އިސްލާމްދީނުގައި ޢީދަކީ ޝަހުވަތްތަކުގެ ފަހަތުން ދުއްވައިގަތުމެއް ނޫންކަމަށް މިއަދުގެ ޢީދު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
ޢީދު ނަމާދުގެ ޚުތުބާގައި ވިދާޅުވީ، ޢީދުތަކުގައި އޮތީ އިސްލާމީ މިންގަނޑުތަކާއި ގިއުގަނޑުތަކުގެތެރޭގައި އުފާފާޅުކުރުންކަމަށާއި، ޢީދުގެ އުފަލަކީ ކާބޯތަކެތިން ބަނޑުފުރައިލުންނޫން ކަމަށެވެ. މީގެ އިތުރުން ޚުޠުބާގައި ވިދާޅުވީ، ޢީދު އަންނަނީ، މުސްލިމުންގެ ހުރިހައި ފަންތިތަކަށާއި، ގިންތިތަކަށްކަމަށާއި، ޢީދުގެ އުފަލަކީ އެއްވެސް ފަރުދަކު އެކަހެރިނުކޮށް، އެންމެން ޝާމިލްވާގޮތަށް އޮތް އުފަލެއްކަމަށެވެ. އަދި ޢީދުގައި އުފާ ފާޅުކުރާނީ، ހިތްތަކުގެ ސާފުކަމުންނާއި، މޫނުތަކުގެ އުފާވެރިކަމުންކަމަށާއި، އެކަނިވެރިޔާގެ އެކަނި ފިލުވައިދީ، ފަޤީރު މީހާގެ މުހުތާދުތައް ފިލުވައިދީގެންކަމަށް ވެސް ޚުޠުބާގައި ވިދާޅުވިއެވެ. މީގެ އިތުރުން ބީރައްޓެހި މީހާ، ރައްޓެހިކޮށް، ނިކަމެތި މީހާ ބާރުވެރިކޮށްދިނުމަކީ ވެސް ޢީދުގެ އުފާކަމަށް ޚުޠުބާގައި ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން މިއަދުގެ ޢީދު ޚުޠުބާގައި ވަނީ، ޢީދުގެ ޙަޤީޤަތާއި މަޤުޞަދުތަކާއި ބެހޭގޮތުން އިތުރަށް އަލިއަޅުއްވައިލައްވައި ނަސޭހަތްދެއްވާފައެވެ. މި ގޮތުން، މިއަދަކީ، އަހަރުގެތެރޭގައި އަންނާނެ އެންމެ މާތް އެއްދުވަސް ކަމަށާއި، މި ދުވަސްތަކަކީ، ގިނގިނައިން ޒިކުރުކޮށް، ތަޙްލީލު، ތަކުބީރު ކިޔަންވީ ދުވަސްތަކެއްކަމަށް ވެސް ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ. އަދި ހަމައެއާއެކު ޢީދުދުވަހަކީ، އިބްރާހިމް ޢަލައިހިއްސަލާމާއި، އިސްމާޢީލްގެފާނުގެ ހިތްވަރުފުޅު ގަދަކަމާއި، އެ ދެ ބޭކަލުން ﷲ އަށް ކިޔަމަންވެވަޑައިގެންނެވި ގޮތުގެ ފުރިހަމަކަމުގެ މައްޗަށް ފާހަގަކުރެވޭ ޤުރުބާންކުރުމުގެ ދުވަސްކަމަށް ވެސް ޚުޠުބާގައި ވިދާޅުވިއެވެ. މި ގޮތުން ޚުޠުބާގައި ވަނީ، އެ ދެ ބޭކަލުން، ﷲ އަށް ކިޔަމަންވެވަޑައިގެން، އެ އިލާހު، އެ ދެބޭކަލުންނާއި ކުރިމަތިކުރެއްވި އިމްތިޙާން މައްޗަށް ނަޒަރެއް ދެއްވާފައެވެ.
”މި ގޮތުން އިބްރާހިމް ޢަލައިހިއްސަލާމްގެ ދަރިކަލުން، އިސްމާޢީލް ޢަލައިހިއްސަލާމް ފުރާވަރަށްއެރި ހިނދު، އެ ދަރިކަލުންނަށް އިބްރާހީމްގެފާނު ވިދާޅުވިއެވެ. ލޯބިވާ ދަރިފުޅާއެވެ! ދަރިފުޅު ޤުރުބާންކުރާތީ، ހުވަފެނުން ބައްޕާއަށް ފެނިވަޑައިގެންފައިވާ ކަމަށެވެ. އަދި ދަރިފުޅު މިކަމާ މެދު ދެކެނީ ކިހިނެއްތޯ ސުވާލުކުރެއްވިއެވެ. އެ ހިނދު އިސްމާޢީލްގެފާނު ވިދާޅުވީ، ބައްޕާއަށް އަމުރުކުރެވިގެންވާ ކަންތަތް ކުރެއްވުމަށާއި، ﷲ އިރާދަކުރެއްވިއްޔާ، ކެތްތެރިންގެތެރެއިން ވާތަން ބައްޕާއަށް ފެނިވަޑައިގަންނަވާނެކަމަށެވެ. މި ގޮތުން އެ ދެ ބޭކަލުން ﷲ އަށް ބޯލަނބައި ކިޔަމަންވެވަޑައިގެން، އެ ދަރިކަލުންގެ ނިތްވަތަށް ބޭއްވެވިއެވެ.“
މި ގޮތުން އެ ދެބޭކަލުންގެ އިމްތިޙާނުން ފަހުން އައިހާ ބަޔަކަށް އިބްރަތެއް ލިބިގެންދިޔަކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
ޚުޠުބާގައި ވަނީ، ދިވެހިންނަށް ދެއްވާފައިވާ އެންެމެ ބޮޑު ނިޢުމަތުގެ މަތިން މިފަދަ މާތްދުވަހެއްގައި ހަނދާންކުރަންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި އެއީ އިސްލާމްދީން ކަމަށާއި، އެ ދީނަކީ ޤައުމުގެ މިނިވަންކަމާއި ވަޙުދަތުގެ ބިންގާކަމަށް ވެސް ޚުތުބާގައި ފާހަގަކުރެއްވިއެވެ. މި ގޮތުން އަޤީދާ ވަރުގަދަކޮށް، ވަކިވެފައިވާ ހިތްތަށް އަލުން ގުޅުވުމަށާއި، އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަކުރުމުން ދުރުވެ، އަޙްވަންތަކަން ޤާއިމުކުރަންޖެހޭކަމަށް ވެސް ޚުޠުބާގައި ވަނީ ވިދާޅުވެފައެވެ.

