މި އަހަރުގެ ދެވަނަ ކުއާރޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 104 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.
އެސްޓީއޯއިން ޢާންމުކުރި މި އަހަރުގެ ދެވަނަ ކުއަރޓަރގެ މާލީ ހިސާބުތަކުގައިވާގޮތުން، އެ ކުންފުންޏަށް ދެވަނަ ކުއަރޓާގައި ލިބިފައިވަނީ، 1.2 ބިލިއަން ރުފިޔާއެވެ. އޭގެތެރޭގައި ހިމެނެނީ، ތެލުގެ ވިޔަފާރިން ލިބުނު 629 މިލިއަން ރުފިޔާއާއި، އެހެނިހެން ވިޔަފާރިތަކުން ލިބުނު 669 މިލިއަން ރުފިޔާއެވެ.
އެސްޓީއޯގެ ސާފުފައިދާ އަށް މިހާ ބަޮޑަށް އަސަރުކޮށްފައި މިވަނީ، ކޮވިޑް-19 އާއި ގުޅިގެން ކަމަށް އެ ކުންފުނިން ބުނެއެވެ. އެސްޓީއޯއަށް ދެވަނަ ކުއަރޓާގައި ސާފު ފައިދާގެ ގޮތުގައި 104 މިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަހަރުގެ ފުރަތަމަ ކުއަރޓާގައި އެ ކުންފުންޏަށް 114 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި އެ މުއްދަތުގައި ޢާމްދަނީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބިފައިވެއެވެ. އެހެންކަމުން މި އަހަރުގެ ދެވަނަ ކުއާރޓާގައި އެ ކުންފުންޏަށް ލިބުނު ސާފު ފައިދާ މިވަނީ10 މިލިއަން ރުފިޔާ ދަށްވެފައެވެ.
ކޮވިޑް-19 އިގެ ސަބަބުން ދުނިޔޭގެ އިޤުތިޞާދު ހީނަރުވެ، ބޮޑެތި ޤައުމުތަކުގެ ވިޔަފާރިތައް މިހާރު ވަނީ ހުއްޓިފައެވެ. އިޤުތިޞާދީ ކަންކަމާއި ބެހޭ ތަޖުރިބާކާރުންް ވަނީ، ދުނިޔޭގެ އިޤުތިޞާދު ހީނަރުވުމުގެ ސަބަބުން ކުދި ޤައުމުތަކަށް އޭގެ އަސަރު ނުހަނު ބޮޑަށް ކުރާނެކަމަށް ބުނެފައެވެ.

