ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލިފަހުން، މިވީ ހަފްތާއެއްގެ ތެރޭގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަކީ 904 ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ކޮވިޑުގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކުރިތާ 100 ދުވަސް ފަހުން، އަލުން ދަތުރުތައް ފަށާ އޮންއެރައިވަލް ވިސާތައް ދޫކުރަން ފެށީ މި މަހުގެ 15 ވަނަ ދުވަހުއެވެ. ރާއްޖޭގެ ކުރިއެރުންތަކެއް ހޯދަމުން އައި ފަތުރުވެރިކަމުގެ ދާއިރާއަށް މި އަހަރު ވެސް ބޮޑެތި އުންމީދުތަކެއް ކުރެވުނު ނަމަވެސް، ކޮވިޑުގެ ހާލަތާއި އެކު އިގްތިސޯދަށް ބޮޑު މަޑުޖެހުމެއް އައިސް، ފަތުރުވެރިކަމަށް ހުއްޓުމެއް އައެވެ.
ގިނަ ދުވަސްތަކަށް ފަހު މަޑުމަޑުން އިގްތިސޯދު ހިންގަން ފަށާ، ފަތުރުވެރިކަމަށް ވެސް މި ހާލަތުގައި އަންދާޒާތަކެއްކޮށްފައެވެ. އެގޮތުން އަހަރު ނިމޭއިރު، ރާއްޖެއަށް އައްލަކައެއްހާ ފަތުރުވެރިން އަންނާނެކަމަށް ވަނީ ލަފާކޮށްފައެވެ.
ކޮވިޑުގެ ސަބަބުން އޮން އެރައިވަލް ވިސާތައް ދޫކުރުން ހުއްޓާލާ، ބޯޑަރުތައް ބަންދު ކުރުމާއި ހަމައަށް ރާއްޖެ އައިސްފައިވަނީ 382،762 ފަތުރުވެރިންނެވެ. އޭރު ވެސް ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް، ބަލި ބާރު ސްޕީޑެއްގައި ފެތުރެމުން ދިއުމުގެ ސަބަބުން ވަނީ ފަތުރުވެރިންގެ އަދަދުތައް މަދުވެފައެވެ.
ބޯޑަރު އަލުން ހުޅުވާލިތާ ހަފްތާއެއް ވެފައިވާއިރު، މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ފަތުރުވެރިންގެ ތަފާސް ހިސާބުތައް އާއްމުކޮށްފައެވެ. އެ ހިސާބުތައް ދައްކާ ގޮތުގައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނާއި، އެމެރިކާއިންނެވެ. އެއީ އިނގިރޭސިވިލާތުން ރާއްޖެ އައި 117 ފަތުރުވެރިންނާއި، އެމެރިކާއިން އައި 106 ފަތުރުވެރިންނެވެ. ރާއްޖެއަށް ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ ޖަރުމަންވިލާތުންނެވެ. އެއީ 72 ފަތުރުވެރިންނެވެ.
https://twitter.com/ImmigrationMV/status/1286623397451980800
ރާއްޖެއަށް އައި ފަތުރުވެރިން ނިސްބަތްވާ 10 ގައުމެއްގެ މައުލޫމާތުތައް، އިމިގްރޭޝަނުން ހިއްސާކުރި މައުލޫމާތުތަކުގެ ތެރޭގައި ވެއެވެ. އެގޮތުން ސުވިޒަލޭންޑުން 45 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ރަޝިޔާއިން 45 ފަތުރުވެރިން، އަދި ފިލިޕީންސްއިން 35 ފަތުރުވެރިންނާއި، ދުބާއީއިން 31 ފަތުރުވެރިން އަދި ސެޕެއިން އިން 31 ފަތުރުވެރިންނާއި، ހަންގްރޭއިން އިން އައި 30 ފަތުރުވެރިންގެ އިތުރުން އީޖިޕްޓުން އައި 23 ފަތުރުވެރިންނެވެ.
މި ގައުމުތަކުން އައި ފަތުރުވެރިންގެ ޖުމްލަ އަދަދުތައް 567 އަށް އަރައެވެ. އަނެއް 337 ފަތުރުވެރިންނަކީ އެހެނިހެން ގައުމުތަކުން އައި މީހުންގެ ގޮތުގައި ތަފާސްހިސާބުގައި ވެއެވެ.
ބޯޑަރުތައް ހުޅުވާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ޓޫރިޒަމް މިނިސްޓްރީ ހިންގެވުމާއި ވަގުތީގޮތުން ހަވާލުވެ ހުންނެވި ފައްޔާޒް އިސްމާއިލް ވިދާޅުވީ ފަތުރުވެރިކަމަށް ބޮޑެތި އުންމީދުތަކެއް ކުރެވޭއިރު، ރާއްޖޭގެ ބޯޑަރުތައް ދެވަނަ ފަހަރަށް ބަންދު ކުރަންޖެހޭ ހާލަތަކަށް ނުދާނެ ކަމަށެވެ.
ފަތުރުވެރިކަމަށް ތައްޔާރުކޮށްފައިވާ ސިނާރިއޯތައް ދައްކާގޮތުން ރާއްޖެއަށް 845،546 ފަތުރުވެރިން އަންނާނެ ކަމަށް ބެލެވެއެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާނަމަ 50 އިންސައްތަ ދަށް އަދަދެކެވެ.

