ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސެޓް ރިކަވަރީ ކޮމިޝަންގެ ޕްރެސްއިންވެސް ބޭނުންވި މިންވަރަށް ސުވާލުތަކަށް ޖަވާބު ނުލިބުނު!

ޝެއާރކޮށްލާ ކަހަލަދޯ؟

އެސެޓް ރިކަވަރީ ކޮމިޝަން އުފެދިގެން އައީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގަތުމާއެކު 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ރައީސްގެ ރިޔާސީ ވައުދާއި އެއްގޮތްވާ ގޮތުގެ މަތިން ޚިޔާނާތުގެ މައްސަލަތައް ތަހުގީގުކުރުމުގެ ބޭނުމުގައެވެ. ކޮމިޝަންގެ މަސައްކަތްތައް އިތުރަށް ފުރިހަމަކުރުމުގެ ބޭނުމުގައި އެސެޓް ރިކަވަރީ ކޮމިޝަން ހިމެނޭ ގޮތުން ކޮމިޝަންތަކަށް ވަނީ ޚާއްސަ ބާރުތަކެއްވެސް ދީފައެވެ.

ރައީސް އުފެއްދެވި ކޮމިޝަންތަކުން އެދެވޭ މަސައްކަތްތަކެއް ކުރަމުން ދޭތޯ އާންމުން އަބަދުވެސް ސުވާލު އުފައްދަވައެެވެ. ކޮމިޝަންތަކުން ކުރަމުންދަނީ ކޮން މަސައްކަތްތަކެއްތޯ، ކުރާ މަސައްކަތްތަކުގެ ނުވަތަ ބަލަމުންދާ މައްސަލަތަކުގެ ތަފްސީލެއް، އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރަނީ ކީއްވެތޯ މިއީ އާންމުން އަބަދުވެސް އުފައްދާ ސުވާލުތަކެވެ. ކޮމިޝަންތައް ވުޖޫދުގައިވޭތޯ، ކޮމިޝަންތަކުގެ މެމްބަރުން މަސައްކަތްތައް ކުރައްވަމުން ގެންދަވާތޯ މިއީ އާންމުން އަބަދުވެސް އުފައްދަމުން އަންނަ ސުވާލުތަކެވެ.

ރައްޔިތުންގެ މިޝައްކުތަކަށް އިތުރު ބާރެއް ލިބިގެން ދިޔައީ ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގައި ދާދިފަހުން ދެއްކެވި ވާހަކަތަކާއެކުގައެވެ. ރައީސް ނަޝީދު ވަނީ ރިޔާސީ ކޮމިޝަންތަކަކީ އެއްވެސް ބޭނުމެއްނެތް ބައެއްކަމަށާއި އަދި އެއީ ބޭކާރު ޚަރަދުތަކެއްކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދު މިވާހަކަތައް ދެއްކެވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެބައްދަލުވުން ބޭއްވުމުގެ ދެތިން ގަޑިއިރު ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޓުވީޓަކުން ވަނީ އެސެޓް ރިކަވަރީ ކޮމިޝަންގެ ރިޕޯޓު ލިބިވަޑައިގަނެފައިވާކަން ހާމަކުރައްވާފައެވެ. އެހެންނަމަވެސް، މިޓުވީޓާއި ކޮމިޝަންގެ ޕްރެސްއާއެކު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ލިބުމުގެ ބަދަލުގައި ރައްޔިތުންގެ ހިތްތަކުގައި އުފެދުނު ސުވާލުތައް ވީއިތުރުކަމަށް ގަބޫލުކުރެވެއެވެ.

އެސެޓް ރިކަވަރީ ކޮމިޝަންގެ ޕްރެސްގައި ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު ވިދާޅުވީ ޚިޔާނާތުގެ ތުހުމަތު ކުރެވޭ މީހުންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންދާނެ ކަމަށެވެ. މީގެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަންއިން އާންމުކުރި ގޮތުގައި ޚިޔާނާތުގެ ތުހުމަތުކުރެވެނީ 155 މީހަކަށެވެ. އޭގެފަހުން މީގެ ދެހަފްތާއެއްވަރު ކުރިން، ތުހުމަތުކުރެވެނީ 267 މީހަކަށްކަމަށް ވަނީ ބުނެފައެވެ. ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް ވިދާޅުވީ އެއަދަދު މިހާރު 300އާއި ގާތްކުރާނެ ކަމަށެވެ. އަދި މީގެ ދެހަފްތާ ފަހުން އެއަދަދު 300އަށްވުރެ މައްޗަށް އަރައިގެން ހިނގައިދާނެ ކަމަށެވެ.

މިހާހިސާބުން އުފެދޭ ސުވާލަކީ، ރައީސަށް ލިބިފައިވަނީ ޑްރާފްޓް ރިޕޯޓެއްތޯ ނުވަތަ ފައިނަލް ރިޕޯޓެއްތޯ އުފެދޭ ސުވާލެވެ. ރައީސްއަށް ލިބިވަޑައިގަތީ ފައިނަލް ރިޕޯޓެއްނަމަ، މީގެ ފަހުން ތުހުމަތުކުރެވޭ މީހުންގެ އަދަދު އިތުރުވެގެންވާނެކަމަށް ގަބޫލެއްނުކުރެވެއެވެ.

ދެން އޮތީ މިހާރު މިތުހުމަތުކުރެވޭކަމަށްބުނާ 300އެއްހާ މީހުންގެ ވާހަކައެވެ. ފައިސާގެ މުއާމަލާތްތައް ހިންގާފައިވާއިރު، ފައިސާ އަތަށް އެރި ނުވަތަ ލިބުނު ކޮންމެ މީހަކީ ކުށްވެރިއަކަށް ނުވެދާނެއެވެ. އެހެންނަމަވެސް، ކޮމިޝަންގެ ރައީސް ވިދާޅުވާގޮތުން، ދައުވާ ކުރުމަށް ފޮނުވާނީ ”ޝޯޓްލިސްޓް“ކުރެވޭ ބައެއްގެ ނަންތަކެވެ. އަދި އޭގެކުރިން، ތުހުމަތުކުރެވޭ އެެއްވެސް މީހެއްގެ ނަން ހާމަނުކުރައްވާނެފަދަ މޭރުމަކުން ކޮމިޝަންގެ ރައީސް ވަނީ ވާހަކަދައްކަވާފައެވެ. ކޮމިޝަންގެ ރައީސް ވިދާޅުވިގޮތުން ދައުވާކުރުމަށް ފޮނުވާ މީހުންގެ ނަންތައް ”ޝޯޓްލިސްޓް“ ކުރާއިރު ފައިސާ ލިބުނު އަދަދާއި ހެކި ލިބެންހުރި މިންވަރާއި އޭރު ނުވަތަ މިހާރު އެމީހަކު ހުރީ ނުފޫޒުގަދަ މަގާމެއްގައިތޯއާއި އަދި މިނޫންވެސް އެހެންކަންކަމަށް ބަލާނެކަމަށް ވަނީ ވިދާޅުވެފައެވެ.

ސުވާލަކީ ”ޝޯޓްލިސްޓް“ ނުކޮށް ދޫކޮށްލާ މީހުންގެ ނަންތައް ނަމަވެސް ހާމަކުރައްވާނެ ތޯއެވެ. ނޫނީ މިއީ ވަކި ބަޔަކާއިމެދު ފިޔަވަޅުތަކެއް އެޅުމަށް ކުރާ ކަންކަންތޯ އުފެދޭ ސުވާލެވެ. ޚިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތުކުރެވެކަން އާންމުންނަށް އެނގެންވީ ހަމައެކަނި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމައްތޯ އުފެދޭ ސުވާލެވެ. ނުވަތަ ކުރީގެ ނައިބްރައީސް އަހުމަދު އަދީބަށްތޯ އުފެދޭ ސުވާލެވެ. ނުވަތަ ތުހުމަތުކުރެވޭކަން ހާމަކުރާކަން އާންމުންނަށް އަންގައި ކުށް ނެތްކަން ސާބިތުވަންދެން ނަމަވެސް މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކުރުވަންޖެހެނީ ހަމައެކަނި ޔޫތު މިނިސްޓަރ މަހްލޫފުތޯ އުފެދޭ ސުވާލެވެ.

ޚިޔާނާތުގެ ފައިސާ ނުލިބޭ ވަކި ދާއިރާއެއް ކަނޑައެޅޭކަށް ނެތެވެ. ވަޒީރުންނަށް، މަޖިލީހުގެ މެމްބަރުންނަށް، ޖުޑިޝަރީ ދާއިރާގެ މެމްބަރުންނަށް، އާންމު ރައްޔިތުންނަށް މިފައިސާ ލިބިފައިވާކަން އެނގެއެވެ. ކޮމިޝަނުންވެސް ވަނީ އެކަން ފާހަގަކޮށްފައެވެ. ކިތަންމެ މަތީ މަގާމެއްގައި ހުއްޓަސް، އެމީހަކަށް ތުހުމަތު ކުރެވެންޏާ ރައްޔިތުން އެވަރު އެނގެން ބޭނުންވާނެއެވެ. ދައުވާ ކުރުމަށްފަހު، އެމީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށްވާނަމަ އެހިސާބުން އެއޮތީ މައްސަލަ ނިމިފައެވެ. އެހެންނަމަވެސް، ”ޝޯޓްލިސްޓް“ކުރާ މީހުން ފިޔަވައި ދެން ބާކީ ތިބި މީހުންނަކީ ކޮން ބައެއްކަން ރައްޔިތުންނަށް ނޭންގެންވީ ސަބަބެއް އޮވެގެން ނުވާނެއެވެ.

ކޮމިޝަންގެ މަސައްކަތްތައް ލަސްކަމުގެ ވާހަކައާއި، ވަކި ކޮޅަކަށް ނުޖެހި ތަހުގީގު ހިނގައިފާނެކަމަށް ނުބެލެވޭކަމުގެ ވާހަކައަކީ ރައްޔިތުންގެ މެދުގައި އައު ވާހަކައެއް ނޫނެވެ. ނޫސްވެރިންގެ ބައްދަލުވުމުގައިވެސް، ވަކި އާ ވާހަކަތަކެއް އަޑުއިވިފައިވާކަމަކަށް އާންމުން ގަބޫލެއް ނުކުރެއެވެ. މައިގަނޑުގޮތެއްގައި ދައްކާފައިވަނީ، ވަކި މާ އަވަހަށް ނަތީޖާއެއް ނުފެނިދާނެ ކަމުގެ ވާހަކައެވެ. ހެކި ލިބުމުގައި ދަތިތައް ހުރި ވާހަކައެވެ. ވަސީލަތްތައް މަދުކަމުގެ ވާހަކައެވެ. މިކަންކަމަކީ ބަހަނާތަކެއް ނޫންކަމަށްވެސް ކޮމިޝަންގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ކޮމިޝަންގެ މަސައްކަތްތައް ނިންމުމަށްފަހު، ހެޔޮ ބަދަލެއް ނާންނަނަމަ، ފާޑުކިޔުން އެންމެ ހެޔޮ ކަމުގައި ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް، އޭގެ ކުރިން މަސައްކަތުގެ ސްޕީޑް ލަސްވުމާއި އެޒާތުގެ ވާހަކަތައް ދައްކައިގެން ނުވާނެ ކަމަށް ކޮމިޝަންގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުން ބޭނުންވަނީ ނަތީޖާއެވެ. ގެއްލުނީ ކިހާ މިންވަރެއްގެ ފައިސާކަންވެސް އަދިވެސް ނޭނގެއެވެ. އެނގޭނެ ގޮތެއް އޮތްކަމަކަށްވެސް ގަބޫލެއް ނުކުރެވެއެވެ. ރައްޔިތުން ބޭނުންވަނީ ސިލެކްޓިވް ޖަސްޓިސް އެއްނޫނެވެ. ނުވަތަ ”ޝޯޓްލިސްޓެޑް“ ޖަސްޓިސްއެއްވެސް ނޫނެވެ. އެކަމުގައި ޝާމިލްވާ ހުރިހާ އެންމެންގެ ނަންތައް އެނގެން ރައްޔިތުން ބޭނުންވެއެވެ. އެދުވަހަކަށް ރައްޔިތުން ތިބީ އިންތިޒާރުކޮށްކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: