ކޮރަޕްޝަން އެކުލެވޭކަމަށް ތުހުމަތުކުރެވި، ކުރިން ބަލައި ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން ބައެއް މައްސަލަތައް އަލުން ބަލަން ފަށާފައިވާކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފިއެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު ވިދާޅުވީ، ކުރިން ބަލައި ނިންމާފައިވާ ނުވަތަ ބަލައި ނިމުމަކާއި ގާތްވެފައިވާ ބައެއް މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަނުން އަލުން ބަލަން ފަށާފައިވާ ކަމަށެވެ. މީގެ ސަބަބެއްކަމަށް އަސްއަދު ވިދާޅުވީ، އޭރު ތަހުގީގުތައް ކުރިއަށް ގެންގޮސްފައިވަނީ އެންމެ ރަނގަޅަށް ނޫންކަމަށް ބެލެވޭތީ ކަމަށެވެ.
މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހިއްސާ ކުރައްވަމުން އަސްއަދު ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލުގެ މައްސަލަ އެސެޓް ރިކަވަރީ ކޮމިޝަން އުފެދުމުގެ ކުޑަ ދުވަސްކޮޅެއްކުރިން އެމައްސަލަ އަލުން ބަލަން އޭސީސީއިން ފަށާފައިވާ ކަމަށެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ މައްސަލައިގެ ތަހުގީގާއި ގުޅުންހުރި މައުލޫމާތު ހިއްސާކުރައްވަމުން މިދިޔަ އަަހަރުގެ ސެޕްޓެމްބަރު މަހު އޭސީސީއިން ބުނެފައިވަނީ އެއިމާރާތުގެ ތަހުގީގުގެ ވަރަށް ބޮޑު ބައެއް ނިމިފައިވާ ކަމަށެވެ. އަދި ދެން ކުރިއަށް އޮތީ މުޅި އިމާރާތުގެ އަގު އިވެލުއޭޓް ކުރުންކަމަށް އޭރު އޭސީސީއިން ވަނީ ބުނެފައެވެ.
ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތްކުރުން ހަވާލުކޮށްފައިވަނީ ބިޑް ކުރުމެއް ނެތި ސިންގަޕޫރުގެ ޝެންހުއާ ކޮންސްޓްރަކްޝަންއަށް 142 މިލިއަން ޑޮލަރަށެވެ. މިއީ އެއިމާރާތް އެޅުމަށް ހަރަދުވާނެ އަގަށްވުރެ މާބޮޑު އަގެއްކަމަށް ގިނަ ބަޔަކު ދިޔައީ ތުހުމަތުކުރަމުންނެވެ. އަދި އެމައްސަލަ އޭސީސީއަށްވެސް ވަނީ ހުށައަޅާފައެވެ.
މީގެ އިތުރަށް، ފުށިދިއްގަރުގެ މައްސަލަވެސް އަލުން ބަލަން ފަށާފައިވާ ކަމަށް ވިދާޅުވިއެވެ. މިމައްސަލަވެސް ކުރިން ތަހުގީގުކޮށް ނިންމާފައިވަނީ އެންމެ ރަނގަޅަށް ނޫންކަމަށް އަސްއަދު ވިދާޅުވިއެވެ. ފުޅިދިއްގަރުގެ ކޭސްގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށާއި، އެހެންނަމަވެސް އެކަން ބަލައި ނިންމިއިރު އެއްވެސް މައްސަލައެއްނެތް ކަމަށް ނިންމާފައިވާ ކަމަށް އަސްއަދު ވިދާޅުވިއެވެ.
ފާއިތުވި ފަސް އަހަރެއްގެ ތެރޭގައި ޖޭވީގެ ގޮތުގައި އެމްއެމްޕީއާރުސީ މެދުވެރިވެގެން ނޫން ގޮތްގޮަަތަށް ދޫކޮށްފައި ހުރި ފަޅު ރަށްތަކުގެ މައްސަލަތައް ބަލަމުންދާކަމަށްވެސް އަސްއަދު ވިދާޅުވިއެވެ. މިރަށްތަކުގެ ތެރޭގައި ސަރުކާރަށް އެއްވެސް މަންފާއެއް ނާންނާނެގޮތަށް، ސަރުކާރުގެ ހިއްސާ ޕްރައިވެޓް ސެކްޓަރއަށް ދޫކޮށްލަންޖެހޭ ގޮތަށް ހުރި މުއާމަލާތްތައް ހުރިކަން އަސްއަދު ފާހަގަކުރެއްވިއެވެ.

