ފުލުހުންގެ ކިބައިގައި ހުންނަން ނުޖެހޭފަދަ، އަހުލާގީ މިންގަނޑު ދަށް އަމަލުތަކާއި ގުޅިގެން 97 މައްސަލައެއް ބަލާ ބައެއް ފުލުހުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި ސަރުކާރު އުފެދުމާއި އެކު އެންމެ ބޮޑު އެއް އަމާޒަކަށް ވެސް ވީ ޕޮލިސް ރީފޯމެވެ. ވޭތުވެ ދިޔަ އެކި ދުވަސްތަކުގައި ހިނގާފައި ހުރި ހާދިސާތަކަށް ބަލާ ރައްޔިތުންގެ ބޮޑެތި ނުރުހުންތަކެއް ފުލުހުންގެ މުވައްސަސާއަށް ހުރިއިރު، ”ޕޮލިސް ރީފޯމް“ އެއީ ސަރުކާރުގެ ވައުދުތަކާއި އަދި އެޖެންޑާ19 ގައި ހިމެނިގެން އައި ކަމެކެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި ސްޓެރެޓީޖިކް ޕްލޭން ޑިވޮލޮޕްމެންޓު ސިމްޕޯސިއަމްއެއް ވެސް ބާއްވާފައިވެއެވެ.
ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި ފުލުހުންގެ މުވައްސަސާ، އިސްލާހު ކުރުމަށް އެކި މަސައްކަތްތަކެއް ކުރަމުންދާއިރު ފުލުހުންގެ ފަރާތުން ފެންނަ އަހުލާގީ އެކި މައްސަލަތައް ސޯޝަލް މީޑިއާގައި ފެންމަތިވެއެވެ. އޭގެ ތެރޭގައި އާއްމުންގެ މީހަކާއި ފުލުހަކު މުހާތަބު ކުރާ ގޮތާއި، އެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ކުރާ މަސައްކަތްތަކުގައި އަނިޔާ ކުރުން އަދި އެ ނޫންވެސް ކަންކަން ފާހަގަކުރެވެއެވެ.
ފުލުހުން ވަނީ އެ އިދާރާގެ އޮފިސަރުންނަށް ތުހުމަތު ކުރެވޭ އަހުލާގީ މައްސަލަތައް ތަހުގީގު ކުރުމުގައި އަމަލު ކުރާ އުސޫލްތަކާއި އެ މައްސަލަތައް ބެލުމުގެ މަރުހަލާތަކުގެ އިތުރުން ފިޔަވަޅު އެޅުމާބެހޭ މައުލޫމާތާއި ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑްގެ މަސައްކަތްތަކުގެ ތަފާސް ހިސާބު އާންމުކޮށްފައެވެ.
އެ މައުލޫމާތުތަކުން ދައްކާގޮތުގައި މި އަހަރުގެ މިހާތަނަށް ވަކިވަކި ފުލުހުންނާއި ގުޅޭ 97 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ގަވައިދާއި ހިލާފުވުމުގެ 18 މައްސަލައެއް ހިމެނެއެވެ. އަދި އިހުމާލުވުމުގެ 15 މައްސަލައަކާއި، ބަދުއަހުލާގީ އަމަލުތައް ހިންގުމުގެ 10 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.
މި މައްސަލަތައް ބަލާ، ތަހުގީގު ކުރުމަށްފަހު 12 ފުލުހަކު ވަނީ ވަޒީފާއިން ވަކިކޮށް، އެއް ފުލުހަކަށް ނަސޭހަތްތެރިވެ ދީ، ޑީމޯޓުކޮށްފައެވެ. ނުވަތަ އޭނާގެ ރޭންކު ދަށްކޮށްފައެވެ.
މި ހިސާބުތައް ދައްކާގޮތުން އަހުލާގީ މައްސަލަތަކުގައި ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި މަގާމުން ވަކި ކުރި ފުލުހުންގެ އަދަދު 145 އަށް އަރައެވެ. އެ ހިސާބުތަކުގައި މި އަހަރުގެ މިހާތަނަށް 12 ފުލުހަކު ވަޒީފާއިން ވަކި ކުރިއިރު، 2019 ވަނަ އަހަރުގެ ތެރޭގައި 21 ފުލުހެއް ވަނީ ވަޒީފައިން ވަކިކޮށްފައެވެ. އަދި 2018 ވަނަ އަހަރުގެ ތެރޭގައި 30 ފުލުހެއް މަގާމުން ވަކިކޮށްފައިވާކަމަށް އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި މި ފަސް އަހަރުގައި އެންމެ ގިނަ އަދަދަކަށް ފުލުހުން ވަޒީފާއިން ވަކިކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ. އެ އަހަރު ފުލުހުންގެ ފަރާތުން ނުފެންނަން ޖެހޭ ބައެއް އަމަލުތަކެއްގެ ސަބަބުން 46 ފުލުހެއް މަގާމުން ވަކިކުރިއެވެ.
ބައެއް ފުލުހުން މަގާމުން ވަކިއިރު، މައްސަލައިގެ ބާވަތަށް ބަލާ ބައެއް އޮފިސަރުންނަށް ނަސަތްދީ އިންޒާރު ދީފައިވެއެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް 15 ފުލުހަކަށް ނަސޭހަތް ދީފައިވާއިރު، މިދިޔަ އަހަރު 30 ފުލުހަކަށް ވަނީ އިންޒާރު ދީފައެވެ. އޭގެ އިތުރުން 2017 ވަނަ އަހަރު 32 ފުލުކަށް ވަނީ ނަސޭހަތްތެރިވެ، އިންޒާރު ދީފައެވެ.
ބައެއް މައްސަލަތަކުގެ ތަފްސީލުތައް ވެސް، ފުލުހުން އާއްމުކުރި މައުލޫމާތުތަކުގައި ބަނީ ހިމަނާފައެވެ. އެގޮތުން ފުލުހުންނާއި ބެހޭގޮތުން ކޭސްކުރެވުނު މައްސަލަތަކުގެ ތެރޭގައި ސިއްރު ހިފެހެއްޓުމާއި ހިލާފުވުމާއި، ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރުން، ހަޑިހުތުރު ބަހުން މުއާމަލާތް ކުރުމާއި، މަގާމާއި ނުފޫޒުގެ ބޭނުން ކުރުން، އަދި ހަގީގަތާއި ހިލާފު ވާހަކަ ދެއްކުން ފަދަ އެކި މައްސަލަތައް ހިމެނެއެވެ.
2019 އަހަރު ފުލުހުންނާއި ގުޅޭ 128 މައްސަލައެއް ހުށަހަޅާފައި ވެއެވެ. އަދި 2018 ވަނަ އަހަރު އެފަދަ 127 މައްސަލައެއް ހުށަހެޅުނުއިރު، 2017 ވަނަ އަހަރު 141 މައްސަލައެއް ހުށަހަޅާފައި ވެއެވެ. މި މައްސަލަތައް އާއްމުކޮށް ފުލުހުން ބުނެފައިވަ، ފުލުހުންނާއި ގުޅޭ ނުވަތަ އެ މުވައްސަސާގެ ކޮންމެ މުވައްޒަފަކާއި މެދު ވެސް ޝަކުވާއެއް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެގޮތުން ޝަކުވާއެއް ނުވަތަ މައުލޫމާތެއް ހުށަހެޅުމުން، 10 ދުވަސްތެރޭ އިބްތިދާއީ ތަހުގީގު ފުރިހަމަ ކުރުމަށްފަހު ޕީއެސްސީގައި ގާއިމްކޮށްފައިވާ ޕެނަލްއަކުން މައްސަލައިގެ ގޮތެއް ނިންމާނެ ކަމަށެވެ.
ފުލުހުންނާއި ގުޅޭ އެކި މައްސަލަތަކުގައި ގޮތް ނިންމާނީ ޑިސިޕްލިނަރީ ބޯޑަކުންނެވެ. އަދި މައްސަލަ ތަހުގީގު ކުރާނީ އޮފިސަރަށް ވެސް ވާހަކަ ދެއްކުމުގެ ފުރުސަތު ދީ، އޭނާގެ ހުށަހެޅުންތަކަށް ވެސް ބެލުމަށްފަހުއެވެ. ބޯޑުން ފުލުހުންނަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ، ކައުންސިލް ދިނުން، ހާއްސަ ތަމްރީނު ފުރިހަމަ ކުރުން، ގާބިލުކަން އިތުރުވާފަދަ ހާއްސަ ކައުންސެލިން ދިނުން، ކައިރިން ސުޕަވައިޒް ކުރެވޭ ގޮތަށް ވަޒީފާ އަދާ ކުރުވުން، އަދި ވަޒީފާ އަދާ ކުރާތަން ބަދަލު ކުރުމާއި، ރޭންކު ދައްކުރުން އަދި ވަޒީފާއިން ވަކު ކުރުން ހިމެނެއެވެ.
ޑިސިޕްލިނަރީ ކުށްތައް ގިންތިކުރެވިފައިވާ ކުޑަ ކުށާއި ބޮޑު ކުށަށް ދެވޭ އަދަބުތައް ހަނިކުރެވިފައިވެއެވެ. އެގޮތުން ޑިސިޕްލިނަރީ ކުދި ކުށްތަކަށް ދެވޭ އެންމެ ބޮޑު އަދަބަކީ ރޭންކް ދަށްކުރުމެވެ. އަދި ޑިސިޕްލިނަރ ބޮޑު ކުށްތަކަށް ދެވޭ އެންމެ ކުޑަ އަދަބަކީ ރޭންކް ދަށްކުރުމެވެ.

