުށައަޅާފައެވެ.
ވިކްޓިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނީ މެންދުރު އޮންލައިންގައި ޝާއިއުކޮށްފައިވާ ނޫސްބަޔާނުގައި ވިކްޓިމްއާއި ހަވާލާދީ ޝާއިއުކޮށްފައިވާ މައުލޫމަތަކީ ކަނޑައެޅިގެން ސައްހަނޫން މައުލޫމާތުކަމަށެވެ.
މީގެފަހުން ވިކްޓިމްއާއި އެއްވެސް މައުލޫމާތެއް އެއްވެސް ސިފައެއްގައި ޝާއިއުކުރުމުގެ ކުރިން ގާނޫނީ ވަކީލުންގެ ޓީމުން ހުއްދަ ހޯދަންވާނެ ކަމަށެވެ. އަދި އެއްވެސް ބްރޯޑްކާސްޓް، އޮންލައިން އަދި ޕްރިންޓް މީޑިޔާއަކުން ހުއްދަނެތި ވިކްޓިމްއާ ބެހޭގޮތުން ޝާއިއުކުރާ މައުލޫމާތުތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ވަކީލުން ވަނީ ބުނެފައެވެ.
ވިކްޓިމްއާއި އެއްވެސް މުއާމަލާތެއް ކުރަންވާނީ ވިކްޓިމްގެ ގާނޫނީ ވަކީލުންގެ ޓީމުގެ ހާޒިރުގައި ވަކީލުންގެ ބައިވެރިވުމާއެކު ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި، ޖެންޑަރ މިނިސްޓްރީއަށާއި، ރައްޔިތުންގެ މަޖިލިހާއި، ހިޔުމަން ރައިޓްސް ކޮމިޝަނަށް އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް އަންގާފައިވާނެ ކަމަށް ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ބުނެފައެވެ.
ސަފާރީ ރޭޕްކޭސްގައި ތުހުމަތުކުރެވޭ ދެމީހުންވެސް ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތްކަމަށް ބުނެ ހައްޔަރުކުރި ދުވަހު ވަނީ ދޫކޮށްލާފައެވެ.
ހައްޔަރު ކުރި މީހުންނަކީ ސަރުކާރުގެ ބާރުގަދަ ބައެއްކަމަށް ފެށުނީއްސުރެ އަންނަނީ ތުހުމަތުކުރެވެމުންނެވެ. އެހެންނަމަވެސް، ތުހުމަތުކުރެވޭ ދެމީހުން ދޫކޮށްލުމުގައި އެއްވެސް ފަރާތަކުން ނުފޫޒެއް އައިސްފައިނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

