ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑުގެ އައުޓްްބްރޭކަށްފަހު ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ފެއާ، ޑަބްލިއުޓީއެމް ލަންޑަން އަންނަ ނޮވެމްބަރު މަހުގައި!

ދުނިޔޭގެ އެންމެ މަޝްހޫރު ޓޫރިޒަމް ފެއާ ވޯލްޑް ޓްރެވެލް މާކެޓް ލަންޑަންގައި - ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އިނގިރޭސިވިލަތުގެ ލަންޑަނުގައި ބާއްވާ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއާ، ވޯލްޑް ޓެރެވެލް މާކެޓް (ޑަބްލިއުޓީއެމް) މި އަހަރުގެ ފަހުކޮޅު ބާއްވާނެކަމަށް އިއުލާނުކޮށްފިއެވެ.

ފެއާ އިންތިޒާމު ކުރާ ފަރާތުން ވަނީ، އިނގިރޭސިވިލާތުގެ ސަރުކާރުން މި އަހަރު ފެއާ ބޭއްވުމަށް ހުއްދަ ދީފައިވާކަމަށް ބުނެފައެވެ. އެހެން ކަމުން ފެއާ މި އަހަރުގެ ނޮވެމްބަރު މަހުގެ 02 އިން 04 އަށް ލަންޑަންގައި ކުރިޔަށް ގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

މި އަހަރުގެ ފެއާގައި ދުނިގޭގެ ގައުމުތަކުގެ އިގްތިސޯދަށް އައި ބޮޑެތި ބަދަލުތަކުން އަރައިގަންނާނެ ގޮތްތަކާއި، އަދި ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީ ދާއިރާއަށް އައި ގެއްލުންތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެވޭނެއެވެ. އޭގެ އިތުރުން ކުރިޔަށް އޮތް ތަނުގައި ދާއިރާގެ ކުރިއެރުންތަކަށް ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޝްވަރާތަކެއް ވެސް ކުރިޔަށް ގެންދާނެއެވެ.

މި އަހަރުގެ ފެއާގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަޝްވަރާތައް މިހާރު ފަށާފައިވާއިރު، އެކްސެލް ލަންޑަންގައި އިވެންޓު ކުރިޔަށް ގެންދާއިރު އޮންލައިންކޮށް ވާޗުއަލް ބައްދަލުވުންތަކެއް ވެސް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ޑަބްލިއުޓީއެމްއިން ބުނެފައިވަނީ، ޓެކްނޮލޮޖީގެ ކުރިއެރުންތަކެއް ހޯދާފައިވާ ޓްރެވެލް ފޯވާޑުން އެކްސެލް ސެންޓަރުގައި ބައިވެރިންނަށް، އެންމެ ފަހުގެ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށް ދާއިރާއަށް އައި ހީނަރުކަމުން އަރައިގަތުމުގައި ބޭނުން ކުރެވިދާނެ ބައެއް ކަންތަކާއި ގުޅޭގޮތުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

މި ފުރުސަތު ވެގެންދާނީ، އައި ބޮޑު ބަދަލެއްގެ ތެރެއިން އަނެއްކާވެސް އާ އުކުޅުތައް ދަސްވެ އަދި ވިޔަފާރިތަކަށް ކުރިއެރުންތަކެއް ލިބިގެންދާނެ އިވެންޓެއްގެ ގޮތުގައި ޑަބްލިއުޓީއެމްއިން ވަނީ ފާހަގަކޮށްފައެވެ.

https://twitter.com/WTM_London/status/1285175624336891904

ޑަބްލިއުޓީއެމް އިންތިޒާމު ކުރާ ފަރާތުން ބުނެފައިވަނީ، އިވެންޓު ކުރިޔަށް ދާއިރު، ސިއްހީ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ. ވަކި ގައިޑްލައިން ތަކަކާއި، އުސޫލުތަކެއް ވެސް ކަނޑައެޅި އެއަށް އަމަލު ކުރާނެ ކަމަށެވެ. އެހެން ކަމުން ކޮވިޑް19 އާއި ގުޅިގެން ސިއްހީ މާހިރުން ދެއްވާ ލަފާތަކާއި ދުނިޔޭގެ ގައުމުތަކުން އަމަލު ކުރާ އުސޫލުތަކަށް ވެސް އިހުތިރާމުކޮށް ސޯޝަލް ޑިސްޓެންސިންއަށް ވެސް ސަމާލުކަމެއް ދޭނެ ކަމަށެވެ.

އެހެން ކަމުން ކޮވިޑުގެ ހާލަތު އައި ފަހުން ފުރަތަމަ ފަހަރަށް މިފަދަ ބައްދަލުވުމެއް ބާއްވާއިރު، އިވެންޓުތަކުގައި ބައިވެރިވާ ފަރާތްތަކަށް މިއީ ސޭފް އެންވައިރޮމެންޓަކަށް ވާނެ ކަމަށް ވެސް ޑަބްލިއުޓީއެމުން ބުނެފައިވެއެވެ.

ރާއްޖެއިން ވެސް ޑަބްލިއުޓީއެމް ފެއާގައި ބައިވެރިވާތާ 35 އަހަރުވެފައިވާއިރު، މިދިޔަ އަހަރުގެ ފެއާގައި ޓޫރިޒަމް ދާއިރާގައި ރާއްޖޭގެއެންމެ މަޝްހޫރު ކުންފުނިތަކުން ބައިވެރިވި އެވެ. އޭގެތެރޭގައި ވިލާ އާއި ޔުނިވާސަލް އާއި ޝެރެޓަން އާއި ބަޑޮސް އާއި ކްރައުން އެންޑް ޗަމްޕާ އާއި ކްރޮސްރޯޑްސް އާއި ރީތި ފަރު ރިސޯޓާއި އަދާރަން އާއި ޓްރިޕަލް އޭ ހޮޓެލްސްގެ އިތުރުން ކެޕިޓަލް ޓްރެވެލް އެންޑް ޓުއާޒް ފަދަ ކުންފުނިތައް ހިމެނެ އެވެ.

މި ފެއާއަކީ ދުނިޔޭގެ ޓޫރިޒަމް ސިނާއަތުގެ މީހުން އެއް ތަނަކުން ބައިވެރިވެ ބައްދަލުވާ އެންމެ ބޮޑު ފެއާ އެވެ. މި ފެއާގައި ޓެކްނޮލޮޖީ ދާއިރާ އާއި އެހެނިހެން ދާއިރާތައް ހިމެނޭ ގޮތަށް 5،000 އަށް ވުރެ ގިނަ ބައިވެރިން، ބައިވެރިވެއެވެ. މީގެ އިތުރުން މި ފެއާއަކީ ޓޫރިޒަމް ސިނާއަތަށް ހާއްސަ ފެއާއަކަށް ވުމާއެކު ޓޫރިޒަމް ދާއިރާގެ 51،000 މީހުން ފެއާގައި ބައިވެރިވެ އެވެ. އަދި ނުފޫޒު ގަދަ ނޫސްވެރިން ވެސް ފެއާ ކަވަރު ކުރުމުގައި ހަރަކާތްތެރިވެއެވެ.

ކޮވިޑުގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކުރިތާ 100 ދުވަސް ފަހުން، އަލުން ދަތުރުތައް ފަށާ އޮންއެރައިވަލް ވިސާތައް ދޫކުރަން ފެށާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. ރާއްޖޭގެ ކުރިއެރުންތަކެއް ހޯދަމުން އައި ފަތުރުވެރިކަމުގެ ދާއިރާއަށް މި އަހަރު ވެސް ބޮޑެތި އުންމީދުތަކެއް ކުރެވުނު ނަމަވެސް، ކޮވިޑުގެ ހާލަތާއި އެކު އިގްތިސޯދަށް ބޮޑު މަޑުޖެހުމެއް އައިސް، ފަތުރުވެރިކަމަށް ހުއްޓުމެއް އައެވެ.

ގިނަ ދުވަސްތަކަށް ފަހު މަޑުމަޑުން އިގްތިސޯދު ހިންގަން ފަށާ، ފަތުރުވެރިކަމަށް ވެސް މި ހާލަތުގައި އަންދާޒާތަކެއްކޮށްފައެވެ. އެގޮތުން އަހަރު ނިމޭއިރު، ރާއްޖެއަށް އައްލަކައެއްހާ ފަތުރުވެރިން އަންނާނެކަމަށް ވަނީ ލަފާކޮށްފައެވެ. ކޮވިޑުގެ ސަބަބުން އޮން އެރައިވަލް ވިސާތައް ދޫކުރުން ހުއްޓާލާ، ބޯޑަރުތައް ބަންދު ކުރުމާއި ހަމައަށް ރާއްޖެ އައިސްފައިވަނީ 382،762 ފަތުރުވެރިންނެވެ. އޭރު ވެސް ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް، ބަލި ބާރު ސްޕީޑެއްގައި ފެތުރެމުން ދިއުމުގެ ސަބަބުން ވަނީ ފަތުރުވެރިންގެ އަދަދުތައް މަދުވަމުން ދިޔައެވެ. 

ފަތުރުވެރިކަމަށް ތައްޔާރުކޮށްފައިވާ ސިނާރިއޯތައް ދައްކާގޮތުން ރާއްޖެއަށް 845،546 ފަތުރުވެރިން އަންނާނެ ކަމަށް ބެލެވެއެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާނަމަ 50 އިންސައްތަ ދަށް އަދަދެކެވެ. ކޮވިޑުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު ވެސް ވަރަށް ބޮޑަށް ހުއްޓި، ފަތުރުވެރިކަން ވެސް ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: