އުތެމަ ޖަމްޢިއްޔާގެ ރިޕޯޓްތައް ތަޙްޤީޤުކޮށް ފިޔަވަޅު އެޅުމަށް ދިވެހިރާއްޖޭގެ މަދަނީ ޖަމްޢިއްޔާތަކުން ގޮވާލައިފިއެވެ
ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަދަނީ ޖަމްއީއްޔާތަކުގެ ތެރެއިން15 ޖަމްީއްޔާއެއް ގުޅިގެން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީދި ވެހިރާއްޖޭގައި ރަޖިސްޓްރީވެފައިވާ ޖަމްޢިއްޔާއެއް ކަމަށްވާ ”މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯރކް (އެމް.ޑީ.އެން)“ އިން ނެރެފައިވާ ރިޕޯޓެއްގައި އިސްލާމްދީނަށާއި، މާތް ނަބިއްޔާ صلى الله عليه وسلم އަށް ފުރައްސާރަކޮށްފައިވާކަން ރާއްޖޭގެ ޢިލްމުވެރިންގެ ބަސްފުޅުތަކުންނާއި ފުލުހުންގެ ތަޙުޤީޤުން ސާބިތުވެ، އެކަމާއި ދެކޮޅަށް ރާއްޖޭގެ ގިނަ ރައްޔިތުންނާއި ކައުންސިލްތަކާއި ޖަމްޢިއްޔާތަކެއް އަޑު އުފުލުމުން، 2019 ޑިސެމްބަރ 19 ވަނަ ދުވަހު، ދިވެހި ސަރުކާރުން އެޖަމްޢިއްޔާ އުވާލާފައިވާ ކަމަށެވެ. ނަމަވެސް، އެ ޢަމަލު ހިންގި ފަރާތްތަކަށް މިހާތަނަށް އެއްވެސް ފިޔަވަޅެއް އެޅިފައި ނުވުމަކީ ކަންބޮޑުވާކަމެއް ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
ޖަމްީއްޔާތަކުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީވެފައިވާ މަދަނީ ޖަމްޢިއްޔާއެއް ކަމަށްވާ ”އުތެމަ“ އިން ޖެނީވާގައި އޮންނަ ސީޑޯ ކޮމިޓީގެ 76 ވަނަ ބައްދަލުވުމަށް ހުށަހަޅާ ރިޕޯޓުގައި ”އެމް.ޑީ.އެން“ގެ ރިޕޯޓު ބަލައިގަނެ، އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ދީނާ ޚިލާފު ކަންތައްތައް ބަލައިގަތުމަށް ގޮވާލާފައިވުމީ އަދި މާ ބިރުވެރި ނުރައްކާތެރި ކަމެއްކަމުގައި ޤަބޫލުކުރަމެވެ.
މީގެ އިތުރުން މިއަހަރުގެ ނޮވެމްބަރ މަހު އ.ދ. ގެ އިންސާނީ ޙައްޤުތަކާއި ބެހޭ އިދާރާއިން ބާއްވާ ”ޔޫ.ޕީ.އާރު“ގެ 36 ވަނަ ބައްދަލުވުމަށް ހުށަހެޅުމަށް އުތެމަ އާއި އެމް.ޑީ.އެން އަދި ފުރާންސްގެ ”އެފް.އައި.ޑީ.އެޗް(އިންޓަނޭޝަނަލް ފެޑެރޭޝަން ފޮރ ހިޔުމަން ރައިޓްސް)“ ކިޔާ މަދަނީ ޖަމްޢިއްޔާއެއް ގުޅިގެން 03 އޮކްޓޯބަރ 2019 ގައި ތައްޔާރުކޮށްފައިވާ ދިވެހިރާއްޖޭގެ އިންސާނީ ޙައްޤުތަކުގެ ޙާލަތާއި ބެހޭ ރިޕޯޓުގައި ދިވެހިރާއްޖޭގައި ފައްޅި އެޅުމަށާއި ޣައިރު ދީންތަކަށް ފުރުޞަތު ދިނުމަށް ގޮވާލާފައިވާކަން ޖަމްއީއްޔާތަކުން ނެރުނު ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.
ހަމައެހެންމެ ޒިނޭކުރުމުގެ ޙައްދު ޤާނޫނީ ޢުޤޫބާތުން އުނިކުރުމަށާއި ކުށްތަކަށް މަރުގެ އަދަބު ކަނޑައެޅުން ހުއްޓާލުމަށް ގޮވާލައި އިސްލާމްދީނުގެ ޙައްދުތަކަށް ފާޅުގައި އިންކާރުކޮށް ވެހިރާއްޖޭގައި ”ޖިންސީ ގުޅުންތައް“ އެއްވެސް ހުރަހެއް ނެތި ހިންގުމާއި އެފަދަ ކަންތައްތައް ކުރާ މީހުންނަށް ޤާނޫނީ ރައްކާތެރިކަން ދިނުމަށްއުތެމައިން ގޮވާލިކަން ވަނީ ފާހަގަ ކޮށްފައެވެ.
ޖަމްއީއްޔާތަށް ގުޅިގެން ނެރުނު ބަޔާނުގައި ބުނީ އެމްޑީއެންއާއި އުތެމަ ޖަމްއީއްޔާހެ އަމަލުތަކަކީ ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވައިދުތަކަށް ގޮންޖަހާ ދިވެހި ދަޢުލަތުގެ ހަމައެކަނި ދީންކަމަށްވާ އިސްލާމްދީނަށް ކޮށްފައިވާ ފުރައްސާރައެއްކަމަށާއި އަދި މިފަދަ ޢަމަލުތައް މިފަސްގަނޑުގައި ހިންގިގެން ވާނެކަމަށް ގަބޫލު ނުކުރާ ކަމަށް ވަނީ ބުނެފައެވެ. މިގޮތަށް ތަކުރާރުކޮށް އިސްލާމްދީނާއި ދީނުގެ ޙުކުމްތަކަށް ފާޑުކިޔުމަކީ މުޖުތަމަޢުގައި ނަފުރަތު އުފެއްދުމުގެ ޢަމަލެއް ކަމަށާއި މިއީ ދިވެހިންގެ ދީނަށް އިޙުތިރާމު ކުޑަކުރުން ކަމަށް ޖަމްއީއްޔާތަކުގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ބަޔާން ނިންމާލަމުން ޖަމްީްޔާތަކުން ބުނީ އެމް.ޑީ.އެންގެ ރިޕޯޓު ތަޙުޤީޤުކުރި އުޞޫލުން އުތެމައިން މިހުށަހަޅާ ރިޕޯޓު ތަޙުޤީޤުކޮށް، އެޢަމަލު ހިންގި ”އެމް.ޑީ.އެން“ އާއި ”އުތެމަ“ އިން މިކަމުގައި ޝާމިލްވާ އެންމެހާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އެޅެންއޮތް އެންމެ ހަރުކަށި ފިޔަވަޅެއް އެޅުމަށް ދިވެހި ސަރުކާރަށް ގޮވާލާ ކަމަށެވެ.

